ފެން ވެސް އުފައްދަނީ ޑީސަލް ބޭނުންކޮށްގެން، ސަރުކާރުގެ ޕްލޭން ބުނެދޭން ޖެހޭ: މޭޔަރު އާޒިމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ މާލެސިޓީގެ ޑީސަލް ސްޓޮކް ބޭނުންކުރާނެ ތަރުތީބެއް އެކުލަވާލަން ޖެހޭކަމަށާއި، ފެނަށް ޖެހިއްޖެ ނަމަ ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ބުނެދޭން ޖެހޭކަމަށް--

މާލޭގެ ފެނުގެ ނިޒާމް ޑީސަލަށް ބަރޯސާވެފައި އޮތް މިންވަރާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު މާލޭގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ހަލަބޮލިކަމުގެ ތެރޭގައި، ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ފެން އުފެއްދުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީއަކީ ކޮބައިކަން ހާމަކުރުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ. މާލޭގައި ހުރި ޑީސަލް ރިޒާވްގެ މަދުކަން ފާހަގަކުރައްވައި، މިއީ ގައުމީ ފެންވަރުގައި ސަމާލުކަންދީ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

  • މާލޭގެ ފެނުގެ ނިޒާމް ޑީސަލަށް ފުރިހަމައަށް ބަރޯސާވެފައިވުން
  • ތެލުގެ ސަޕްލައި ކެނޑިއްޖެނަމަ މާލޭގެ ސްޓޮކް ހުންނަނީ އެންމެ ދުވަހަކަށް
  • ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީތައް އާންމުންނަށް ސާފުކޮށްދޭންޖެހޭ
  • ދުނިޔޭގެ ހާލަތު ހުރިގޮތުން ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު

މާލޭ ސިޓީއާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެން އުފައްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށާއި މާލޭ ސިޓީން ފެނަށް ޖެހިއްޖެނަމަ ސަރުކާރުން އަމަލުކުރާނެ ގޮތެއް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެެވެ.

އާޒިމް މިހެން ވިދާޅުވީ، ދުނިޔެއަށް މި ވަގުތު ދިމާވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދަށް ބޭނުންވާ ފެން އުފަށްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށެވެ. އަދި، މާލެ ސިޓީގެ ސްޓޮކަކީ ގިނަވަގެން އެއް ދުވަސް ކަމަށެވެ. އެހެންކަމުން މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މާލޭ ސިޓީގެ ޑީސަލް ސްޓޮކް ބޭނުންކުރާނެ ތަރުތީބެއް އެކުލަވާލަން ޖެހޭ ކަމަށާއި ފެނަށް ޖެހިއްޖެ ނަމަ ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އާޒިމަކީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ފިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި، މިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރެއްވިއެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަމާ އެކު، ރާއްޖޭގެ ތެލުގެ އަގުތަކަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އަދި, މިއީ ސަރުކާރުން ވިސްނުންތެރިކަމާއިއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ދަނޑިވަޅެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ވެސް ބުނަމުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އޭޝިއާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު ހީވެފައިވުމުންނެވެ. އެންމެ ހަނި ހިސާބުގައި 21 ނޯޓިކަލް މޭލުގެ ފުޅާމިން ހުންނަ މި ކަނޑުއޮޅިއަކީ އޭޝިއާގެ ގިނަ ގައުމުތަކަށް މެދުއިރުމަތީގެ ތެޔޮ ގެނައުމަށް އޮތް އެންމެ މުހިންމު މަގެވެ.

comment ކޮމެންޓް