ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު "ކިންގް"އަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އިތުރު ފިލްމަކުން އޭނާ ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ ފަންނާނުން ދެން އެކުގައި މަސައްކަތް ކުރާނީ މުޅިން އާ ބިރުވެރި ފިލްމަކުންނެވެ. މިއީ އަބީޝެކްގެ ކެރިއަރުގައި ވެސް ބިރުވެރި ފިލްމެއްގައި މަސައްކަތްކުރާނެ އެކްޓަރުގެ އެފަދަ ފުރަތަމަ ތަޖުރިބާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގެ ގެނެސްދޭނީ ސިދާތުގެ "މާފްލިކްސް ޕިކްޗާސް"ގެ ބެނާގެ ދަށުން ނަމަވެސް ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާނީ ކާކުން އަދި އޮތި ސިއްރުކޮށްފައެވެ. ނަމަވެސް އެ ޒިންމާ ހަވާލުކުރާނީ ސިދާތުއަށް އިތުބާރު އޮން ފިލްމު ޑައިރެކްޓަރަކާ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ސިދާތު އާނަންދު އަދި އެކްޓަރު އަބީޝެކް ބައްޗަން--ފޮޓޯ/ފިލްމުފެއަ
އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ ކުރީގެ ފޯކްލޯރް ނުވަތަ ރޫޙާނީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ، ދެ ބަފައިންގެ އަސަރުގަދަ ގުޅުން ދައްކުވައިދޭ ބިރުވެރި ތުރިލާއެކެވެ.
މި ފިލްމަކީ ގިނަ އަދަދެއްގެ ވިޝުއަލް އިފެކްޓްސް (VFX) ބޭނުންކޮށްގެން އުފައްދާ ބޮޑު ބަޖެޓް ފިލްމަކަށް ވާއިރު، އަމާޒަކީ އިންޑިއާގައި މިހާތަނަށް އުފެއްދި ބިރުވެރި ފިލްމުތަކާ ތަފާތު، ސިނަމާގައި ބަލާލަން ފުރިހަމަ ތަޖުރިބާއެއް ބެލުންތެރިންނަށް ގެނެސްދެވޭނެ ފަދަ ފިލްމަކަށް މި ފިލްމު ހެދުން ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގައި އަބީޝެކް ކުޅޭ ކެރެކްޓާ އަކީ ވަރަށް އަސަރުގަދަ އަދި ހުނަރުވެރިކަން ދައްކާލަންޖެހޭ މުހިންމު ރޯލެއް ކަމަށް ބެލެވެއެވެ. ފަހަކަށް އައިސް ހިންދީ ސިނަމާގައި ބިރުވެރި ކޮމެޑީ ފިލްމުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، މިއީ އަސްލު ބިރުވެރި ފިލްމުތަކަށް ބެލުންތެރިންގެ ސަމާލުކަން އަނބުރާ ގެނައުމަށް ކުރާ މަސައްކަތެކެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ސިދާތު އާއި އަބީޝެކް ވަނީ މީގެކުރިން ވެސް އެކީގައި މަސައްކަތްކޮށްފައެވެ. ސިދާތުގެ ފުރަތަމަ ފިލްމު "ސަލާމް ނަމަސްތޭ"އިން އަބީޝެކް ކެމިއޯ ރޯލަކުން ފެނިފައިވާއިރު، މިހާރު މަސައްކަތް ކުރަމުންދާ "ކިންގް" ފިލްމުގެ ސަބަބުން ދެ ފަންނާނުންގެ އެކުވެރިކަން ވަނީ އިތުރަށް ބަދަހިވެފައެވެ.
ސިދާތު ޑައިރެކްޓްކޮށް ރެޑް ޗިލީޒް އެންޓަޓެއިންމަންޓް އާއި ސިދާތުގެ އަމިއްލަ ފިލްމު ކުންފުނި ގުޅިގެން އުފައްދާ "ކިންގް" އަކީ ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނާނެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ކާސްޓުގައި އަބީޝެކްގެ އިތުރުން ދިޕިކާ ޕަދުކޯން، ސުހާނާ ޚާން، ރާނީ މުކަރްޖީ، އަނިލް ކަޕޫރު، އަރުޝަދު ވަރްސީ، ޖައިދީޕް އަހްލާވަތު އަދި އަބޭ ވަރުމާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށެވެ.