ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށަން އެއްބަސްވުން ހަދައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން، ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވިގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އޮސްޓްރޭލިއާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކަށް ދަތުރުކުރުމުގައި އޮތް ހުރިހާ ހުރަސްތަކެއް ވަނީ ނައްތާލެވިފައެވެ.

https://www.sun.mv/215538

މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރުމުގައި ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ހުރަސްތައް މި އެއްބަސްވުމާއެކު ނިމުމަކަށް އައިސް، ދެ ގައުމުގެ އެއާލައިންތަކަށްވެސް ސީދާ ދަތުރުތައް އޮޕަރޭޓްކުރުމުގެ މަގު ވަނީ ފަހިވެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކަނިވެސް އޮސްޓްރޭލިއާއިން 42,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޮސްޓްރޭލިއާ މާކެޓަކީ އާންމުގޮތެއްގައި ގިނަ ދުވަހު ރާއްޖޭގައި މަޑުކުރާ، އަދި އިގުތިސާދަށް އޭގެ ސަބަބުން ބޮޑު މަންފާއެއް ކުރާ މާކެޓެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން އޮސްޓްރޭލިއާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ޖެހެނީ ސިންގަޕޫރު، ކޮލަމްބޯ ނުވަތަ މެދުއިރުމަތީގެ ގައުމުތައް މެދުވެރިކޮށް ޓްރާންސިޓް ކުރުމަށްފަހުގައެވެ. މިގޮތަށް ދަތުރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާއިރު، ދަތުރުފަތުރުގެ ހުރަސްތައް ނައްތާލުމާއެކު، ސީދާ ދަތުރުތައް ފެށި، ދަތުރުކުރުމަށް ހޭދަވާ ވަގުތު ގާތްގަނޑަކަށް 11 ގަޑިއިރަށް ކުޑަވެގެންދާނެއެވެ. މިއީ އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ހަމައެހެންމެ، ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމާއި ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ލިބޭ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދިޔުމެވެ. މޯލްޑިވިއަން އިން ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ "ލަގްޒަރީ އެސްކޭޕްސް" އާ ގުޅިގެން، މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު މާލެއާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދުވަހު އޮޕަރޭޓްކުރާ ޝެޑިއުލްޑް ޗާޓާ ފްލައިޓްތަކެއްގެ ގޮތުގައެވެ.

މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އެއާބަސް އޭ330-200 މަރުކާގެ ބޯޓެކެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ފެށޭ ފުރަތަމަ ސީދާ ކޮމާޝަލް ފްލައިޓްތަކަށް ވާއިރު، މިއީ މިހާރު މަދު ގައުމަކަށް ދަތުރު ކުރާ ގައުމީ އެއާލައިންގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ މުހިންމު ލަނޑުދަނޑިއެކެވެ.

comment ކޮމެންޓް