ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން އެސްޓީއޯއިން ސަބްސިޑައިޒްކުރި އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބޮޑުކަންނެލި މަސްވެރިންނަށް ތެލުގެ އަގު ހެޔޮކޮށްދީފައި މިވަނީ މަސްވެރިންނަށް ހެޔޮ އަގުގައި، ތެޔޮ ލިބޭނެކަމަށް ސަރުކާރުން ބުނިނަމަވެސް، ހެޔޮ އަގުގައި ތެޔޮ ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކުރަން ނިންމިކަން ހާމަކޮށްފައެވެ.
މި ގެނެވުނު ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަަލްގެ އަގު ބޮޑުކުރި ނަމަވެސް، ފަހުން ވަނީ މަސްވެރިންނަށް ކުރިޔެކޭ އެއް އަގެއްގައި ތެޔޮ ގަންނަން ލިބޭނެކަމަށް ބުނެފައެވެ.