ކުޑަކުޑަ ކޮޓަރިއެއްގެ ހިތްދަތިކަމުން، ހިތްހަމަޖެހުމަށް: މިއީ މި އާއިލާގެ ނަސީބު

ބޯހިޔާވަކިކަމުން އުންމީދެއް ގެނުވި އާއިލާ..

މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ގިނަ އާއިލާތަކެއް ދަނީ ކުދި އަދި ވައި ދައުރުނުވާ ތަންތަނުގައި ދިރިއުޅެމުންނެވެ. މިގޮތަށް ދިރިއުޅެމުންދިޔަ އާއިލާއެއްގެ ބަލި ކުއްޖަކަށް، އެތަނުގެ ހާލަތުގެ ސަބަބުން ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކާ ކުރިމަތިވިއެވެ. ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މި އާއިލާއަށް ތަނަވަސް ފްލެޓެއް ލިބުމާއެކު، ކުއްޖާގެ ސިއްހަތު ރަނގަޅުވެ، މުޅި އާއިލާއަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

  • މާލޭގައި ގިނަ އާއިލާތަކެއް ދިރިއުޅެނީ ވައި ދައުރުނުވާ ކުދި ތަންތަނުގައި ކަން
  • ގޯސް މާހައުލުގެ ސަބަބުން ބަލި ކުއްޖެއްގެ ސިއްހަތު އިތުރަށް ގޯސްވި ކަން
  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން އެ އާއިލާއަށް ތަނަވަސް އެޕާޓްމަންޓެއް ލިބުނު ކަން
  • އާ ބޯހިޔާވަހިކަމާއެކު ކުއްޖާގެ ސިއްހަތު ރަނގަޅުވެ އާއިލާއަށް ހިތްހަމަޖެހުން ލިބުނު ކަން

ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަކީ ހަމަ ކޮންމެ އިންސާނަކު ވެސް އެންމެ ބޮޑަށް އެދޭނޭ އެއް ކަންތަކެވެ. ނަމަވެސް، އެފަދަ ހިތްހަމަޖެހުންތަކާއި އުފާތަކުން މަހުރޫމުވެގެން މުޅި އުމުރު ގުރުބާން ކުރަންޖެހޭ މީހުން އަދިވެސް މި މުޖުތަމައުގައި ބައިވަރެވެ.

ރާއްޖޭގައި ނަމަ އެންމެ ބޮޑު ހިތްދަތިކަމަކީ އަދިވެސް ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ވަންނާނެ ގެދޮރެއް ނެތުމެވެ. ކުދިކުދި ތަންކޯކޮޅުގައި ބޮޑެތި އާއިލާތައް ތާށިވެފައި ތިބެންޖެހޭ ތިބުމެވެ. ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެލާނެ ރަނގަޅު ތަނަވަސް މާހައުލެއް ނެތުމުގެ ހިތްދަތިކަމެވެ.

ޚާއްޞަކޮށް ތޮއްޖެހިފައިވާ ކާރޫބާރޫ ބޮޑު މި މާލޭގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ކުދިކުދި ތަންތަނުގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތައް ފާހަގަކޮށްލަންޖެއެވެ.

މާލޭގައި ކުއްޔަށް އުޅޭ ގިނަ އާއިލާތަކަކީ ވަރަށް ދަތި ހާލުގައި އުޅެމުންގެންދާ އާއިލާތަކެކެވެ. ކުޑަކުޑަ ތުއްތު ކުދިންތަކެއް ގޮވައިގެން އެކަށީގެންވާ ސާފު ވައި ނުލިބޭ އަދި އިރުގެ އަލިކަން ވެސް ނުލިބޭ ކުދިކުދި ޖަލު ގޮޅިތަކެއް ފަދަ ތަންތަނުގައި ބޮޑު އަގު ދީގެން އުޅެންޖެހިފައިވާ ބައެކެވެ.

އެގޮތުން، މިފަދަ ހިތްތަހި ދިރިއުޅުމެއް އުޅެމުންދިޔަ އެއް އާއިލާއެއްގެ ވާހަކަ ހައުސިން މިނިސްޓްރީން މިއަދު ވަނީ ހިއްސާކޮށްފައެވެ. މި އާދައިގެ އާއިލާގެ އެ މީހުން ދިރިއުޅެމުންދިޔައީ މީހަކު ކޮޅަށް ހުންނައިރު ސީލިންގުގައި ބޯޖެހޭހާ ވަރުގެ ތިރި، އަދި އެއްވެސް ވެންޓިލޭޝަނެއް ވެސް ނުލިބޭ ކުޑަ ކޮޓަރިއެއްގައެވެ. ދިރިއުޅުމަށް ބޭނުންވާ އަސާސީ ސާމާނު ބެހެއްޓުމުން، ދެން އިތުރަށް އެ ކުޑަ ކޮޓަރީގައި ހިނގައިބިނގައިވެ އުޅޭނެ ޖާގައެއް ނެތެވެ.

މިފަދަ ތަންތަނުގައި ވައި ދައުރުކުރުމުގެ ނިޒާމު ހުންނަނީ ވަރަށް ދަށް ފަންތިއެއްގައެވެ. ކޮޓަރީގައި ހުންނަ ހަމައެކަނި ކުޑަދޮރު ހުޅުވާލިޔަސް، ބޭރު ގޯޅިގަނޑުގައި ހުންނަ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ހޫނުވައި ކޮޓަރިތެރެއަށް ވަނުމުގެ ސަބަބުން، އިތުރު ތަކުލީފުތަކަކާ ކުރިމަތިވާތީ، އަބަދު ވެސް ދޮރުތައް ބަހައްޓަން ޖެހެނީ ލައްޕާފައެވެ. މީގެ އިތުރުން، ކައްކަން އުނދުން ރޯކޮށްލާ ވަގުތު މުޅި ތަން ހޫނުވެ، ނޭވާލާން ވެސް ދަތިވާ މިންވަރަށް ހާލަތު ގޯސްވެއެވެ.

އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ އެންމެ ބޮޑު އަސަރެއް ކުރަނީ އާއިލާގައި ހިމެނޭ ބަލިމީހުންނާއި ކުޑަކުދިންނަށެވެ. އެގޮތުން، މި އާއިލާގައި ބަލި ކުއްޖަކު ހުރެއެވެ. އެ ކުއްޖާގެ ގިނަ ކަންކަން ފުރިހަމަކުރަން ޖެހެނީ މެޝިނުގެ އެހީގައެވެ.

ކަންމިހެން ހުރިއިރު، އެ ކުޑަ ކޮޓަރިއަށް ސާފުވައި ނުލިބުމުގެ ސަބަބުން، އެ ކުއްޖާ އަބަދު ވެސް ރޯގާޖެހި ބަލިވުމުގެ މައްސަލަ ކުރިމަތިވެއެވެ. އެ ކުއްޖާގެ ދިފާއީ ނިޒާމު ބަލިކަށިވުމާ އެކު، ކޮޓަރީގައި ވައި ދައުރުނުވުމުގެ ސަބަބުން ބޭނުންކުރާ މެޝިންތައް ވެސް ދިޔައީ އަވަސް އަވަހަށް ހަލާކުވަމުންނެވެ.

"ތަނުގެ ހާލަތު ހުރި ގޮތުން ކޮޓަރީގައި އުޅޭ ކުއްޖަކު ރޯގާ ޖެހިލާއިރަށް ރޫޔާއަށް އެންމެ ފުރަތަމަ އޭގެ އަސަރު ކުރަނީ. ދެން ހަމަ ވަގުތުން ނިއުމޯނިޔާއަށް ވަނީ. ދެން މިހާރު އޮކްސިޖަންއާއި އެއްޗެހި ގެއަށް ދެއްވާފައި ހުންނައިރު ވެސް ދިރިއުޅޭ ތަނަށް ވެންޓިލޭޝަން ނުލިބޭތީ މެޝަންތައް ހަލާކުވަނީ،" ރޫޔާގެ މަންމަ ކިޔައިދިނެވެ.

ރޫޔާގެ ބައްޕަ ކިޔައިދިން ގޮތުގައި ވެލްޓިލޭޝަން ނުލިބުމުގެ ސަބަބުން އިތުރަށް ހާލަތު ވަނީ ގޯހެވެ. އެތޮގުން، ހަށިގަނޑުގެ ތެރޭގައި ކާބަންޑައިއޮކްސައިޑް އުފައްދާ މިންވަރު މަތުވާތީ، ކުއްޖާގެ ފުއްޕާމެއަށް އަންނަނީ ގެއްލުންތައް ލިބެމުންނެވެ.

"އަސްލު މިވާގޮތަކީ މި ގޭގެ ވަށައިގެން ހުންނަ ހުސް ޖާގަ ކޮޅުގައި މި ހުންނަނީ އޭސީތަކުގެ އައުޓްޑޯ ހަރުކޮށްފައި. ސާފު ވައިފޮދެއް ވަންނާނެ އެއްވެސް ގޮތެއް ނެތް. ދެން ކުއްޖާގެ ހަށިގަނޑު ތެރޭގައި ކާބަންޑައިއޮކްސައިޑް އުފެދިގެން ފުއްޕާމެއަށް ގެއްލުންވަނީ،" ރޫޔާގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ބުނީ، މި ސަބަބާ ހުރެ ސަރުކާރުން ބޯހިޔާވަކަމަށް ހުޅުވާލާ ކޮންމެ ފަހަރަކު ވެސް ތަންކޮޅެއް ލިބޭތޯ ބަލާ ކަމަށެވެ. އެގޮތުން، ﷲގެ ރަހުމަތުން މިހާރު ބޯހިޔާކަމެއް ވެސް ލިބި ދިރިއުޅުމުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި، ވެންޓިލޭޝަން ރަނގަޅު، ބޮޑު ތަނަކަށް ބަދަލުވުމުން ރޫޔާގެ މުޅި ދިރިއުޅުމަށް އުންމީދު ގެނެސްދީފި ކަމަށް އޭނާ ބުންޏެވެ.

މި ނިކަމެތި އާއިލާއަށް އުފާވެރިކަމާއި އުންމީދުގެނުވީ ސަރުކާރުގެ ބޯހިޔާވަހިކަމުންނެވެ.

ހަނި، އަނދިރި އަދި ހޫނުން ކެތްނުވާ ކުޑަ ގޮޅިއަކުން، ސާފު ވައި ދައުރުވާ އަލި ތަނަވަސް އެޕާޓްމަންޓަކަށް ބަދަލުވުމަކީ އެ މީހުންގެ ދިރިއުޅުމަށް އައި ހީވެސް ނުކުރާ ފަދަ ބޮޑު އަދި އުފާވެރި ބަދަލެކެވެ. މި ބަދަލާ އެކު ބަލި ކުއްޖާގެ ސިއްހަތަށް ބޮޑު ކުރިއެރުމެއް ލިބި، އުފާވެރި ބޮޑު ބަދަލެއް އަތުވެއްޖެއެވެ.

ބޯހިޔާވަހިކަމަކީ ހަމައެކަނި ބޯމަތީގައި އޮންނަ ފުރާޅެއް ނޫނެވެ. އެއީ އިންސާނާގެ ސިއްހަތާއި، އުފާވެރިކަމާއި، އަދި މުޅި ދިރިއުޅުމުގެ ފެންވަރު ކަނޑައަޅައިދޭ އެންމެ މުހިންމު އެއް އަސާސެވެ. ހިތްދަތި ހާލަތްތަކުގައި އުޅޭ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެ މީހުންގެ މުޅި ދިރިއުޅުން އުޖާލާވެ، މުޖުތަމައަށް ފައިދާ ހުރި ބަޔަކަށް ވުމަށް ހުޅުވޭ ރަނގަޅު ފުރުސަތެކެވެ.

comment ކޮމެންޓް