މަގުބޫލު ކޮންޓެންޓް އުފައްދާ ކާމިޔާ މި ކިޔައިދެނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އިހުތިޔާރުކުރަންވީ ސަބަބުތައް

ކާމިޔާ ރާއްޖެއަށްކުރި ދަތުރެއްގައި މަސްހުނި ތައްޔާރުކުރާގޮތް ދަސްކުރަނީ--ފޮޓޯ/ވިޒިޓް މޯލްޑިވްސް

އިންޑިއާގެ މަޝްހޫރު 'ކޮންޓެންޓް ކްރިއޭޓަ' އަދި ނޫސްވެރިޔާ ކާމިޔާ ޖާނީ ދާދިފަހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ކުރި ދަތުރަށްފަހު އަމިއްލަ ބްލޮގްގައި، ޗުއްޓީއަށް ރާއްޖެއަށް އަންނަންޖެހޭ ސަބަބުތައް ކިޔައިދީފައެވެ.

"ކާލީ ޓޭލްސް"ގެ ނަމުގައި އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ހިންގަމުން އަންނަ ކާމިޔާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ، އަރާމު ހިތަށް ހަމަޖެހުން ގެނެސްދޭނެ ކަހަލަ ޗުއްޓީއަކަށް އެދޭ ބަޔަކު ނަމަ ދިވެހިރާއްޖެ އިހުތިޔާރު ކުރުމަށެވެ.

ދާދިފަހުން ރ.އަތޮޅުގައި އޮންނަ ރީތިފަރު ރިސޯޓުގައި ކާމިޔާ ޗުއްޓީ ހޭދަކޮށްލީ އެއްވެސް ކަހަލަ ހާސްކަމެއް ނެތި ވަރަށް ހިތްހަމަޖެހިގެން ކަމަށާއި މުޅި މީހާގެ ސިކުނޑި އެ ދަތުރުގެ ސަބަބުން ތާޒާކޮށްލަދިން ކަމަށް ކާމިޔާ ވަނީ ބުނެފައެވެ.

ކާމިޔާ ޗުއްޓީ ހޭދަކޮށްލި ގޮތަށް ހިތްފަސޭހަކަމާ އެކު ހާސްކަމެއްނެތި ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންނަމަ އެކަމަށް އެންމެ ރަނގަޅު އެއް ރިސޯޓަކީ ވެސް ރީތިފަރު ކަމަށާއި ކާމިޔާގެ ޗުއްޓީއަށް ދިޔަ ޚަރަދާއި އިތުރު ތަފްސީލުތައް ވެސް އޭނާ ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައެވެ.

އިންޑިއާގެ އެންމެ މަގުބޫލު އަދި ގިނަބަޔަކު ބަލައިގަންނަ ކޮންޓެންޓް އުފައްދާ މަޝްހޫރު ފަރާތަކުން ސޯޝަލް މީޑިއާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް އެކަމުން ހަމަގައިމުވެސް މަންފާތަކެއް ލިބޭނެ ކަމެކެވެ.

ކާމިޔާ އޭނާގެ ދަރިފުޅާ އެކު ރާއްޖޭގައި--ފޮޓޯ/ކޮރަލްގްލާސްމީޑިއާ

އޭގެ ކުރިން ކާމިޔާ އެންމެފަހުން ރާއްޖެ އައިސްފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އޭރު ރާއްޖެއަށްކުރި ދަތުރުގައި އޭނާ ވަނީ، ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ކ.އަތޮޅުގައި އޮންނަ މާފުށްޓަށް ވެސް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގެ ހާއްސަ ވީޑިއޯއެއް ވެސް ކާމިޔާ ވަނީ އޭނާގެ ބްލޮގްގައި އޭރު ހިއްސާކޮށް ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އަމިއްލަ ޔޫޓިއުބް ޗެނަލް އުފެއްދުމުގެ ކުރިން ކާމިޔާ އަކީ އިންޑިއާގެ މަޝްހޫރު ނޫސް ޗެނަލްތައް ކަމަށްވާ، ސީއެންބީސީ، ޓީވީ 18، އީޓީ ނައު އަދި ބްލޫމްބާގް ޔޫޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ކާމިޔާގެ ޔޫޓިއުބް ޗެނަލްގެ ސަބްސްކްރައިބާސްގެ އަދަދު 4.7 މިލިއަނަށްވުރެ އިތުރުވެފައިވާއިރު އޭނާ ވެފައި ވަނީ ކޮންޓެންޓް އުފެއްދުމުގެ ދުނިޔޭގައި ނަން ހިނގާ އެންމެ ނުފޫޒުގަދަ އެކަކަށެވެ.

comment ކޮމެންޓް