ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ސަން ސިޔާމް އޮޅުވެލީގައި މިއަދު ފަށައިފިއެވެ.
މެއި އަށް ވަނަ ދުވަހަކީ ސަން ސިޔާމް ރިސޯޓްގެ އަހަރީ ދުވަހާއި ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. އެހެންވެ، އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.
މި އަހަރު ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް އޮޅުވެލީގައި ވަނީ ފަށާފައެވެ. އެ ރިސޯޓުގައި އޮތް މި ހަރަކާތްތައް ފައްޓަވައިދެއްވީ، ރިސޯޓު މެނޭޖުމަންޓުގެ އިސްވެރިންނެވެ. މި ހަރަކާތުގައި އޮޅުވެލީގެ މުވައްޒަފުންގެ އިތުރަށް އެ ރިސޯޓަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން ވެސް ވަނީ ލޭ ހަދިޔާކޮށްފައެވެ.

ސަން ސިޔާމް އޮޅުވެލީގައި ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި އެކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާން
އެ ރަސްމިއްޔާތުގައި އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލް ވިދާޅުވީ، 2015އިން ފެށިގެން ކޮންމެ އަހަރަކު ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަނީ ތެލެސީމިއާ ކުދިންނަށް އެހީތެރިކަމެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ފަދަ ހަރަކާތްތައް މެދުވެރިކޮށް މުޖުތަމައުއަށް އެހީތެރިކަން ދެއްވުމަށް ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު ވަރަށް އިސްކަންދެއްވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލް ވާހަކަދައްކަވަނީ --- ފޮޓޯ/ އޮޅުވެލި ރިސޯޓް
މިދިޔަ އަހަރު ސަން ސިޔާމްގެ ހުރިހާ ރިސޯޓެއްގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކުގައި 465 މީހުން ލޭ ހަދިޔާކުރިކަން އާދިލް ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރަކު ވެސް މި ހަރަކާތަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރަށް ވުރެ ގިނައިން މިއަހަރު މުވައްޒަފުން ލޭ ހަދިޔާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާދިލް ވިދާޅުވިއެވެ.

"އެހެން ކުންފުނިތަކާ ބަލާއިރު، ސަން ސިޔާމް ގުރޫޕަކީ އެންމެ ގިނައިން ލޭ ހަދިޔާކުރާ ގުރޫޕުވީމަ އަޅުގަނޑު މިއަދު ވަރަށް ފަޚުރުވެރިވޭ. ތަކުރާރުކޮށް ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާކުރާތީ ވަރަށް އުފާވޭ،" އާދިލް ވިދާޅުވިއެވެ.
އޭގެއިތުރަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ހަވާލާދެއްވައި އެސިސްޓެންޓް ހިއުމަން ރިސޯސަސް މެނޭޖަރު ހައްވާ ހަނާ ވަނީ ތެލެސީމިއާ ޕޭޝަންޓުންނާ ގުޅޭ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައެވެ.
ހަނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 974 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން، 665 ޕޭޝަންޓުން މިހާރު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
މާލެ ސަރަހައްދުން އެކަނި 328 މީހުން ޚިދުމަތް ހޯދާއިރު، 337 ޕޭޝަންޓުންނަކީ، އަތޮޅުތަކުން ޚިދުމަތް ހޯދާ މީހުންނެވެ. ހަނާ ވަނީ، ތެލެސީމިއާ ބަލި ތަހައްމަލު ކުރާ މީހުންނަށް އެމްބީއެސްއިން ފޯރުކޮށްދޭ ޚިދުމަތަށް ކުންފުނީގެ ފަރާތުން ޝުކުރު ދަންނަވާފައެވެ.

އޮޅުވެލީގެ ބައެއް މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި --- ސަން ފޮޓޯ/ މުހައްމަދު ޝާން
މި ހަރަކާތާ ގުޅުވައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ސެކެޓަރީ ޖެނެރަލް ފާތިމަތު އާސިލާ ވިދާޅުވީ، ސަން ސިޔާމް ރިސޯޓްސްއިން ކޮންމެ އަހަރަކު ބާއްވާ ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުމަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އެ ފަދަ ހަރަކާތްތައް ބާއްވާތީ، އާސިލާ ވަނީ، އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.
މިގޮތުން، ބައެއް ކުދިން މަހަކު އެއް ފަހަރު ލޭ އަޅަން ޖެހޭއިރު، އަނެއް ބައި ކުދިން ކޮންމެ 10 ދުވަހާއި 15 ދުވަހުން ލޭ އަޅަން ޖެހޭ ކަމަށް އާސިލާ ވިދާޅުވިއެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ ކޮންމެ ހަ މީހަކުން އެކަކީ ތެލަސީމިއާ ކެރިއަރެކެވެ. މުޅި ރާއްޖޭގެ އާބާދީގެ 16އާއި 18 އިންސައްތައަކީ ބީޓާ ތެލަސީމިއާ ބަލި ވާރުތަކުރާ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާއެކު، ރާއްޖޭގައި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ، ބީޓާ ތެލަސީމިއާ ކުއްޖެއް ކަމަށާއި އަހަރަކު ގާތްގަނޑަކަށް އެ ބަލީގައި ފަހަކަށްވުރެ ގިނަ ކުދިން ނިޔާވާކަން ފާހަގަކުރެއްވީ ހިތާމަޔާއެކުގައެވެ.
މިފަދަ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ސަން ސިޔާމްގެ ކުންފުނީގެ އެހެން ރިސޯޓްތަކުގައި ވެސް ބާއްވާނެއެވެ.
ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދަކީ އިންސާނިއްޔަތަށް ޓަކައި މިފަދަ ހަރަކާތްތައް ހިންގެވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. މިގޮތުން، ވިޔަފާރީގައި ކާމިޔާބު ހޯއްދަވަމުން ވެސް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމަށް ސިޔާމް ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އެ މަނިކުފާނު ގެންދަވަނީ، ކުޑަކުދިންނާއި މުޖުތަމައުއަށް ފައިދާކުރަނިވި ކަންތައްތައް ކޮށްދެއްވަމުންނެވެ.
ސަން ސިޔާމް ރިސޯޓްސްގެ ދަށުން ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ފަސް ރިސޯޓު ރާއްޖޭގައި ހިންގައެވެ.
އޭގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ދެވޭ ސަން ސިޔާމް އޮޅުވެއްޔަކީ، ތަފާތު އެތައް ތަޖުރިބާތަކެއް ކުރެވޭ ރިސޯޓެކެވެ. ތިން ރަށަކުން ގުޅިފައިވާ މި ރިސޯޓުގައި ރާއްޖޭގެ އެންމެ ދިގު ޕޫލް ގާއިމުކުރެވިފައިވާއިރު، ޑައިވް ކުރުމާއި ސާފް ކުރުމުގެ ވެސް ފުރުސަތު އޮވެއެވެ.
ގުދުރަތީ ހިތްހަމަޖެހުން ހޯދޭނެ ތަންތަން ސަން ސިޔާމް އޮޅުވެލީގައި ހުރެއެވެ. އެހެންކަމުން، މިއީ އާއިލާއާ ރައްޓެހިންނާ އެކީގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ހިތްގައިމު ރިސޯޓަކަށް ވާނެއެވެ.
ސަން ސިޔާމް ރިސޯޓުތައް އުފެދުނު ފަހުން އެތައް އަހަރެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން، މިދިޔަ އަހަރު ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ އެވޯޑްސްގައި ސަން ސިޔާމް އޮޅުވެއްޔަށް ވަނީ، އިންޑިއަން އޯޝަންސް ލީޑިން ފެމިލީ ލައިފް ސްޓައިލް ރިސޯޓުގެ އެވޯޑު ލިބިފައެވެ. އަދި، ސަން ސިޔާމްގެ އެހެނިހެން ރިސޯޓުތަކަށް ވެސް ފާހަގަކުރެވޭ އެވޯޑުތައް ލިބިފައިވެއެވެ.