"ތެޔޮ އަގުހެޔޮވި ކަމަށް ބުނިނަމަވެސް އަދިވެސް ނުވޭ، މިއީ މަސްވެރި އާއިލާތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް"'

މަސް ދޯނިތަކެއް: އަދިވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ގަންނަން ނުލިބޭކަމަށް މަސްވެރިން ބުނެފި --ފޮޓޯ/ މަސްވެރި އިހަވަންދޫ

މަސްވެރިންނަށް ހެޔޮ އަގުގައި، ތެޔޮ ލިބޭނެކަމަށް ސަރުކާރުން ބުނިނަމަވެސް، މިއަދާ ހަމައަށް ވެސް ހެޔޮ އަގުގައި ތެޔޮ ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން މިދިޔަ ހަފުތާ ތެރޭގައި އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކުރަން ނިންމިކަން ހާމަކޮށްފައެވެ.

https://sun.mv/219323

މި ގެނެވުނު ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަަލްގެ އަގު ބޮޑުކުރި ނަމަވެސް، ފަހުން ވަނީ މަސްވެރިންނަށް ކުރިޔެކޭ އެއް އަގެއްގައި ތެޔޮ ގަންނަން ލިބޭނެކަމަށް ބުނެފައެވެ.

ކަން އެހެން އޮއްވައި، ބޮޑުކަންނެލީގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަސްވެރިންނަށް ކުރިއެކޭ އެއްގޮތަށް ހެޔޮ އަގުގައި ތެޔޮ ގަންނަން ލިބޭނެކަމަށް މީގެ ދެދުވަސް ކުރިން ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް މާލެ ސަރަހައްދުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ގަންނަން ނުލިބޭކަމަށެވެ.

މަސްދޯނިފަހަރާއި، އާންމު ދަތުރުތަކަށް ކުރީގެ އަގުގައި ތެޔޮލިބޭނެކަމަށް، މީގެ ދެދުވަސްކުރިން އެސްޓީއޯއިން ބުނިނަމަވެސް، މިއަދާއި ހަމައަށްވެސް ހެޔޮއަގުގައި މާލެ ސަރަހައްދުން މަސްދޯނިފަހަރަށް ތެޔޮލިބިފައެއް ނުވޭ. ހެޔޮ އަގުގައި ތެޔޮ ލިބިގެން މެނުވީ މަސްވެރިންނަށް މަހަށް ފުރެން ނެތްކަމީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް ލިބިގެންދާ ނުހަނު ބޮޑު ދަތިކަމެއް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް އަގުބޮޑު ނުވާ މިންވަރަށް ތެލުގެ އަގު ބޮޑުވެފައިވާކަން ފާހަގަކޮށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ، ރާއްޖޭގައި ދެވަނައަށް އެންމެބޮޑު ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތްކަމުގައި ވީހިނދު، ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ގިނަ އާއިލާތަކަކީ މަސްވެރިކަމުން އާމްދަނީ ހޯދައިގެން، އާއިލާ ބިނާކުރަމުންދާ ބައެއްކަމަށް ވާއިރު، ތެލަށް މިއައި ބޮޑު ބަދަލުގެ ސަބަބުން މަސްވެރިކަމަށް އިންވެސްޓްކޮށްގެން ތިބި އޮޑިވެރިންނާއި މަސްވެރި އާއިލާތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެހެންކަމުން މިހިނދުން މިހިނދަށް ހެޔޮއަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދެއްވުމަށް އެ ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ވެސް ޑީސަލްތެލުގެ އަގު އެކަށީގެންވާ މިންވަރަކަށް ދަށްނުވުމާއި، އައިސް ލިބުމުގައި ވެސް ދަތިވުމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް