މާލޭގެ އިއްޒުއްދީން މަގުގައި ހުރި ގޯ ޑައުންއެއްގައި ރޯވެ، މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހިސާބުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.
މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި: އަލިފާން ނިއްވަން ސިފައިން އަންނަނީ ހަރަކާތްތެރިވަމުން -- ސަން ފޮޓޯ/ އަފްވާން ސޮލާހް
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންނެވެ.