ރޯވި ގުދަން ރޫޅާލައި، ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި

ރޯވި ގުދަން ރޫޅާލައި، ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި -- ފޮޓޯ/ މިނިސްޓްރީ

ރޭ އަލިފާނުގެ ހާދިސާ ހިނގައި، އެއްކޮށް އަނދާފައިވާ ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަން ރޫޅާލައި، ތަން ސާފުކުރުމުގެ މަސައްކަތް، ލޯކަލް ގަވަނަންސް މިނިސްޓްރީން ފަށައިފިއެވެ.

މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ ރޭ 21:30 އެހާކަންހާއިރެވެ.

މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. ރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން އަލިފާން ނިއްވާ ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ.

ލޯކަލް ގަވަނަންސް މިނިސްޓްރީން ބުނި ގޮތުގައި އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ރޭގެ އަލިފާނުގެ ހާދިސާގައި އަނދައިގެންގޮސްފައިވާ 'ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'ގެ ކެމިކަލް ގުދަން ރޫޅައި، ތަން ސާފުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ވަނީ ފަށައިފައެވެ.

އެންޑީއެމްއޭއިން ފަތިހު ކުރި ޕޯސްޓެއްގައި ވަނީ، ރޭ 2:30އާ ހަމައަށް އެ ސަރަހައްދުގައި ހުރި 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ، 69 އަންހެނުންނާއި 385 ކުޑަކުދިން ކަމަށްވާއިރު، އޭގެތެރޭގައި 302 ބިދޭސީން ވެސް ހިމެނެއެވެ.

އެންޑީއެމްއޭއިން ފާހަގަކުރި ގޮތުގައި، ވަގުތީ ބޯހިޔާވަހިކަން ދީފައިވަނީ 10ގެއެއްގެ 77 މީހުންނަށެވެ. މީގެއިތުރުން، 280 ބިދޭސީންނާ ވެރިފަރާތުން ހަވާލުވެފައިވާ ކަމަށާއި 20 ބިދޭސީއަކަށް ދިވެހި ރެޑް ކެރެސެންޓުން އެހީތެރިކަން ދިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

https://sun.mv/219415

ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގެތަކަށް ބަދަލުވެފައިވާއިރު، 15 ގެއަކުން މީހުން ހުސްކުރީ އެ ސަރަހައްދުގައި ހުރި ބޯދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.އަދި، ދުމުގެ އަސަރުކޮށްގެން މި ހާދިސާގައި ހަތް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެ ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

comment ކޮމެންޓް