ޑްވޭން ޖޯންސަން، ކެވިން ހާޓް އަދި ޖެކް ބްލެކް ފަދަ މަޝްހޫރު ތަރިން މުހިއްމު ރޯލްތައް ކުޅެފައިވާ "ޖުމާންޖީ" ފްރެންޗައިސްގެ ތިންވަނަ ފިލްމުގެ ރަސްމީ ނަމަކީ "ޖުމާންޖީ: އޯޕަން ވޯލްޑް" ކަން ފިލްމު އުފައްދާ ފަރާތްތަކުން އިޢުލާންކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ލަސްވޭގަސްގައި ކުރިއަށްދިޔަ ސިނަމާކޮން އިވެންޓުގައެވެ.
ސޮނީ ޕިކްޗާސްއިން ބޭއްވި މި ހަފުލާގައި ފިލްމުގެ ނަމުގެ އިތުރުން، ފިލްމުގެ ފުރަތަމަ މަންޒަރުތަކާއި ޓްރެއިލާ ވެސް ވަނީ ދައްކާލާފައެވެ.
މި ފިލްމަކީ "ޖުމާންޖީ" ފްރެންޗައިޒްގެ ތިންވަނަ ބައެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ފިލްމުގައި ކުރީގެ ބައިތަކުން ފެނުނު ކޭރެން ގިލަން، އެލެކްސް ވުލްފް، މެޑިސަން އައިސްމަން، ސާޑާރިއަސް ބްލޭން އަދި މޯގަން ޓާނާގެ އިތުރުން އަކްވާފީނާ ވެސް ފެންނާނެ ކަމަށް ބެލެވެއެވެ.

"ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގްލް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ޖޭކް ކަސްޑަން ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ މެޓް ޓޮލްމެކް، ޑްވޭން ޖޯންސަން، ޑެނީ ގާސިއާ، ހައިރަމް ގާސިއާ އަދި ޖޭކް ކަސްޑަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކުރީގެ ބައިތައް ވެސް ލިޔުނު ޖެފް ޕިންކްނާ އާއި ސްކޮޓް ރޯސެންބާގްއެވެ.
"ޖުމާންޖީ 3" ސިނަމާތަކަށް އަންނާނީ "އެވެންޖާސް: ޑޫމްސްޑޭ" އަދި "ޑޫން 3" ނެރޭތާ ހަފުތާއެއް ފަހުންނެވެ. އިންޑިއާގައި މި ފިލްމު ރިލީޒްކުރާ ދުވަސްވަރު ޝާހުރުކް ޚާންގެ "ކިންގް" ވެސް ސިނަމާތަކަށް އަންނާނެތީ، ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމެއް ފެންނާނެ ކަމަށް ބެލެވެއެވެ.
"ޖުމާންޖީ" ފްރެންޗައިޒް އަކީ، 1981 ވަނަ އަހަރު ކްރިސް ވަން އޯލްސްބާގް ލިޔުނު ކުޑަކުދިންގެ ވާހަކަ ފޮތެކެވެ. މި ވާހަކައަށް ބިނާކޮށް 1995 ވަނަ އަހަރު ރޮބިން ވިލިއަމްސްއާއެކު ނެރުނު ފިލްމަކީ އާއިލީ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.
އޭގެ 20 އަހަރަށް ވުރެ ގިނަ މުއްދަތެއް ފަހުން، 2017 ވަނަ އަހަރު "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގްލް" ނެރުނުއިރު، ފިލްމުގެ ކޮންސެޕްޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރީގެ ބޯޑު ގޭމްގެ ބަދަލުގައި މިފަހަރު ފެނިގެންދިޔައީ ވީޑިއޯ ގޭމެއްގެ ތެރެއަށް ކުޅުންތެރިން ވަންނަ ތަނެވެ.
އެ ފިލްމަށް ދުނިޔޭގެ ބާޒާރުގައި 962.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، 2019 ވަނަ އަހަރު ނެރުނު "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް"އަށް 800 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.