އިންޑޮނޭޝިއާއަށް 26 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މެލޭޝިއާގެ ޕައިލެޓަކު އިންޑޮނޭޝިއާއިން ހައްޔަރުކޮށްފިއެވެ.
އުމުރުން 39 އަހަރުގެ ޕައިލެޓު ހައްޔަރުކޮށްފައިވަނީ އިއްޔެ ޖަކާޓާގެ ސޮއެކާނޯ-ހަޓާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސް އޮފިޝަލުންނަށް ޕައިލެޓުގެ ސޫޓުކޭހުގައި 14 ކޮތަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި (އެކްސްޓަސީ) ގެ 70،000 އަށްވުރެ ގިނަ ޓެބްލެޓް ފެނިފައިވާއިރު، އޭނާގެ ހޭންޑް ލަގެޖުން ހަތަރު މެތަމްފެޓަމިން ފެނިފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސް އޮފިސަރު ހެންގްކީ ޓޮމޫއަން ޕާލިންޑަންގަން އަރިޓޮނަންގް ވިދާޅުވީ ޝައްކުކުރެވޭ މީހާއަކީ މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓަކުން ކުއަލަލަމްޕޫރުން ޖަކާޓާއަށް ދަތުރުކުރި މީހެއް ކަމަށެވެ.

އިންޑޮނޭޝިއާއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މެލޭޝިއާ ޕައިލެޓެއް ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/ބްލޫމްބާގް
ކަސްޓަމްސް އޮފީހުން ބުނީ ޕައިލެޓު ސޫޓުކޭހެއްގައި ޖަކާޓާއަށް މަސްތުވާތަކެތި ގެންދިޔައީ ގެންގޮސްދީފިނަމަ އިނާމެއްގެ ގޮތުގައި 15،800 ޑޮލަރު ދޭން ބުނުމުން ކަމަށެވެ. އަދި އެ ހުށަހެޅުން ހުށަހެޅީ އޭނާއަށް ނޭނގޭ މީހެއް ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.
ޕައިލެޓުގެ ކުޑަކަމުދާތަކެތީގެ ޓެސްޓުކުރިއިރު، ކޮކެއިނާއި މެތަމްފެޓަމިންގެ އަސަރު ހުރިކަން އެނގުނު ކަމަށާއި އިންޑޮނޭޝިއާއާއި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އެކަމާގުޅޭ މުޢާމަލާތްކުރަމުންދާ ކަމަށް ހެންގްކީ ވިދާޅުވިއެވެ. އެހެންވެ އޭނާ ފްލައިޓް ދުއްވިއިރު ވެސް މަސްތުވެހުރި ކަމަށް ތުހުމަތު ކުރެވެއެވެ.
އޭނާ ވިދާޅުވީ ޕައިލެޓުންނާއި ކްރޫންނަށް ޚާއްސަ ކަސްޓަމްސް ލޭންގައި ޗެކްކުރާނެ ކަމަށް ޕައިލެޓު ހީކޮށްފައިނުވާ ކަމަށާއި ނަމަވެސް އެމީހުން ވަކި މީހަކަށް ނުބަލައި އެންމެން މޮނިޓާކުރަމުންދާ ކަމަށެވެ.
ތަޙުޤީޤުކުރާ ފަރާތްތަކަށް ދިން ބަޔާނެއްގައި ޕައިލެޓު ބުނީ މިއީ އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިންވަނަ ފަހަރު ކަމަށެވެ. މީގެ ކުރިން އެއް ފަހަރު އިންޑޮނޭޝިއާއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމަށާއި، މެލޭޝިއާގައިވެސް އެއް ފަހަރު މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޑޮނޭޝިއާގެ ޤައުމީ ފުލުހުންގެ ޑްރަގްސް ކްރައިމް ޔުނިޓުގެ އޮފިސަރެއް ކަމަށްވާ އަވާލޫދީން އަމީން ވިދާޅުވީ ޕައިލެޓަކީ ބައިނަލްއަޤުވާމީ ސިންޑިކޭޓެއްގެ ބައެއްގެ ގޮތުގައި ފުލުހުން ވަރަށް ބޮޑަށް ޝައްކުކުރާ މީހެއް ކަމަށާއި އޭނާގެ މައްޗަށް އިންޑޮނޭޝިއާގެ މަސްތުވާތަކެތީގެ ޤާނޫނާ ޚިލާފުވުމުގެ ދަޢުވާ އުފުލާފައިވާ ކަމަށެވެ.
ޤާނޫނުގެ ދަށުން ޝައްކުކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުން އެކަށީގެންވެއެވެ.
މެލޭޝިއާ އެއާލައިންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތުހުމަތުތައް ސީރިއަސްކޮށް ބަލައި އެތެރޭގެ ރިވިއުއެއް ފަށާފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގެ އެންމެ ހަރުކަށި ބައެއް ޤާނޫނުތައް ހެދިފައިވާއިރު، އޭގެ ތެރޭގައި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުންވެސް ހިމެނެއެވެ.
އެ ޤައުމުގައި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ދިހަވަރަކަށް މީހުންނަށް މަރުގެ ހުކުމްކޮށްފައިވެސް އެބަތިއްބެވެ.
2015 ވަނަ އަހަރު އިންޑޮނޭޝިއާއިން ވަނީ ހެރޮއިން އެތެރެކުރަން އުޅުނު މައްސަލައިގައި ބާލީ ނައިން ޑްރަގް ރިންގްގައި އޮސްޓްރޭލިއާގެ ދެ މީހަކަށް މަރުގެ އަދަބު ދީފައެވެ.
އިންޑޮނޭޝިއާއިން އެންމެ ފަހުން މަރުގެ ހުކުމް އިއްވާފައިވަނީ 2016 ވަނަ އަހަރު މަސްތުވާތަކެތީގެ ކުށް ސާބިތުވެފައިވާ އިންޑޮނޭޝިއާގެ އެކަކާއި ނައިޖީރިއާގެ ތިން މީހަކަށް މަރުގެ އަދަބު ދީގެންނެވެ.
ބާލީއަށް ކޮކެއިން އެތެރެކުރި ކަމުގެ ކުށް ސާބިތުވުމުން މާޗު މަހު ވަނީ އިނގިރޭސި ދެ މީހެއްގެ މައްޗަށް ނުވަ އަހަރަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފައެވެ.
ޖޫން މަހު ބާލީގެ ފުލުހުން ވަނީ އެ ރަށަށް ގާތްގަނޑަކަށް އަށް ކިލޯގެ ހަޝިޝް އެތެރެކުރަން އުޅުނު ރަޝިޔާ ދެ މީހަކުވެސް ހައްޔަރުކޮށްފައެވެ.