ޕެޓްރޯލްގެ އަގު އުފުލުން: ''ސަރުކާރުގެ ސަމާލުކަން އޮތީ އިންތިޚާބަށް ނަމަ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ''

ނަޝީދު: ސަރުކާރުގެ ސަމާލުކަން އޮތީ އިންތިޚާބަށް ނަމަ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ ކަމަށް ނަޝީދު ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުން އަންނައިރު، ސަރުކާރުގެ ސަމާލުކަން އޮތީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނަމަ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ގައުމު ކައިރީ އޮންނަ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ގެންދަނީ އެ ކަނޑުއޮޅިން ކަމަށް ވުމުން، ތެލުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ.

މިދިޔަ މަހުގެ 28ގައި ފެށި އެ ހަނގުރާމައާ ގުޅިގެން، މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. އެއީ ކުރިން 13.50 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރުގެ އަގު 16.01 ރުފިޔާއަށް އަދި، 13.92 ރުފިޔާއަށް ލިބޭ ޑީސަލް ލީޓަރުގެ އަގު 17.54 ރުފިޔާއަށެވެ.

https://sun.mv/219270

މީގެ އިތުރުން، މިއަދުން ފެށިގެން އެސްޓީއޯއިން ވަނީ އަމިއްލަ ވިޔަފާރިތަކަށް ތެލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އެ ބަދަލުގެ ސަބަބުން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އެތައް ގުނައެއް ރަށްރަށުގައި ބޮޑުވާނެއެވެ.

މިހާރު ވެސް ބައެއް ރަށްރަށުގައި އަގު ވަރަށް ބޮޑުވެފައިވާއިރު، މާލެއަށް ފަހު އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީގައި ފެޓްރޯލް ލީޓަރެއްގެ އަގު 29.26 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް އަގު، 30.13 ރުފިޔާއަށް ވަނީ އަރައިފައެވެ.

އެ ބަދަލުތަކާ ގުޅިގެން އެކްސްގައި ކުރެއްވި ނަޝީދު ވިދާޅުވީ، ރާއްޖެ މިވަނީ 'ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" ކަމަށެވެ. މިހާރު ޕެޓްރޯލްގެ އަގު އުފުލުމުން، ދަތުރުފަތުރުގެ އަގު ބޮޑު ވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ސަމާލުކަން އިންތިޚާބަށް އަމާޒުވެއްޖެ ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަވެރިކަން ބޮޑުވެ، ސަރުކާރާއި އިދިކޮޅުން އަންނަނީ ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ.

އީރާން ހަނގުރާމައިގެ ސަބަބުން، ބޭރުގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ޚަރަދު ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސަރުކާރު މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާ ވަގުތު މަދުކޮށް، ސްކޫލްތައް ބަންދުކުރުން ހިމެނެއެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ މުސާރައިން ބައެއް އުނިކުރުމަށް ވެސް ބައެއް ގައުމުތަކުން ނިންމައިފައިވެއެވެ.

https://sun.mv/219166

ރާއްޖޭގައި ވެސް ޚަރަދު ކުޑަ ކުރަން އެފަދަ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެގޮތުން، ވަކި ގަޑިތަކުގައި ކަރަންޓު ކެނޑުން ހިމެނޭ ގޮތަށް ފިޔަވަޅުތައް އަޅަން ނަޝީދު ވެސް ގޮވާލައްވައިފައިވެއެވެ.

މި ސަރުކާރުން ވަނީ ރާއްޖެ ތެލަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ރާއްޖޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ނިންމައިފައިވެއެވެ. އަދި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.

comment ކޮމެންޓް