ހިމާޔަތް ހޯދުމަށް މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ހުންނަ އދ.ގެ ރެފިއުޖީ އޭޖެންސީ، ޔޫއެންއެޗްސީއާރުގެ އޮފީސް ބޭރަށް އެއްވެ ތިބި 100 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން މެލޭޝިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ޔޫއެންއެޗްސީއާރު އޮފީހުގެ ބޭރުގައި ތިބި ހުރިހާ ރެފިއުޖީންވެސް ރޭ މެލޭޝިއާ ގަޑިން 8:30 ގައި ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ މީހުން އިތުރަށް ބަލައި ފާސްކުރުމަށް ކުއާލާލަމްޕޫރުގައި ހުންނަ ފުލުހުންގެ މައި މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ގޮތަށް އެ ރެފިއުޖީން ބުނީ، މެލޭޝިއާގެ އުތުރުގައި އޮންނަ ޕެނަންގް ސްޓޭޓްގައި އެ މީހުން ދިރިއުޅެމުންދިޔަ ގެތަކުން ނެރެލުމުން، އދ.ގެ އެހީތެރިކަން ހޯދުމަށް ރޭގަނޑުގެ ވަގުތެއްގައި ބަސްތަކުގައި ވެރިރަށް ކުއާލާލަމްޕޫރަށް ދަތުރުކުރީ ކަމަށެވެ.
ޕެނަންގް ފުލުހުން ބުނީ، ރޮހިންޔާ މީހުން ކުއާލާލަމްޕޫރަށް ދިޔައީ ޤައުމީ ސަލާމަތީ ކައުންސިލް ހިމެނޭ ގޮތަށް ސްޓޭޓް އަދި ފެޑެރަލް އިދާރާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

އދ ގެ ހިމާޔަތް ހޯދަން ތިބި ރޮހިންޔާ ރެފިއުޖީންތަކެއް މެލޭޝިއާއިން ވަނީ ބަންދުކޮށްފައި. ފޮޓޯ/އޭޕީ
"އެ މީހުން ބަދަލުކުރީ އެ ސަރަޙައްދުގައި ރޮހިންޔާ އާބާދީ އިތުރުވުމާ ގުޅިގެން އުފެދުނު އިޤްތިޞާދީ އަދި އިޖުތިމާޢީ ވާދަވެރިކަމުގެ ސަބަބުން،" ސެބެރަންގް ޕެރައި އުތާރާ ޑިސްޓްރިކްޓްގެ ޕޮލިސް ޗީފް އަނުއާރު ޢަބްދުއްރަޙްމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ރޮހިންޔާ މީހުން ގެތަކުން ނެރެފައިވަނީ، މެއި މަހުން ފެށިގެން އެ މީހުންނަށް އަމާޒުކޮށް އޮންލައިންކޮށް ނަފުރަތު އުފެދޭ ވާހަކަތަކާއި ދޮގު މަޢުލޫމާތު ފެތުރުން އިތުރުވެ، ސްކޫލްތައް ބަންދުކޮށް މުޖުތަމަޢަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ޔޫއެންއެޗްސީއާރު އިމާރާތުގެ ބޭރުގައި އެ މީހުން އެއްވެ ތިބުމުން އާންމުންގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށާއި، އެކަށީގެންވާ ހުއްދައެއް ނެތް މީހެއްނަމަ އިމިގްރޭޝަން އިދާރާތަކުން ބަންދުކުރާނެ ކަމަށެވެ.
"ސިޓީގެ ކޮންމެ ތަނަކަށް ދިއުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ،" ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި އަންވަރު ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ބްރައިއޯނީ ލައު ވިދާޅުވީ، މެލޭޝިއާގައި ތިބި ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުންދަނީ އެ މީހުންނާ މެދު އޮންލައިންކޮށް ނަފުރަތު އުފެއްދުން ބޮޑުވެ، ހައްޔަރުކޮށް ރޭޑްކުރާނެ ކަމަށް ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކާއެކު ބިރުވެރި މާޙައުލެއްގައި ކަމަށެވެ.
"މެލޭޝިއާ ސަރުކާރުން އިސްކަންދޭން ޖެހޭނީ ގެތަކުން ނެރެލާފައިވާ ރެފިއުޖީން ހިފަހައްޓައި އިތުރަށް ބިރުދެއްކުމުގެ ބަދަލުގައި އެ މީހުން ޙިމާޔަތްކުރުމަށް،" ލައު ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް މެލޭޝިއާގެ ޔޫއެންއެޗްސީއާރުގައި ގާތްގަނޑަކަށް 126،000 ރޮހިންޔާ މުސްލިމުން ރަޖިސްޓަރީކޮށްފައިވާ ކަމަށް އެ އޭޖެންސީގެ ވެބްސައިޓުގައި ބުނެފައިވީ ނަމަވެސް، ލިޔެކިޔުން ނެތް އިތުރު އެތައް ބަޔަކު އުޅޭނެ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެއެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާއަކީ، މިޔަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ފިލައިގެން އަންނަ ރޮހިންޔާ މީހުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ޤައުމެކެވެ.
އެކަން ބަދަލުވީ ކޮވިޑް-19 ގެ ދުވަސްވަރު ރޮހިންޔާ މީހުން އެ ވައިރަސް ފަތުރައި، ސަގާފީ އުސޫލުތަކަށް އިޙުތިރާމުނުކޮށް، ވަޒީފާތައް ހޯދުމަށް މެލޭޝިއާ މީހުންނާ ވާދަކުރާ ކަމަށް ތުހުމަތުކުރެވެން ފެށުމުންނެވެ.