ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދިޔަ ޒުވާނެއް ކަމަށްވާ ޢަބްދުލް މުޢިއްޒު ޙަސަން މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުން 37 އަހަރުގެ މުޢިއްޒު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާއަކީ ތެލެސީމިއާ ކުދިންގެ ހައްގުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، މުޖުތަމައުގެ ލޯބި ހޯއްދަވާފައިވާ ނަމޫނާ ޝަޚުޞިއްޔަތެކެވެ.
މުޢިއްޒު އަވަހާރަވިއިރު މަސައްކަތްކުރައްވަމުން ގެންދެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އެ ކުންފުނީގެ ކޮންޓްރެކްޓް މެނޭޖުމަންޓް ޑިޕާޓްމަންޓުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން، އޭނާއަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.
ވަޒީފާގެ މައިދާނުގައި އޭނާއަކީ ހީވާގި އަދި އެހެން މުވައްޒަފުންނާ ގުޅޭ، އެކުވެރި މިޒާޖެއްގެ ބޭފުޅެއްކަން އެ ކުންފުނީގެ މުވައްޒަފުން ފާހަގަކުރެއެވެ. ކްލަބުގެ ރައީސްގެ ހައިސިއްޔަތުން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމުގައި އޭނާ ވަނީ އިސްނަންގަވާފައެވެ.
މީގެ އިތުރުން، ތެލެސީމިއާ މީހެއްގެ ހައިސިއްޔަތުން މުޢިއްޒު ވަނީ އެ ބަލި ތަޙައްމަލުކުރާ އެހެން މީހުންނާއި ކުދިންގެ ޙައްޤުގައި އަޑުއުފުއްލަވައި، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަންކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގައި ތެލެސީމިއާ ފަރުވާގެ ފެންވަރު މަތިކުރުމަށާއި، ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ތަފާތުކުރުމެއްނެތި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކްލިނިކަލް ޕްރޮޓޮކޯލެއް އެކުލަވާލުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، ލޭ އަޅާ ކުދިންނަށް ބޭނުންވާ ޑެސްފަރޯލް ފަދަ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް އޭނާ ވަނީ ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
މުޢިއްޒު އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މުޢިއްޒު މުޖުތަމަޢަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެންފައިވެއެވެ.