ފިލްމު 'ލަވް އެންޑް ވޯ' ރިލީޒްކުރާ ތާރީޚު އެންމެ ފަހުން އިއުލާނުކޮށްފި

ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިން އަދި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ--ފޮޓޯ/ޕީޕިންގްމޫން

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު ލަވް އެންޑް ވޯ ރިލީޒްކުރާނެ ތާރީޚު މިހާރު ވަނީ އިއުލާނުކޮށްފައެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ވިކީ ކޯޝަލް އިސް ރޯލުކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މިއީ ސަންޖޭގެ ކުރީގެ އުފެއްދުންތަކާ މުޅިން ތަފާތު ގޮތަކަށް އުފައްދާ ފިލްމަކަށްވުމާއެކު، ފިލްމުގެ މަސައްކަތްތައް ދިގުލައިގެންގޮސް، ކުރިން ކަނޑައެޅި ތާރީޚަށްވުރެ ރިލީޒްކުރުން ވަނީ ލަސްވެފައެވެ. މިއީ ވިކީ ކޯޝަލް ސަންޖޭއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށްވާއިރު، ރަންބީރު ބޮލީވުޑަށް ތައާރަފުވި ފިލްމަކީވެސް ސަންޖޭގެ އުފެއްދުމެކެވެ.

  • ފިލްމު ލަވް އެންޑް ވޯ ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 21 ގައެވެ.
  • މި ފިލްމުގެ ތަރިންނަކީ ރަންބީރު، އާލިއާ އަދި ވިކީ ކޯޝަލްއެވެ.
  • ފިލްމުގެ ޝޫޓިންގ ދިގުލައިގެން ދިއުމުން ކުރިން ކަނޑައެޅި ތާރީޚަށްވުރެ ވަނީ ލަސްވެފައެވެ.
  • މިއީ ސަންޖޭގެ ކުރީގެ ފިލްމުތަކާ މުޅިން ތަފާތު ސްޓައިލެއްގެ އުފެއްދުމެކެވެ.

އިންޑިއާގެ އެންމެ މަގުބޫލު ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރާނެ ތާރީޚަކާ މެދު ކުރެވޭ ބަހުސްތަކެއް ނިމުން ގެނެސް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ކަމަށްވާ ރަންބީރު ކަޕޫރުގެ ދެމަފިރިންނާއި ވިކީ ކޯޝަލް މުހިއްމު ރޯލްތަކުން ފެންނާނެ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހަށެވެ.

މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރިލީޒްކުރާނެ ވަކި ތާރީޚެއް ނާންގާ ފިލްމު ވަނީ ލަސްކޮށްފައެވެ.

މި ފިލްމަކީ މިހާތަނަށް ސަންޖޭ ގެނެސްދީފައިވާ ފިލްމުތަކާ މުޅިން ތަފާތު ސްޓައިލަކަށް އޭނާ އުފައްދާ ފިލްމެކެވެ. އެހެންކަމުން ފިލްމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަނޑަނޭޅި މިހާތަނަށް ލަސްވެފައިވަނީ އެ ސަބަބާހެދި ކަމަށް ސަންޖޭއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

އާލިއާ އަދި ރަންބީރު ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި--ފޮޓޯ/ފިލްމުފެއަ

ބަންސާލީ އެން މެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބަތަލާ އާލިއާ ބަޓްއަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްދިން ފިލްމު "ގަންގޫބާއި ކަތިއާވާޅީ"އެވެ. މިއީ ވިކީ ކޯޝަލްއާ އެކު ބަންސާލީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވާއިރު އޭނާ ވަނީ ރަންބީރާ އެކު ކުރިން މަސައްކަތްކޮށްފައެވެ. ރަންބީރު ބޮލީވުޑަށް ނެރުނު 2007 ވަނަ އަހަރުގެ ފިލްމު "ސާވަރިޔާ" އަކީ ސަންޖޭގެ އުފެއްދުމެކެވެ.

ސަންޖޭ މިހާތަނަށް އުފައްދާފައިވާ ރީތި ފިލްމުތަކުގެތެރޭ، "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ދޭވްދާސް"، "ރާމް-ލީލާ'، "ބަޖިރާއޯ މަސްތާނީ އަދި "ޕަދުމާވަތު" ހިމެނެއެވެ.

comment ކޮމެންޓް