އީދު ދުވަހުގެ ހެނދުނަށް އަދިވެސް އެންމެ މީރީ ހަމަ ކުޅި ބޯކިބަލާ ސަޔާ

ކުޅި ބޯކިބާ: އަދިވެސް އީދު ސަޔަށް އެންމެ މީރީ ބޯކިބަލާއި ސައި ކަމަށް ގިނަ ބަޔަކު ބުނޭ--ފޮޓޯ/ސަންއެމްވީ

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށްފަހު ފިޠުރު ޢީދު ދުވަސް ބައްދަލުކުރީއެވެ.

ރަމަޟާން މަހަށްފަހު މުސްލިމުންނާ ބައްދަލުކުރާ ފިޠުރު ޢީދު ދުވަހަކީ އާއިލާގެ އިތުރުން ރަހްމަތްތެރިންނާއި އަވަށްޓެރިން ވެސް އެއް މޭޒެއްގެ ދޮށުގައި ތިބެ ހެނދުނުގެ ސަޔަށް އިންސާފުކުރާ ދުވަހެކެވެ.

ޢީދު ނަމާދަށްފަހު ޢީދު ސަލާމުގެ ކަންކަން ނިންމާ ގޭގެއަށް ޒިޔާރަތްކޮށް ދެން ހުރިހާ އެންމެންވެސް އަވަސްވެގަންނާނީ ހެނދުނުގެ ސަޔަށް އިންސާފުކުރުމަށެވެ. ބައެއްފަހަރު ގޭގެއަށް ޒިޔާރަތްކުރުމުގެތެރޭ ވެސް ހެނދުނުގެ ސައިގެ ކަންކަން ނިންމާލެވެއެވެ. އެއީ ޒިޔާރަތްކުރާ ވަރަށް ގިނަ ގެއިން ސައި ބުއިމަށް ދައުވަތުދޭތީއެވެ.

ކުޅި ބޯކިބާ ފިހެން ތައްޔާރުކޮށްފައި--ފޮޓޯ/ސަންއެމްވީ

އާއްމުކޮށް މި ހުރިހާ ގެއެއްގައި ވެސް ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިވާ ކެއުންތަކުގެތެރެއިން އެންމެ ގިނަ ޕޮއިންޓް ނުވަތަ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބޭ އެއް ބާވަތަކީ ޒަމާނުއްސުރެ އީދު ސައި މޭޒުމަތިން ފެންނަން ހުންނަ ކުޅި ބޯކިބަލެވެ.

ޢީދަށް ކުޅި ބޯކިބާ ފިހަން ތައްޔާރުކުރާ ބޯކިބާ މަސްގަނޑު އާއްމުކޮށް ގިނަ ބަޔަކު ތައްޔާރުކުރަނީ އީދަށް ހަނދު ބެލުމުގެ ކަންކަން ނިމި ޖެހިގެން އަންނަ ދުވަހަކީ ޢީދު ދުވަސްކަން ކަމާބެހޭ އިދާރާތަކުން އިއުލާނުކުރުމުންނެވެ.

އީދު ދުވަސް ކަށަވަރުވުމާ އެކު އަންހެންވެރިން ބޯކިބާ ތައްޔާރުކުރުމަށް ބޭނުންވާ މަސްގަނޑު ހަދަން އަވަސްވެގަންނައިރު ބައެއް ރަށްރަށުގައި ފަތިހު ފަތިހާ ވެސް ބޯކިބާ ފިހެއެވެ.

ކުޅި ބޯކިބާ ނުކެވޭނަމަ ޢީދު ސައި ބޮވުނުހެން ހީނުވާ ކަމަށް ބައެއް މީހުން ބުނާ ބުނުމަކީ ޒަމާނުއްސުރެ އީދު ސަޔާ ބޯކިބަލާ ދެމެދު އޮތް ބަދަހި ގުޅުން ދައްކުވައިދޭ ކަމުގެ ހެއްކެކެވެ.

އެހެންވެ ހެނދުނުގެ ޢީދު ނަމާދު ނިންމުމަށްފަހު އެ ދުވަހުގެ ނާސްތާއާ މެދު ވިސްނާލުމުންވެސް ސިކުނޑިއަށް އެންމެ ފުރަތަމަވެސް އަންނަ ނަމަކީ ކުޅި ބޯކިބަލުގެ ނަމެވެ.

"ދެކުނުގެ އަތޮޅުގައި ރޭގަނޑު ހޭލާ ތިބެ ބައެއް އަވަށްތަކުގެ މީހުން ވާދައަށް ވެސް ކުޅި ބޯކިބާ ކުރިން ފިހޭނެ. އޭރު އެއީ ވަރަށް މަޖާ އަވަށްތަކުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުން ދައްކުވައިދިން އުފާވެރި މަންޒަރެއް. ބައެއް ގޭގޭގައި އުޅޭ ފިރިހެނުންނާ އަވަށްތަކުގެ ލާނެއް ކުދިން ފިހެފައި އޮންނަ ބޯކިވާ ވަގަށް ނެގުމަކީ ވެސް އޭރު މަޖަލަކަށް ކުރާ ކަންކަން" އައްޑުއަތޮޅަށް ނިސްބަތްވާ ޒުވާނަކު ބުނެފައިވެއެވެ.

ކޮންމެއަކަސް އީދުގެ ސަޔަށް މިހާރުވެސް އެންމެ ގިނަބަޔަކަށް ކުޅި ބޯކިބާ ކަމުދާއިރު ޒަމާނަށް އައިސްފައިވާ ބަދަލުތަކާ އެކު ބޯކިބާގެ ވައްތަރުތަކާ އެ ތައްޔާރުކުރާ ގޮތްތަކަށް ވެސް މިވަނީ ބަދަލު އައިސްފައެވެ. އޭގެތެރޭގައި ސިއްހަތަށް ފައިދާހުރި ގޮތަކަށް ތައްޔާރުކުރާ ބޯކިބާ ހިމެނޭއިރު ފިހާރަތަކުން ވިއްކަން ހުންނަ ހަނޑޫފުށް ބޭނުންކޮށްގެން ބޯކިބާ ފިހާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް މިހާރުވެސް އެންމެ ގިނަ ބަޔަކަށް ކަމުދަނީ އިހުގޮތަށް އީދު ސަޔަށް ކުޅި ބޯކިބާ ތައްޔާރުކުރުމުންނެވެ.

comment ކޮމެންޓް