ތެހެރާން (19 މާޗް 2026) : އެމެރިކާއާއި އިސްރާއީލުން އީރާނުގެ ގޭސް ސިނާއަތުގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ ޕާސް ގޭސް މަރުކަޒަށް ހަމަލާދިނުމުން ރައްދުގައި އެމެރިކާގެ ކުންފުނިތަކުން އިންވެސްޓްކުރާ ގަލްފުގެ ތިން ގައުމެއްގެ ތެލުގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދިނުމުން ގަލްފުގެ ގައުމުތައް ރުޅިގަދަވެ އީރާނަށް ހަރުކަށި އިންޒާރުތަކެއް ދީފިއެވެ.
ސައޫދީން ވަނީ އީރާން މިހިންގީ ނުރައްކާތެރި ޖަރީމާއެއްކަމަށާ އަމިއްލަ ނަފްސުގެ ދިފާއުގައި އީރާނަށް ރައްދު ހަމަލާތައް ދޭންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. ގަތަރުންވަނީ އެގައުމުގައި ތިބޭ އީރާނުގެ ޑިޕްލޮމެޓުން 24 ގަޑީއިރު ތެރޭގައި އެގައުމުންބޭރުވުމަށް އަންގާފައެވެ.
އީރާން ބުނާގޮތުން އެގައުމަށް ހަމަލާދީފައި ގަލްފުގެ ގައުމުތަކުގެ ބިއްދޮށަށްވަދެ އެމެރިކާއަށް ފިލައިގެން ނޯވެވޭނެ ކަމަށާ އެމެރިކާއާއި އިސްރާއީލު ފަހައި ދުވުމަށްޓަކައި ހަމަލާނުދެވޭނެ އެއްވެސް ތަނެއް ގަލްފުގައި ވެސް އަދި މެދުއިރުމަތީގައިވެސް ނޯންނާނެ ކަމުގައެވެ.
އީރާނުން ހަމަލާދިނީ ސައޫދީ، ގަތަރު އަދި ޔޫއޭއީ ގައިވާ އެމެރިކާގެ ކުންފުނިތަކުގެ ތެލުގެ އިންވެސްޓްމަންޓްތަކަށް ކަމަށް އީރާން ބުނެއެވެ. އިސްރާއީލުން ހަމަލާދިނީ އީރާނުގެ ދެކުނުގައިވާ ޕާސް ގޭސް ކާރުޚާނާ ތަކަށެވެ.
އީރާން ބުނާގޮތުން އެމެރިކާއާއި އިސްރާއީލުގެ ބޭނުމަކީ އީރާނުން ކަރަންޓް ކަނޑާލައި އީރާނުގެ އާންމު ރައްޔިތުންގެ ދިރިއުޅުން ކަނު އަނދިރިގެ ތެރެއަށް ވައްޓާލުމެވެ.

އީރާނުގެ ހަަމަލާއެއް ގަލްފުގެ ތެލުގެ މަރުކަޒަކަށް އަރާފައި
އީރާނުގެ ތަސްނީމް ނޫސްއެޖެންސީ ބުނާގޮތުން ގޭސް މަރުކަޒުތަކަށް ހަމަލާދިނުމުގެ ބޭނުމަކީ އީރާނުން ކަރަންޓް ކަނޑާލައި ސަރުކާރު މަސައްކަތްވެސް ހުއްޓުމަކަށް ގެނަސް ގައުމު މުޅިން ގަނޑުބަނޑުކޮށް އީރާނުގެ ސަރުކާރު ވައްޓާލުމަށްޓަކައި ރައްޔިތުން މަގުތަކަށް ނެރުމަށް މަގު ފަހިކުރުމެވެ.
އީރާނުގައި ކަރަންޓްގެ ބޮޑު ބައެއް އުފައްދަނީ ގޭހުންނެވެ އެހެންކަމުން އެމެރިކާއާއި އިސްރާއީލުގެ މި ހަމަލާތަކަކީ އާދައިގެ ކަމެއްނޫންކަމާއި މިއީ އީރާންގެ ވުޖޫދާ ގުޅިފައިވާ ކަމެއްކަމަށް އެގައުމުން ދެކެއެވެ.
އެހެންކަމުން ކޮންމެއަގެއް ދައްކަން ޖެހުނުނަމަވެސް މިކަމަށް ރައްދު ނުދީ ނޯންނާނެކަމަށް ބުނެ އީރާން ވަނީ އެމެރިކާގެ ކުންފުނިތަކުން އިންވެސްޓްކުރާ ސައޫދީ ގަތަރު އަދި ޔޫއޭއީގެ ތެލުގެ ތިން މަރުކަޒަކަށް ހަމަލާދޭނެކަމުގެ އިންޒާރުދީ އެތަންތަނުން މީހުން ހުސްކުރުމަށް އަންގާފައެވެ.
މީހުން ހުސްކުރުމަށް އެންގިތާ ތިން ގަޑީއިރު ތެރޭގައި އީރާނުންވަނީ ގަތަރުގެ ރައުސް ލައްފާން ތެލުގެ ކާރުޚާނާ ތަކަށް ވަރުގަދަ ހަމަލާތަކެއްދީފައެވެ. އެއަށްފަހު އީރާންވަނީ ސައޫދީގައި އެމެރިކާގެ ކުންފުންޏަކުން ހިންގާ ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަކަށާއި ޔޫއޭއީގެ އަބޫދަބީ ގައި ހުންނަ ހަބްޝާން ތެލުގެ މަރުކަޒަކަށް މިސައިލުން ހަމަލާދީފައެވެ. މީގެއިތުރުން ގަލްފުގައި އޮތް ތިން އާގު ބޯޓަކަށްވެސް އީރާން ވަނީ ހަމަލާދީފައެވެ.
މި ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ފީފާއަކަށް 109 ޑޮލަރަށް މައްޗަށް ގޮސްފައެވެ. އީރާން މިތަންތަނަށް ހަމަލާދީފާނެތީ އެމެރިކާވަނީ އީރާނުގެ ގޭހުގެ މަރުކަޒަށް ދިން ހަމަލާއަކީ އިސްރާއީލުގެ ހަމަލާއެއްކަމަށް ބުނެ އީރާނުގެ ރައްދު ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެކަމުން ރެކިގަތުމަށް މަސައްކަތް ކޮށްފައެވެ.
ނަމަވެސް އީރާން ބުނާގޮތުން އީރާނުގެ ގޭސް މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިވިނަމަވެސް އަދި ނުވިނަމަވެސް އީރާނުގެ ގޭހުގެ މަރުކަޒަށް ހަމަލާދިނީ އެމެރިކާ އަޑީގައި އޮވެގެންނެވެ.
ގަލްފުގެ ތެލުގެ މަރުކަޒުތަކަށް އީރާނުން ރައްދު ހަމަލާދިނުމުން ގަލްފުގެ ގައުމުތައްވަނީ އީރާން ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ސައޫދީން ވަނީ އީރާން މިހިންގީ ނުރައްކާތެރި ޖަރީމާއެއްކަމަށާ އަމިއްލަ ނަފްސުގެ ދިފާއުގައި އީރާނަށް ރައްދު ހަމަލާތައް ދޭންޖެހިދާނެކަމުގައެވެ. ގަތަރުންވަނީ އެގައުމުގައި ތިބޭ އީރާނުގެ ޑިޕްލޮމެޓުން 24 ގަޑީއިރު ތެރޭގައި އެގައުމުންބޭރުވުމަށް އަންގާފައެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އިސްރާއީލާއި އެެމެރިކާގެ ބޭނުމަކީ އީރާނާ ދެކޮޅަށް އެދެގައުމުން ކުރާ ހަނގުރާމައިގެ ތެރެއަށް ގަލްފުގެ އަރަބި ގައުމުތައް ވެއްދުމެވެ.