ފިލްމު 'ދުރަންދަރު: ދަ ރިވެންޖް'ގެ ޓިކެޓް ބޮޑު އަގުގައި ވިއްކުމަށްފަހު އިތުރު ރެކޯޑެއް ގާއިމުކޮށްފި

ފިލްމު "ދުރަންދަރު"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މުމްބާއީގެ ބޮރިވާލީ މަލްޓިޕްލެކްސްއިން ފިލްމު 'ދުރަންދަރު: ދަ ރިވެންޖް'ގެ ޓިކެޓް 3100 ރުޕީސްއަށް ވިއްކައި، ފިލްމެއްގެ ޓިކެޓް އެންމެ ބޮޑު އަގުގައި ވިއްކުމުގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 'ޕުޝްޕާ 2' އަށެވެ. ޓިކެޓްގެ އަގުތައް އިންތިހާއަށް ބޮޑު ނަމަވެސް، ފިލްމުގެ ޕެއިޑް ޕްރިވިއު ޝޯތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ. މި ފިލްމަކީ އަދިތިޔަ ދަރުގެ ކާމިޔާބު ފިލްމު 'ދުރަންދަރު'ގެ ދެވަނަ ބައެވެ.

  • ފިލްމު ދުރަންދަރު ދަ ރިވެންޖްގެ ޓިކެޓް 3100 ރުޕީސްއަށް ވިއްކައި ރެކޯޑެއް ގާއިމުކުރުން
  • ޕުޝްޕާ 2ގެ 3000 ރުޕީސްގެ ރެކޯޑު ފިލްމު ދުރަންދަރުން މުގުރާލުން
  • ޓިކެޓްގެ އަގު ބޮޑު ނަމަވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިއުން
  • މި ފިލްމަކީ އަދިތިޔަ ދަރުގެ ކާމިޔާބު ފިލްމު ދުރަންދަރުގެ ދެވަނަ ބައިކަމަށްވުން

މުމްބާއީގެ ބޮރިވާލީ މަލްޓިޕްލެކްސްއިން ފިލްމު "ދުރަންދަރު ދަ ރިވެންޖް"ގެ ޓިކެޓް 3100 ރުޕީސް އަށް ވިއްކުމާ ގުޅިގެން އެ ފިލްމު ރިލީޒްކުރުމުގެ ކުރިން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ މިހާތަނަށް މުޅި އިންޑިއާގައިވެސް ފިލްމެއްގެ ޓިކެޓް މިހާބޮޑު އަގެއްގައި ވިއްކި ފުރަތަމަ ފަހަރެވެ.

"ދުރަންދަރު: ދަ ރިވެންޖް"ގެ ޕެއިޑް ޕްރިވިއު ޝޯތަކުގެ އެޑްވާންސް ބުކިންއަށް ހީނުކުރާ ފަދަ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ފިލްމީ ދާއިރާގެ ތަޖުރިބާކާރުންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބިފައި ވަނީ، ޓިކެޓްގެ އަގުތައް 'ސުޕަ ބްލޮކްބަސްޓަ ޕްލަސް' ރޭޓްތަކުގައި ހުރި ނަމަވެސް، ޝޯތައް ވަރަށް އަވަހަށް ފުރެމުންދާތީއެވެ.

ކުރުކޮށް ބުނާނަމަ، މިއީ "ޕުޝްޕާ 2 – ދަ ރޫލް" (2024)، "ސްޓްރީ 2" (2024)، އަދި "އޮޕަންހައިމާ" (2023) ފަދަ ފިލްމުތަކަށް ވުރެ ވެސް މަތީ އަގުތަކެކެވެ.

ރަންވީރު ސިންގް ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތިޔަ ދަރުއާ އެކު--ފޮޓޯ/ޕިންކްވިލާ

މިހާތަނަށް އެންމެ ބޮޑު އަގުގައި ވިއްކާފައިވާ ޓިކެޓްގެ ރެކޯޑު އޮތީ އެކްޓަރު އައްލޫ އަރުޖުން އަދި ރަޝްމިކާ މަންދާނާގެ ފިލްމު "ޕުޝްޕާ 2" އަތުގައެވެ. މުމްބާއީގެ ބީ.ކޭ.ސީގައި ހުންނަ މޭޒަން ޕީ.ވީ.އާރްއިން "ޕުޝްޕާ 2"ގެ ޓިކެޓް އޭރު ވިއްކާފައި ވަނީ 3000 ރުޕީސް އަށެވެ. ނަމަވެސް، "ދުރަންދަރު: ދަ ރިވެންޖް"އިން މިހާރު ވަނީ މި ރެކޯޑް ވެސް މުގުރާލާފައެވެ.

މި މަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ސިނަމާތަކުގައި ރިލީޒްކުރާ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަކީ ޑައިރެކްޓަރު އަދިތިޔަ ދަރު މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައެވެ. މިދިޔަ އަހަރުގެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނުއިރު ދެވަނަ ބަޔަށް ވެސް ބެލުންތެރިންގެ ފަރާތުން ދައްކަމުން އަންނަ ތަރުހީބު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެހެންކަމުން މި ފިލްމުން ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލާނެކަމަށް ބެލެވެއެވެ. ފިލްމު "ދުރަންދަރު: ދަ ރިވެންޖް"ގެ ކާސްޓުގައި ހިމެނޭ ތަރިންގެތެރޭ ރަންވީރު ސިންގް، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދަވަން، ދާނިޝް ޕަންދޯރު އަދި ސާރާ އަރުޖުން ހިމެނެއެވެ.

comment ކޮމެންޓް