80،000 ރުފިޔާގެ ކަރަންޓު ސާމާނު ވަގަށް ނެގުމުގެ ތުހުމަތުގައި ކުޅުދުއްފުށިން ދެމީހަކު ހައްޔަރުކޮށްފި

އޮޑިހަރުގެއަކާއި، ގުދަނަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު -- ފޮޓޯ: ފުލުހުން

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ 80،000 ރުފިޔާގެ ކަރަންޓު ސާމާނުތަކެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ދެ މީހުން ކަމަށެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް ފަސް ދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުލައި ނުވަ ވަނަ ދުވަހުއެވެ. އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ވަގަށް ނެގި މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތި ފުލުހުން ހޯދާފައި ވާއިރު، ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް