އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް އިރާގަށް ވެއްޓިއްޖެ

އެމެރިކާގެ ވައިގެ ސިފައިންގެ ބޮއިންގް ކޭސީ-135 ޓޭންކަރު މަތިންދާބޯޓެއް އިސްރާއީލުގެ ތެލް އަވީވް ކައިރީގައި އޮންނަ ބެން ގުރިއަން ބައިނަލްއަގްވާމީ އެއާޕޯޓަށް ޖައްސާފައި --- ފޮޓޯ/އީޕީއޭ

އެމެރިކާގެ އަސްކަރީ ކޭސީ-135 މަތިންދާބޯޓެއް އިރާގުގެ ހުޅަނގު ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގީ އަސްކަރީ ހަރަކާތެއްގެ ތެރެއިން ކަމަށާއި، މިއީ ހަނގުރާމައިގެ ތެރޭގައި ގެއްލުނު ހަތަރުވަނަ މަތިންދާބޯޓުކަން ފާހަގަކުރެވެއެވެ. މި ހާދިސާގައި ބޯޓުގެ ފަޅުވެރިންގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވެ، ހަނގުރާމަ ފުޅާވަމުން ދިއުމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް މާހިރުން އިންޒާރުދެއެވެ.

  • އެމެރިކާގެ ކޭސީ-135 މަތިންދާބޯޓެއް އިރާގުގެ ހުޅަނގަށް ވެއްޓިއްޖެ
  • ހާދިސާ ހިނގީ އޮޕަރޭޝަން އެޕިކް ފިއުރީގެ ތެރެއިން ކަމަށް ބުނޭ
  • ބޯޓުގެ ފަޅުވެރިންގެ ހާލަތު އަދިވެސް ސާފުނުވާ ކަމަށް ރިޕޯޓްކުރޭ
  • މިއީ މި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ހަތަރުވަނަ މަތިންދާބޯޓު ގެއްލުނު ފަހަރު
  • ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދޭ

އެމެރިކާގެ ކޭސީ-135 އަސްކަރީ މަތިންދާބޯޓެއް އިރާގުގެ ހުޅަނގަށް ވެއްޓިފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، މި ހާދިސާ ހިނގީ އޮޕަރޭޝަން އެޕިކް ފިއުރީގެ ތެރޭގައި ކަމަށާއި ނަމަވެސް އެއީ ދެކޮޅުވެރިވެގެން ހިނގި ހާދިސާއެއް ނޫން ކަމަށެވެ.

ބުރާސްފަތި ދުވަހު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އިރާގުގެ ހުޅަނގަށް އެއް މަތިންދާބޯޓު ވެއްޓި، ދެވަނަ މަތިންދާބޯޓު ސަލާމަތުން ޖައްސާފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާންމުކޮށް ކޭސީ-135 މަތިންދާބޯޓުގައި ޕައިލެޓަކާއި ކޯ ޕައިލެޓަކާއި ބޫމް އޮޕަރޭޓަރެއްގެ ކްރޫއެއް ތިބެއެވެ. ނަމަވެސް، އެ މީހުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ބޭރުގެ މީޑއާތަކުން ރިޕޯޓުކުރެއެވެ. ފްލައިޓްރެޑާ24 އިން ރިޕޯޓްކުރާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ތެލް އަވީވަށް ޖައްސަން އުޅުމުގެ ކުރިން ކޭސީ-135 ޓޭންކަރަކު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނެ ކަމަށް ސެންޓްރަލް ކޮމާންޑުން ބުނެއެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފެށި ފަހުން އެމެރިކާގެ ހަތް އަސްކަރީ ސިފައިން ވަނީ މަރުވެފައެވެ.

ކޭސީ-135 އަކީ މި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ގެއްލުނު ހަތަރުވަނަ މަތިންދާބޯޓެވެ. މި މަހުގެ ކުރީކޮޅު އެފް-15 ތިން މަތިންދާބޯޓު ކުވޭތު މަތިން ވަނީ ވައްޓާލާފައެވެ. އެ ހާދިސާގައި ހަ ފަޅުވެރިން ވަނީ ސަލާމަތްވެފައެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވާއިރު، ހަނގުރާމަ އަދިވެސް އަންނަނީ އިތުރަށް ފުޅާވަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި އިންފްލޭޝަން މަތިވެ، މުޅި މެދުއިރުމަތީގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނައިރު، އެކަމުގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

comment ކޮމެންޓް