40 ފުޅި ބަނގުރަލާއި، ފައިސާއާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

40 ފުޅި ބަނގުރަލާއި، ފައިސާއާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި -- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ތަނާއި ސައިކަލު ބަލައި ފާސްކޮށް 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މީހާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

  • ހުޅުމާލެއިން ބަނގުރަލުގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކުރުން
  • 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
  • ތުހުމަތު ކުރެވޭ މީހާ ބޭނުންކުރި ސައިކަލު ޓޯކުރުން
  • މައްސަލަ ތަހުގީގުކޮށް އެ މީހާ ރާއްޖެއިން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކުރުން

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން (27އ) އެވެ.

އޭނާ ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކުރަނިކޮށް، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ސައިކަލު ވެސް ވަނީ ތަހުގީގުގެ ބޭނުމަށް ޓޯ ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ޙަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް