ޢީދުގެ އުފާފާޅުކުރުމާއެކު ވެސް، ރޯދަމަހުގެ ތަގުވާވެރިކަމާއި އަޅުކަމުގެ މަތީގައި ދެމިތިބެން ސިޔާމް އެދިވަޑައިގެންފި

އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު: އެމަނިކުފާނު ވަނީ އެންމެހާ ރައްޔިތުންނަށް ޢީދު ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައި -- ސަން ފޮޓޯ

ޢީދު ދުވަހުގެ އުފާފާޅުކުރުމާއެކު ވެސް، ރަމަޟާންމަހުގެ ތަގުވާވެރިކަމާއި އަޅުކަމުގެ ހަނދާންތައް އާކޮށް، އެ މަތިވެރި ގޮތުގައި ދެމިތިބުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އެދިވަޑައިގެންފިއެވެ.

ފިތުރު ޢީދުގެ މުނާސަބަތާ ގުޅިގެން ސިޔާމް ނެރުއްވި ޚިތޯބުގައި ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަކުރާ އިސްލާމީ އުންމަތުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައެވެ.

ސިޔާމް ވިދާޅުވީ ފިތުރު ޢީދަކީ އުފާފާޅުކުރުމުގެ އިތުރުން އޯގާތެރިކަމާއި، ދީލަތިކަން އިސްކުރުމުގެ މަތިވެރި މުނާސަބަތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަގުވާވެރިކަމާއި، އަޅުކަމުގެ ހަނދާންތައް އާކޮށް، އެ މަތިވެރި ގޮތުގައި ދެމިތިބުމަށް ހިތްވަރު ލިބިދޭ ދުވަހެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ރަމަޟާން މަހެކޭ އެއްފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދީނީ އަޅުކަންތަކަށް ސަމާލުކަންދީ، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް އަޒުމް ކަނޑައެޅުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ސިޔާމް ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރާ ފިތުރު ޢީދަކީ މާތްﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރު ދަންނަވައި، ތަކްބީރުގެ އަޑުން މުޅި މާހައުލު ގުގުމާލަންޖެހޭ ދުވަހެކެވެ. އަދި މިއީ އެކަކު އަނެކަކަށް މާފުކުރުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން ބަދަހިކުރުމުގެ ޢީދު ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަދި މި މުނާސަބަތުގެ އުފަލުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބޭފުޅުން ބައިވެރިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގެ ދުޢާއަކީ، މި ޢީދުގެ ދުވަސްތަކަކީ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން،" ޙިތޯބު ނިންމަވާލައްވައި ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް