ރަންވީރުގެ ފިލްމު 3،000 ކްރޯޑް ރުޕީސްގެ އާމްދަނީއަކާއެކު ތާރީޚުގެ ތެރެއަށް

ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ހިންދުންސްތާންޓައިމްސް

ރަންވީރު ސިންގް ލީޑް ރޯލު ކުޅެފައިވާ ދުރަންދަރު ފިލްމު ސީރީޒްއިން ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި ތިންހާސް ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާގެ ތާރީޚުގައި އާ ރެކޯޑެއް މުގުރާލައިފިއެވެ. އަދިތްޔާ ދާރް އާއި ލޯކޭޝް ދާރް އުފެއްދި މި ދެ ފިލްމަށް ޖުމްލަ 3019.35 ކްރޯޑް ރުޕީސް ލިބިފައިވާއިރު، މިއީ ކޮންމެ ފިލްމަކުން ވަކިވަކިން އެއްހާސް ކްރޯޑް ރުޕީސް ފަހަނައަޅައި ދިޔަ ހަމައެކަނި ސީރީޒްއެވެ. މީގެ އިތުރުން މިއީ ބާހުބަލީ އަދި ޕުޝްޕާ ފަދަ މަޝްހޫރު ފިލްމުތައް ފަހަތަށް ޖައްސާލައި، އެންމެ ގިނަ އާމްދަނީ ހޯދި ފްރެންޗައިޒްއެވެ.

  • ދުރަންދަރު ފިލްމު ސީރީޒްއިން 3000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި ތާރީޚުގެ ތެރެއަށް ވަދެފައިވުން
  • ކޮންމެ ފިލްމަކުން ވަކިވަކިން 1000 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީ ހޯދި ހަމައެކަނި ފްރެންޗައިޒްއަށް ވުން
  • ދެވަނަ ފިލްމު ދުރަންދަރު 2 ދަ ރިވެންޖް އިން އެކަނިވެސް 1700 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީ ހޯދުން
  • ބާހުބަލީ އަދި ޕުޝްޕާގެ ރެކޯޑުތައް މުގުރާލައި އެންމެ ކާމިޔާބު ފިލްމު ސީރީޒްގެ މަގާމު ހޯދުން

ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ދުރަންދަރު" ފިލްމު ސީރީޒްއަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 3،000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބި ތާރީޚުން ޖާގަ ހޯދައިފިއެވެ.

ފިލްމީ ދާއިރާގެ ތަފާސްހިސާބުތައް ބަލަހައްޓާ ޕޯޓަލްއެއް ކަމަށްވާ "ސެކްނިލްކް"އިން ހާމަކޮށްފައިވާ ގޮތުގައި، ދެ ބަޔަކަށް ބަހާލައިގެން ނެރުނު ދެ ފިލްމުން ވަނީ ބައިނަލްއަގުވާމީ މާކެޓުގައި 3،000 ކްރޯޑް ރުޕީސްގެ އާމްދަނީ ހޯދައި އެ އަދަދު ފަހަނައަޅައި ގޮސްފައެވެ. މިއީ އިންޑިއާގެ ފިލްމީ ތާރީޚުގައި މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފްރެންޗައިޒް ފިލްމެވެ.

އަދިތްޔާ ދާރް އަދި ލޯކޭޝް ދާރް އުފައްދާފައިވާ "ދުރަންދަރު" އަކީ ކޮންމެ ފިލްމަކުން ވަކިވަކިން 1،000 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީ ހޯދި ހަމައެކަނި އިންޑިއާގެ ފިލްމު ސީރީޒް ވެސް މެއެވެ. މި ދެ ފިލްމަށް ޖުމްލަ ގޮތެއްގައި މިހާތަނަށް 3،019.35 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މި ސީރީޒްގެ ފުރަތަމަ ފިލްމު "ދުރަންދަރު" ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ސްޕައި އެކްޝަން ތުރިލާ ފިލްމެއްގެ ގޮތުގައި ފެނުނު މި ފިލްމަކީ 2025 ވަނަ އަހަރު އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމެވެ.

ފިލްމު "ދުރަންދަރު"ގެ ސެޓުގައި އެކްޓަރު އަރުޖުން ރާމްޕާލް ޑައިރެކްޓަރު އަދިތިޔަ ދާރުއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެގޮތުން އިންޑިއާގެ މާކެޓުން އެކަނި 840 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދިއިރު، މުޅި ދުނިޔެއިން 1،300 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީއެއް ހޯދައި، އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުން "ދުރަންދަރު" ވަނީ ޖާގަ ހޯދާފައެވެ.

ފުރަތަމަ ފިލްމަށްފަހު ހަތަރު މަސް ފަހުން ރިލީޒްކުރި ސީކުއަލް "ދުރަންދަރު 2: ދަ ރިވެންޖް" ވަނީ ކުރީގެ ފިލްމަށްވުރެ ވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ރަންވީރުގެ ވަރަށް ވަރުގަދަ އެކްޝަން ސީންތައް ފެނުނު މި ފިލްމަށް ދުނިޔޭގެ ބާޒާރުން 1،700 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވެއެވެ.

މި ކާމިޔާބީއާއެކު "ދުރަންދަރު" މިވަނީ އިންޑިއާގެ މަޝްހޫރު އެހެން ފިލްމު ސީރީޒްތައް ކަމަށްވާ "ބާހުބަލީ" (2,438 ކްރޯޑް ރުޕީސް) އަދި "ޕުޝްޕާ" (2,092.20 ކްރޯޑް ރުޕީސް) ފަހަތަށް ޖައްސާލައި، އެންމެ ގިނަ އާމްދަނީ ހޯދި ފްރެންޗައިޒްގެ މަގާމު ހޯދާފައެވެ. މި ކާމިޔާބީއާ އެކު ފިލްމު "ދުރަންދަރު" ފްރެންޗައިސްގެ ޑައިރެކްޓަރު އަދިތިޔަ ދާރު ވަނީ ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނިފައެވެ.

comment ކޮމެންޓް