މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ނުރައްކަލުގެ ހާލަތަށް ފުރަގަސްދީ، ސަރުކާރުން އިސްކަން ދެނީ އިންތިޚާބަށް ކެމްޕޭންކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްލާއީމް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގުތިސާދުގެ ނާޒުކު ކަމާ މެދު މެދުނުކެނޑި ކަންބޮޑުވުން ފާޅުކޮށް، އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ގައުމު ހިންގަމުންދަނީ ބޭކާރު ހޭދަކުރުން އިތުރުވާ އުސޫލުން ކަމަށާއި އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވަޒީފާތައް މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ މިންވަރަށް އިތުރުކުރުމާއި، އަމިއްލަ ވިޔަފާރިތައް ބާކީކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްއެޅުން ފަދަ ކަންކަން ކުރައްވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މިހާރު ހިނގަމުންދާ އީރާނާއި އެމެރިކާ އަދި އިސްރާއީލުގެ ހަނގުރާމަ ފަދަ ބޭރުގެ ލޮޅުމަކާ އެކު އިގުތިސާދު މުޅިން ފުނޑުފުނޑުވެގެންދާ ފަދަ ނުރައްކާތެރި ހާލަތަކަށް ގައުމު ވެއްޓިފައިވާ ކަމަށެވެ.
މިހާރު ހިނގަމުންދާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް ނުރައްކާވާނެތީ، ތައްޔާރީއެއްވުމަށް ކުރާ އިލްތިމާސްތަކަށް ސަރުކާރުން ބޯލަނބާފައެއްނުވޭ. އޭގެ ބަދަލުގައި، މި ނުރައްކާތެރި މައްސަލައަށް ފުރަގަސްދީ، ސަރުކާރުން އިސްކަންދެމުންދަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް،
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުއްލިއަކަށް ތެލުގެ އަގު އުފުލި، ގޭސް ރޭޝަންކުރަން ޖެހުމުގެ ސަބަބުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، މުދާ އެއްކުރުން ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ތެލުގެ ދަތިކަން އިތުރަށް ގޯސްވެ، ދަތުރުފަތުރުގެ އަގުތަކާއި، ފިހާރަތަކުގައި މުދަލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
މީގެ އިތުރުން، އެންމެ ކަންބޮޑުވާންޖެހޭ އަދި ނާޒުކު މައްސަލައަކީ ފެނުގެ ދަތިކަންކަމަށާއި، އިރުވައި މޫސުން ބޯމަތިވެފައިވާއިރު، ފެނުގެ ބޭނުންތަކަށް މުޅިން ބަރޯސާވަނީ ފެން އުފައްދާ ނިޒާމުތަކަށްކަން ވަނީ ފާހަގަކޮށްފައެވެ،
ސަރުކާރުން މިހާރު މި އުޅޭ "ކަންކަން ހަމަޖެހިފައިވާ" ކަމަށް ދައްކާ ކުށްހީން ބޭރުވެ، ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުވައި، ބޭކާރު ޚަރަދުތައް ކުޑަކުރުމުގެ އަމަލީ ފިޔަވަޅުތައް އަޅަންޖެހޭ،
ފައްޔާޒު އިތުރަށް ވިދާޅުވީ، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ކުރީކޮޅަށް ހަމަވާނެ ކަމަށެވެ. ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަންނަ ލޮޅުންތަކާއި އިންފްލޭޝަން ގޯސްވަމުންދާއިރު، މި ފައިސާ ދައްކާނެ ގޮތެއްގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަ ނުކުރެއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެކަށީގެންވާ ރޭޓެއްގައި ރީ-ފައިނޭންސް ކުރެވޭނެ ފަދަ އިތުބާރު ހުރި ނިޝާނެއް ވެސް ފެންނާން ނެތް ކަމަށާއި މިއަދު އޮތް ބިރަކީ ދަރަނިން ސަލާމަތްވުމަށްޓަކައި ސަރުކާރުން އެމްއެމްއޭއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދިވެހި ބޭންކުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ގެއްލުމުން އަރައިގަތުމަށް އެތައް އަހަރެއް ނަގާފާނެ ކަމަށް ވެސް ފައްޔާޒުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން އޭޝިއާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު ހީވެފައިވުމުންނެވެ. އެންމެ ހަނި ހިސާބުގައި 21 ނޯޓިކަލް މޭލުގެ ފުޅާމިން ހުންނަ މި ކަނޑުއޮޅިއަކީ އޭޝިއާގެ ގިނަ ގައުމުތަކަށް މެދުއިރުމަތީގެ ތެޔޮ ގެނައުމަށް އޮތް އެންމެ މުހިންމު މަގެވެ.