އދ. ދިގުރަށުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ، ގޭސް ލީކުވެގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ފުލުހުންނަށް އެ ހާދިސާ ރިޕޯޓުކުރީ، ރޭ ދަންވަރު 2:00 ހާއިރެވެ. މި ހާދިސާ ހިނގީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ.
އެ ހާދިސާގައި އަށް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.
'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެކޮމޮޑޭޝަން ބްލޮކުގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ. އަދި، އެ ސަރަހައްދު ބަންދުކޮށް މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުންގެ އަދަދާއި ހިންގާ ކުންފުނީގެ ނަމެއް ސާފުވެފައެއް ނުވެއެވެ. އަދި އިތުރު ތަފްސީލެއް ނުލިބެއެވެ.
މެޑިކަލް ޑޮކްޓަރެއް ހިމެނޭ ގޮތަށް މި ހާދިސާގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.