ނޭދެވޭ ކަންކަމާއި ދީނާ ޚިލާފު އަމަލުތައް ދޫކޮށް، އިސްލާމްދީނުގެ އަސްލުތަކަށް ރުޖޫއަވުމަށް ސިޔާމް ގޮވާލައްވައިފި

އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ

ނޭދެވޭ ކަންކަމާއި ދީނާ ޚިލާފު އަމަލުތައް ދޫކޮށް، އިސްލާމްދީނުގެ އަސްލުތަކަށް ރުޖޫއަވުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތޯބުގައި ވިދާޅުވީ، ހިޖުރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާއިރު ހިޖުރައިގެ މަތިވެރި ދަތުރުން ލިބިދޭ ފުން މާނަވީ އިބުރަތްތައް ހާސިލުކުރުން މުހިންމު ކަމަށެވެ. އަދި ކީރިތި ރަސޫލާ އެކަލޭގެފާނުގެ އުފަން ބިމާއި، ލޮބުވެތި މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ނުރައްކާތެރި ދަތުރުފުޅަކީ، ސަބަބުތަކުގައި ހިފައި، ކޮންމެ ކަމެއްގައި ވެސް މާތްالله އަށް ވަކީލުކުރުމުގެ މަތިވެރި ފިލާވަޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެއީ ކިތަންމެ ދަތި އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް ކެތްތެރިކަމާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މާތްاللهގެ މަގުގައި ކާމިޔާބީ ލިބޭނެ ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ފާހަގަކުރެއްވި ގޮތުގައި މާތް ނަބިއްޔާ ބިނާކުރެއްވި އިސްލާމީ ދައުލަތަކީ މުޅި އިންސާނިއްޔަތަށް ރަހުމަތެއްގެ ގޮތުގައި ލެއްވި ލޯތްބާއި، އޯގާތެރިކަމާއި، އަދުލުވެރިކަމުގެ ނަމޫނާއެކެވެ. އަދި މިއަދުގެ އިސްލާމީ ދައުލަތްތަކާއި ވެރިންނަށް އޮތް އެންމެ ރިވެތި ނަމޫނާއަކީ މަދީނާގައި ބިނާކުރެވުނު އެ އިންތިޒާމްތައް ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން އެންމެހާ ނޭދެވޭ ކަންކަމާއި ދީނާ ޚިލާފު އަމަލުތައް ދޫކޮށް، އިސްލާމްދީނުގެ އަސްލުތަކަށް ރުޖޫއަވުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަޅުގަނޑުގެ އިލްތިމާސަކީ މި ފެށުނު އާ އަހަރާއެކު ހުރިހާ ރައްޔިތުން ވެސް އިސްލާމް ދީން މަތިވެރިކުރުމަށް އަޒުމް ކަނޑައެޅުން. ދީނީ އަޅުކަންތަކަށް ޚާއްސަ ސަމާލުކަމެއް ދީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރުއާން ކިޔެވުމާއި، ޒަކާތް ދިނުމާއި، ސަދަގާތްކޮށް އުޅުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަސިއްޔަތްކުރަން، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު

ސިޔާމްގެ ޚިތޯބު ނިންމަވައިލެއްވީ، ހިޖުރައިން 1448 ވަނަ އަހަރު ފެށޭ މި އުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި އިޚްލާސްތެރި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވަމުންނެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވަނީ ދީނާ ޚިލާފު ކަންކަން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި މުޙައްމަދު ﷺ ގެ ހިޖުރައިގެ ދަތުރުފުޅުން އިބުރަތް ހާސިލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ދަތި ހާލަތްތަކުގައި ވެސް الله އަށް ވަކީލުކޮށް މަސައްކަތްކުރުމަށް ލިބޭ ފިލާވަޅެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މަދީނާގައި ބިނާކުރެވުނު އިސްލާމީ ދައުލަތަކީ މުޅި އިންސާނިއްޔަތަށް ހުރި ނަމޫނާއެއްކަން ފާހަގަކުރައްވައި، ފަރުޟު ނަމާދުތަކާއި ޤުރުއާން ކިޔެވުމާއި ޒަކާތް ދިނުން ފަދަ އަޅުކަންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

  • ނޭދެވޭ އަމަލުތަކާއި ދީނާ ޚިލާފު ކަންކަން ދޫކޮށްލުމަށް ގޮވާލެއްވުން.
  • ކީރިތި ރަސޫލާ ﷺ ގެ ހިޖުރައިގެ ދަތުރުފުޅުން އިބުރަތް ހާސިލުކުރުމަށް ބާރުއެޅުއްވުން.
  • ފަރުޟު ފަސް ނަމާދާއި، ޤުރުއާން ކިޔެވުމާއި، ޒަކާތާއި ސަދަގާތަށް ސަމާލުވުމަށް އިލްތިމާސްކުރެއްވުން.
  • މަދީނާގެ އިސްލާމީ ދައުލަތަކީ މިއަދުގެ ވެރިންނަށް އޮތް އެންމެ ރަނގަޅު ނަމޫނާ ކަމުގައި ފާހަގަކުރެއްވުން.
  • ހިޖުރީ އައު އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް އަރިސްކުރެއްވުން.
  • ދީނީ އަސްލުތަކަށް ރުޖޫއަވުމުގެ މުހިންމުކަން.
  • ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅުތަކުގެ ބޭނުންހިފުން.
  • އަމަލީ ގޮތުން ދީނީ ފަރުޟުތައް އަދާކުރުމަށް އަޒުމް ކަނޑައެޅުން.
comment ކޮމެންޓް