ވޯލްޑް ކަޕް ތަށީގެ ފަހަތުގައިވާ ސިއްރު އެނގޭތަ؟

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް މިހާރުދެމުން އަންނަ ތަށްޓާއި އެންމެ ކުރިން ދިން ތަށި...

ފީފާ ވޯލްޑް ކަޕް ތައްޓަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިނާމެވެ. ފުރަތަމަ ތަށި ކަމަށްވާ ޖޫލްސް ރީމޭ ޓްރޮފީ ވަނީ 1930 ވަނަ އަހަރު ތައާރަފުކުރެވިފައެވެ. މި ތަށި ދެ ފަހަރެއްގެ މަތިން ވަގަށް ނެގުނުއިރު، އޭގެ ތެރެއިން އެއްފަހަރު ކުއްތާއެއްގެ އެހީގައި ހޯދުނެވެ. ނަމަވެސް ބްރެޒިލުން ތަށި މިލްކުކުރި ފަހުން އެ ތަށި ވަނީ ގެއްލިފައެވެ. މިހާރު ބޭނުންކުރާ ތައްޓަކީ 1970 ގެ އަހަރުތަކުގައި އިޓަލީގެ ސިލްވިއޯ ގަޒަނިގާ ފަރުމާކުރި ތައްޓެކެވެ. މިއީ 18 ކެރެޓުގެ ރަނުން ހަދާފައިވާ، ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ އަގުހުރި ތައްޓެކެވެ. ފީފާގެ އާ ގަވާއިދުގެ ދަށުން އެއްވެސް ޤައުމަކަށް އަސްލު ތަށި ދާއިމީކޮށް ނުދޭނެއެވެ.

  • ފުރަތަމަ ވޯލްޑް ކަޕް ތަށި ތައާރަފުކުރެވުނީ 1930 ވަނަ އަހަރުއެވެ.
  • ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްގެން 1970 ވަނަ އަހަރު ބްރެޒިލުން ފުރަތަމަ ތަށި މިލްކުކުރިއެވެ.
  • ފުރަތަމަ ތަށި ދެ ފަހަރެއްގެ މަތިން ވަގަށް ނެގިފައިވާއިރު، އެއް ފަހަރު ކުއްތާއެއްގެ އެހީގައި ހޯދިއެވެ.
  • މިހާރުގެ ތަށި ފަރުމާކުރީ އިޓަލީގެ ފަންނުވެރިޔާ ސިލްވިއޯ ގަޒަނިގާއެވެ.
  • މިހާރުގެ ތަށީގެ އަގަކީ ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރެވެ.
  • 2038 ވަނަ އަހަރަށް ފަހު ތަށީގެ ބުޑުގައި ނަން ލިޔާނެ ޖާގަ ހުސްވާނެ ކަމަށް ލަފާކުރެވެއެވެ.

ދުނިޔޭގެ ކުޅިވަރުގައިދޭ އެންމެ މަޝްހޫރު އަދި އެންމެ ޝަރަފުވެރި އިނާމަކީ، ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ނުވަތަ ފީފާ ވޯލްޑް ކަޕްގެ ތަށި ކަމުގައި ބުނެވިދާނެއެވެ.

ވޯލްޑް ކަޕްގެ ތަށްޓަކީ ޝައުގުވެރި ތާރީހެއް ވެސް އޮތް އެއްޗެކެވެ. އެ ތާރީހު، 1930 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ވޯލްޑްކަޕާ އެކު ވަނީ ފެށިފައެވެ.

ޖޫލްސް ރީމޭ ޓްރޮފީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ވޯލްޑްކަޕްގެ ފުރަތަމަ ތަށި

ދުނިޔޭގައި ބޭއްވުނު ފުރަތަނަ ވޯލްޑް ކަޕް މުބާރާތް އޮތީ 1930 ވަނަ އަހަރު އުރުގުއޭގައެވެ. މި މުބާރާތާ އެކު ވޯލްޑް ކަޕް ޓްރޮފީގެ ދަތުރު ވަނީ ފެށިފައިއެވެ.

1930 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރެާތުން ފެށިގެން ބޭނުންކުރަމުން އައި ޓްރޮފީ ޖޫލްސް ރިމެޓް ޓްރޮފީ އާއެކު އެ ތަށީގެ ބާނީ.. ފޮޓޯ: މީޑިއަމް

ވޯލްޑްކަޕްގެ ތައްޓަށް ފުރަތަމަ ދެވުނު ނަމަކީ "ވިކްޓްރީ"އެވެ. ފުރަތަމަ ތިން ވޯލްޑް ކަޕް ބޭއްވި ފަހުން 1946 ވަނަ އަހަރުގެ ތެރޭގައި ފީފާއިން ތަށީގެ ނަން "ޖޫލްސް ރީމޭ ޓްރޮފީ"އަށް ބަދަލުކުރިއެވެ. ޖޫލްސް ރީމޭއަކީ ފީފާގެ ރައީސެއްގެ ގޮތުގައި ހުރެ، ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޚިޔާލު ހުށައަޅައި މުބާރާތް ފެށުމުގެ އެންމެ މުހިއްމު މަސައްކަތްތައް ކުރި، ވޯލްޑް ކަޕްގެ ބާނީގެ ނަމެވެ.

އެންމެ ފުރަތަމަ ވޯލްޑް ކަޕަށް 1930 ވަނަ އަހަރު، މުބާރާތުގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ފަރުމާކުރީ ފަރަންސޭސި ތިމްސާލުވެރިއެއް ކަމުގައިވާ އެއިބެލް ލެފްލިޔާއެވެ.

އެ ތަށީގެ ދިގުމިނަކީ 14 އިންޗިއެވެ. ބަރުދަނުގައި ހުންނަނީ 3.8 ކިލޯގުރާމެވެ. ތަށި ހަދާފައިވަނީ ސްޓާލިން ރިހީގައި ރަން ޕްލޭޓު އަޅައިގެންނެވެ. ތަށީގެ ބުޑު ހެދީ ލާޒަވަރުދު ހިލައިންނެވެ.

1970 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ބްރެޒިލްގެ ޕެލޭ އުފުލާލަނީ ---

ތަށި މިލްކު ކުރުން

ވޯލްޑް ކަޕްގެ ޕްލޭންތައް އެކަށައެޅުނުއިރު، ކަނޑައަޅާފައި އޮތީ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ތަށި ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު، ރަސްމިއްޔާތު ނިމުމުން ތަށި އަނބުރާ ހޯދައި ފީފާގެ ބެލުމުގެ ދަށުގައި ތަށި ބެހެއްޓުމަށެވެ.

ތިން ފަހަރު އެއް ޓީމެއް ތަށި ކާމިޔާބު ކޮށްފިނަމަ، އެ ޓީމަކަށް ތަށި ދާއިމީކޮށް ދިނުމަށެވެ. އެގޮތުގެ މަތީން، ފުރަތަމަ ފަހަރަށް ތިން މުބާރާތް ކާމިޔާބުކޮށްގެން ވޯލްޑްކަޕް ތަށި މިލްކުކުރި ޓީމަކީ ބްރެޒިލެވެ. އެއީ 1970 ވަނަ އަހަރެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ 1939ވަނަ އަހަރު ފެށި، އެ ހަނގުރާމަ މުޅި ޔޫރަޕަށް ފެތުރިގެން ދިޔުމުން ފީފާގެ ނާއިބު ރައީސްކަމުގައި އަދި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސްގެ ގޮތުގައި ހުރި އޮޓޮރީނޯ ބަރާސީ ގަސްތުކުރީ ޖަރުމަނުގެ ނާޒީންގެ އަތްދަށަށް ތަށި ދިޔަނުދީ ރައްކާކުރުމަށެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، އޭރުގެ މި ތަށި ރައްކާކޮށްފައި އޮތީ ރޯމްގެ ބޭންކެއްގެ ތިޖޫރިއެއްގައެވެ.

ނަމަވެސް، ސިއްރިއްޔާތުގައި މި ތަށި ނެންގެވުމަށް ފަހު، އެ ރައްކާތެރިކުރުމަށްޓަކައި އޮޓޮރީނޯ ވަނީ ބާ ބޫޓު ފޮއްޓަކަށް ތަށި ލައި، އެ ފޮށި އޭނާ ނިދާ އެނދު ތަންދޮށުގައި ބަހައްޓާފައެވެ. ހަނގުރާމަ ނިމެންދެން ތަށި ރައްކާތެރިކޮށްފައި އޮތީ އެގޮތުގައެވެ.

ޑޭވިޑް ކޯބެޓް އަދި އޭނާގެ ކުއްތާ ޕިކެލްސް

ތަށި ވަގަށް ނެގުން

ދެ ފަހަރެއްގެ މަތީން ދުނިޔޭގެ އެންމެ ގަދަރުވެރި ތަށި ވަގަށް ނަގާފައި ވެސް ވެއެވެ. ފުރަތަމަ ފަހަރު ތަށި ވަގަށް ނެގީ 1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން، އެ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހެވެ.

ގެއްލުނު ތަށި ކުއްތާއެއް ހޯދުން.. ފޮޓޯ/ ނިއުޔޯކް ޓައިމްސް

ތަށި ވަގަށް ނެގީ ލަންޑަނުގެ ވެސްޓްމިންސްޓާ ސެންޓްރަލް ހޯލުގައި އާއްމުކޮށް ދައްކައިލުމަށް ބަހައްޓާފައި ހުއްޓައެވެ. އޭގެ ހަފުތާއެއް ފަހުން ތަށި ފެނުނީ ބައު ނޫސް ކަރުދާސްގަނޑެއް ތަށީގެ ވަށައިގެން އޮޅާފައި، ދެކުނު ލަންޑަނުގެ މަގެއްގައި ހުރި ގަސްބޮނޑިތަކެއްގެ ތެރޭގައި ބާއްވާފައި އޮއްވައެވެ.

ވޯލްޑް ކަޕް ތަށި ވައްދަށް ނެގުން. މި ތަށި ގެއްލިފައިވަނީ މުބާރާތް ފެށެން އެންމެ ހަތަރުމަހައް ވެފައިވަނިކޮށް 1966 ގައި. ފޮޓޯ/ ނިއުސް18

އެ ތަނުން ތަށި ފެނިގެން ތުނބުލައިގެން ހިފައިގެން ނުކުތީ ޑޭވިޑް ކޯބެޓް ނަމަކަށް ކިޔާ މީހެއްގެ ކުއްތާއެވެ. އެ ކުއްތާގެ ނަމަކީ "ޕިކްލްސް"އެވެ. މިއީ ދުނިޔޭގެ ތާރީހުގައި އެންމެ މަޝްހޫރު އެއް ކުއްތާ ކަމުގައި ބެލެވިދާނެއެވެ. ތަށި ފެނުމުން، އިނާމެއްގެ ގޮތުގައި ޑޭވިޑް ކޯބެޓަށް 3،000 އިނގިރޭސި ޕައުންޑު ދިނެވެ.

ދެވަނަ ފަހަރަށް ޖޫލްސް ރީމޭ ތަށި ވަގަށް ނަގައިފައިވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލަށް ތަށި މިލްކު ވެގެން، ބްރެޒިލުގައި ހުއްޓައެވެ. ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ހުންނަ ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ މައި މަރުކަޒުގެ މައުރަޒު މާލަމުގައި، ވަޒަން ނާރާ ޒާތުގެ ބިއްލޫރި ފޮއްޓެއްގައި ބަހައްޓާފައި ހުއްޓައި ވަގުން ތަށި ގެންދިޔައީއެވެ.

ތަށި ވަގަށް ނެގިކަމުގެ ކުށުގައި ހަތަރު މީހެއްގެ މައްޗަށް ބްރެޒިލުގެ ކޯޓެއްގައި ޝަރީއަތް ކުރެވި، އެ މީހުން ޖަލަށް ވެސް ލިއެވެ. ނަމަވެސް، ތަށި ފެންނަ ގޮތެއް ނުވިއެވެ. ދިރާސާވެރީން ދެކޭ ގޮތުގައި ތަށި ވަނީ އޭގައި ހުރި ރަނާއި ރިހީގެ ބޭނުމުގައި ވިރުވާލާފައެވެ.

މިހެންވުމުން، 1984 ގައި ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އިސްނެގުމަށް 1984 ވަނަ އަހަރު ޖޫލްސް ރީމޭ ތަށީގެ ނަކަލެއް ތައްޔާރުކުރިވެ. ބްރެޒިލުގައި މިހާރު ހުރީ އެ ނަކަލެވެ.

މިހާރު ބޭނުންކުރަމުންދާ ފީފާ ވޯލްޑް ކަޕް ތަށި ފަރުމާކުރި އިޓަލީގެ ސިލްވިއޯ ގަޒަނިގާ. ފޮޓޯ:ނެރެޓިވްލީ

އަލުން ތަށި ފަރުމާކުރުން

އޭގެ ފަހުން 1970 ގެ އަހަރުތައް ފެށުމަށް ފަހު، އާ ފަރުމާއަކަށް ވޯލްޑްކަޕްގެ ތަށި ހެދުމަށް ފީފާއިން ގަސްދުކުރިއެވެ. މި މަސައްކަތުގައި ހަތް ގައުމެއްގެ ފަންސާސް ތިން ފަރުމާވެރީންގެ ފަރުމާތައް ބަލާފައިވެއެވެ. އޭގެ ތެރެއިން އިހުތިޔާރުކުރި ފަރުމާއަކީ އިޓަލީގެ ފަންނުވެރިޔާ ސިލްވިއޯ ގެޒަނިގާގެ ފަރުމާއެވެ.

އެ ފަރުމާއަށް ތަށި ތައްޔާރުކުރީ އިޓަލީގެ މިލާނުގެ ކުންފުންޏެއް ކަމުގައިވާ ބެރްތޯނީ މިލާނޯއިންނެވެ. އެއީ މެޑެއްޔާއި އިނާމު ތަށި އުފެއްދުމުގައި ތަޖުރިބާކާރު އަދި މަޝްހޫރު ކުންފުންޏެކެވެ.

މިއަދާ ހަމައަށް ވެސް ވޯލްޑްކަޕް މުބާރާތް ކާމިޔާބުކުރާ ޓީމަށްދޭ ތައްޓަކީ ގެޒަނިގާގެ ފަރުމާއަށް ބެރްތޯނީން ހެދި ތައްޓެވެ. އޭގެ ދިގުމިނުގައި ހުންނަނީ 14.4 އިންޗިއެވެ. ތަށި ހަދާފައި ހުންނަނީ 6.175 ކިލޯގުރާމުގެ ބަރުދަނުގައި، 18 ކެރެޓު ރަނުންނެވެ. އެތެރެ އޮންނަނީ ހޮއިކޮށެވެ. ބުޑުގައި މާލާކީތު ހިލައިގެ ދެ ފަށް ހުރެއެވެ. ބުޑުގެ ޑައިމީޓަރަކީ 13 ސެންޓިމީޓަރެވެ.

މިހާރު ބޭނުންކުރާ ޓްރޮފީގެ ދިގުމިނުގައި 36.8 ސމ ހުރޭ...

ޖުމުލަ 18 ކެރެޓް ރަނުން ފަރުމާކޮށްފައިވާ ތަށީގެ މިހާރުގެ އަގުން ނަމަ، ތަށީގެ އަގަކީ ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރެވެ. ބުޑުގައި "ފީފާ ވޯލްޑް ކަޕް" މިހެން ލިޔެފައި އޮވެއެވެ. ކޮންމެ މުބާރާތަކަށް ފަހު، ތަށީގެ ބުޑުގައި އެ އަހަރަކު މުބާރާތް ކާމިޔާބުކުރި ޓީމެއްގެ ނަން ވެސް ކަނޑައި ނަގައިގެން ލިޔެއެވެ.

ފީފާގެ ފަހުގެ ޤަވާއިދު ބުނާގޮތުން، ވޯލްޑް ކަޕް ތަށި ދާއިމީ ސިފައެއްގައި އެއްވެސް ޓީމަކަށް ނުދޭނެއެވެ. މުބާރާތުގެ ފައިނަލަށް ފަހު، މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އަސްލު ތަށި ރަސްމިއްޔާތުގައި ހަވާލުކުރިޔަސް، ފަހުން ފީފާއިން ތަށި އަތުލައެވެ. އަދި، ދާއިމީ ސިފައެއްގައި ދޭނީ ލޮއިން ހަދައި ރަން ޕްލޭޓްކޮށްފައި ހުންނަ ނަކަލެކެވެ. އަސްލު ތަށި ހުންނާނީ ފީފާގެ މައި މަރުކަޒުގައެވެ.

ބުނެވޭ ގޮތުގައި މިހާރު ބޭނުންކުރާ ތަށީގެ ބުޑުގައި މުބާރާތް ކާމިޔާބުކުރާ ޓީމުތަކުގެ ނަން ލިޔަމުންދާއިރު، މިހާރު ޖާގަ އޮތީ އެންމެ ހަތަރު މުބާރާތުގެ ނަން ލިޔާށެވެ. ލަފާކުރެވޭ ގޮތުގައި 2038 ވަނަ އަހަރުގެ މުބާރާތަށް ފަހު، ތަށީގެ ބުޑު އެއްކޮށް ފުރޭނެއެވެ. އެހެންވެ، 2042 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފީފާއިން އާ ތައްޓެށް ތައާރަފުކުރަން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް