މެލޭޝިޔާއިން އިސްރާއީލު މީހަކު ފެނިއްޖެނަމަ ޑީޕޯޓު ކުރާނަން: ބޮޑު ވަޒީރު

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް. މެލޭޝިއާއިން އިސްރާއީލު މީހަކު ފެނިއްޖެނަމަ، ޑީޕޯޓު ކުރާނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް.

މެލޭޝިއާގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކު އުޅޭކަން ފާހަގަކުރެވިއްޖެނަމަ، އެ މީހަކު ވަގުތުން އެ ގައުމުން ޑީޕޯޓުކުރާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންވަރު މިހެން ވިދާޅުވީ، އެ ގައުމުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޯހޯރުގައި ހުންނަ އަމިއްލަ ރެޒިޑެންޝަލް ކޮމްޕްލެކްސެއްގައި އިސްރާއީލުގެ މީހަކު ދިރިއުޅެމުންދާ ކަމަށް ބުނެ ފެތުރިފައިވާ މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަން ފެށުމާ ގުޅިގެންނެވެ.

މެލޭޝިއާއަކީ އިސްރާއީލު ބަލައިގަންނަ ގައުމަކަށް ނުވާއިރު، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތާ ޚިލާފު އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ބޮޑުވަޒީރު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ދުވަހު ނޫސް "ފްރީ މެލޭޝިއާ ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުންނެވެ. އަންވަރު ވިދާޅުވި ގޮތުގައި، އެ ތުހުމަތުތަކަކީ ހަގީގަތެއްކަން ސާބިތުވެއްޖެނަމަ ސަރުކާރުން ވަގުތުން ފިޔަވަޅު އަޅާނެއެވެ.

“އަޅުގަނޑުމެންނަށް އެއްވެސް އިސްރާއީލު މީހަކު ފެނިއްޖެ ނަމަ ވަގުތުން އެމީހަކު ޑީޕޯޓްކުރާނީ. އަޅުގަނޑުމެން އިސްރާއީލު ބަލައެއް ނުގަންނަން،” ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވީ، ޖޯހޯރުގެ ފޮރެސްޓް ސިޓީގައި ހުންނަ "ނެޓްވޯކް ސްކޫލް" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ސްޓާޓްއަޕް ކޮމިއުނިޓީއެއްގައި، އެހެން ގައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން އިސްރާއީލުގެ ރައްޔިތުން އުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަކާ ގުޅިގެންނެވެ. މި ކޮމިއުނިޓީއަކީ ކޮއިންބޭސްގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބާލާޖީ ސްރީނިވާސަން 2024 ވަނަ އަހަރު އުފައްދާފައިވާ ތަނެކެވެ. މިއީ މަހަކު 1،500 އެމެރިކާ ޑޮލަރު ދައްކައިގެން ބިދޭސީންނަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

މި ތުހުމަތުތަކާ ގުޅިގެން ޖޯހޯރުގެ ޗީފް މިނިސްޓަރު އޮން ހާފިޒް ގާޒީ ވަނީ ފެޑެރަލް ފެންވަރުގެ ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ. މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޝައުބާން ހާމަކުރެއްވި ގޮތުގައި، ފޮރެސްޓް ސިޓީގެ ބައިނަލްއަގްވާމީ ކޮމިއުނިޓީގައި ދިރިއުޅޭ 40 ގައުމެއްގެ 266 ބިދޭސީން ވަނީ އިންސްޕެކްޓްކޮށްފައެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ހުރިހާ އެންމެންގެ އަތުގައި ވެސް އިމިގްރޭޝަންގެ ސައްހަ ލިޔެކިޔުންތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ގައުމަށް އެތެރެވުމުގެ ގަވާއިދުތަކާ ޚިލާފުވެފައިވޭތޯ ބެލުމަށާއި، އޮޅުވާލައިގެން އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްފައިވޭތޯ ބެލުމަށް އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ފޮރެސްޓް ސިޓީ އަކީ ސިންގަޕޫރުގެ ބޯޑަރު ކައިރީގައި އޮންނަ ޖޯހޯރުގެ އާޓިފިޝަލް ރަށްތަކެއްގައި ބިނާކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. ބައިނަލްއަގްވާމީ ރެޒިޑެންޝަލް ހަބެއްގެ ގޮތުގައި މާކެޓްކޮށްފައިވާ މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ.

މެލޭޝިއާއަކީ ފަލަސްތީނުގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ގައުމަކަށް ވާއިރު، އެ ގައުމުން އިސްރާއީލާއެކު އެއްވެސް ސިޔާސީ ގުޅުމެއް ނުބާއްވައެވެ. އެހެންކަމުން، އިސްރާއީލުގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށް މެލޭޝިއާ ސަރުކާރުގެ ޚާއްސަ ހުއްދައެއް ނެތި އެ ގައުމަށް އެތެރެވުމަކީ މަނާކަމެކެވެ. ނަމަވެސް، ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ އިސްރާއީލު މީހުން އެހެން ގައުމެއްގެ ޕާސްޕޯޓުގައި މެލޭޝިއާއަށް އެތެރެވުން ހުއްޓުވުމަށް ވަކި ޚާއްސަ ގާނޫނެއް އެ ގައުމުގައި ނޯވެއެވެ. މި މައްސަލައާ ގުޅިގެން މެލޭޝިއާގެ ހޯމް މިނިސްޓްރީންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިނގަމުންދޭތޯ ބެލުމަށް އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް