ކަނޑުއޮޅިން ފީއެއް ނެގި ނަމަވެސް، ޗައިނާ ފަދަ އެކުވެރި ގައުމުތަކަށް ލުއި ލިބޭނެ: އީރާން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގި ނަމަވެސް ޗައިނާއަށާއި އެކުވެރި ގައުމުތަކަށް ޚާއްސަ ކަންތައްތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ/ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ފީއެއް ނަގާނެ ކަމަށާއި ނަމަވެސް ޗައިނާއާއި އެހެން އެކުވެރި ގައުމުތަކަށް ޚާއްސަ ލުއިތަކެއް ދޭނެ ކަމަށް, ޗައިނާގައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ވޯލްޑް ޕީސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސަފީރު އަބްދުލްރެޒާ ރަހުމާނީ ފަޒްލީ ވިދާޅުވީ އީރާނުން މަސައްކަތް ކުރަމުންދަނީ އޮމާނާ އެކު "އާ އިންތިޒާމުތަކެއް" ގެނައުމަށް ކަމަށެވެ.

"މި އާ އިންތިޒާމުތަކަކީ ކަނޑުއޮޅިން ދަތުރުކުރުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމާއި، އުޅަނދުތައް ދަތުރުކުރުމުގެ ކަންކަން ބެލެހެއްޓުމާ ގުޅޭ އިންތިޒާމުތަކެއް." އޭނާ ވިދާޅުވިއެވެ.

ފަޒްލީ އިތުރަށް ވިދާޅުވީ ކަނޑުއޮޅިއާ ގުޅޭ އާ އިންތިޒާމުތައް ހަމަޖައްސާނީ އޮމާނާ ގުޅިގެން އަދި ޕާޓްނަޝިޕްގައި ކަމަށެވެ.

އީރާނާއި އޮމާނުން ވަނީ ކަނޑުއޮޅި މެނޭޖްކުރާނެ ގޮތް ކަނޑައެޅުމަށް ޖޮއިންޓް ކޮމިޓީއެއް އުފައްދާފައެވެ.

އީރާނުގެ ނޫރްނިއުސް އެޖެންސީން ވެސް އޭނާއާ ހަވާލާދީ ބުނެފައި ވަނީ ކަނޑުއޮޅިން ފާއިތުވާ އުޅަނދުތަކަށް ދޭ ސާވިސް ފީގެ ފެންވަރާއި ވައްތަރު ކަނޑައެޅުމުގައި ޗައިނާ އާއި އެކުވެރި އެހެން ގައުމުތަކަށް "ޚާއްސަ ކަންތައްތަކެއް" ކަނޑައަޅާނެ ކަމަށެވެ.

ޢަދާވާތްތެރިކަން ހުއްޓުވުމަށް މިދިޔަ މަހު އީރާނާއި އެމެރިކާއިން ސޮއިކުރި ފުރަތަމަ އެއްބަސްވުމުގައި ވިޔަފާރި ބޯޓުތައް 60 ދުވަހުގެ މުއްދަތަށް ކަނޑުއޮޅިން ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ މުއްދަތަށް ފަހު ގެންގުޅޭނީ ކޮން ސިޔާސަތުތަކެއް ކަމެއް ސާފެއް ނޫނެވެ.

ދާއިމީ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ ފައިނަލް އެއްބަސްވުމެއްގެ ދަށުން ކަނޑުއޮޅީގައި ޓްރާންސިޓް ކުރާ އުޅަނދުތަކުން ޓޯލް ނުވަތަ ފީ ނެގުމުގެ ހުއްދަ އީރާނަށް ނުދޭނެ ކަމަށް ބުނެފައެވެ.

އޭޕްރީލް މަހު އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވުމުގެ ގޮތުން އީރާނުގެ ދެކުނުގެ ބަނދަރުތަކަށް އެއާ އެއްގޮތަށް ކަނޑުގެ ސިފައިންގެ ބްލޮކޭޑެއް ޖަހާފައެވެ.

ދުނިޔޭގެ ސާފުނުކުރާ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގައި އީރާނުން ބަންދުކުރިއެވެ.

comment ކޮމެންޓް