އަލުން ފިލްމީ މަސައްކަތް ކުރަންފެށީ އަބަދު މާޔޫސް ދިރިއުޅުމެއްގައި އުޅެން ބޭނުންނުވާތީ: ނީތޫ

ނީތޫ ފިރިމީހާ، ކުރީގެ އެކްޓަރު ރިޝީ ކަޕޫރާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކުރީގެ މަޝްހޫރު ބަތަލާ ނީތޫ ކަޕޫރު އަލުން ފިލްމީ ދާއިރާއަށް އެނބުރި އައީ ފިރިމީހާ ރިޝީ ކަޕޫރުގެ މަރަށްފަހު ކުރިމަތިވި ހިތްދަތިކަމާއި މާޔޫސްކަމުން އަރައިގަތުމަށެވެ. މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އަލުން މަސައްކަތަށް ނުކުތުމުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަނީ ބޮޑުވެފައެވެ.

  • ފިރިމީހާގެ މަރަށްފަހު ލިބުނު ހިތްދަތިކަމުން އަރައިގަތުމަށް ފިލްމީ މަސައްކަތް ފެށުން
  • އަވަހަށް މަސައްކަތަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިކަން
  • ނިދުމުގެ މައްސަލަތަކާ ކުރިމަތިވެ ޑޮކްޓަރުންގެ އެހީތެރިކަން ހޯދަން ޖެހުނުކަން
  • އަލުން މަސައްކަތަށް ނުކުތުމުން ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވިކަން

އެތައް އަހަރުތަކެއްފަހުން އަލުން ފިލްމީ ދާއިރާގައި މަސައްކަތްކުރަންފެށީ ފިރިމީހާ، ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ ވަކިވެދިޔުމާ އެކު ލިބުނު ހިތްދަތިކަމާއި މާޔޫސްކަމުން އަރައިގަތުމުގެ ބޭނުމުގައި ކަމަށް ނީތޫ ކަޕޫރު ބުނެފިއެވެ.

ކުރީގެ ބަތަލާ ސޮހާ އަލީ ޚާން ގެނެސްދެމުން އަންނަ ޔޫޓިއުބް ޝޯ "އޯލް އެބައުޓް ހާ"ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ނީތޫ ބުނީ، ފިރިމީހާ ނިޔާވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މަސައްކަތަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތް އޭނާއަށް އަމާޒުވި ކަމަށާއި އެއީ ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމެއް ކަމަށެވެ.

ނީތޫ ކިޔައިދިން ގޮތުގައި އޭނާ އަލުން މަސައްކަތަށް ނުކުތީ އަމިއްލަ ނަފްސަށް އޮތް އިތުބާރު އަލުން ހޯދުމަށެވެ.

"އޭރު އަހަރެން ހުރީ ވަރަށް ދެރަވެފައި. މީހުން ބުނަމުން ދިޔައީ ފިރިމީހާ މަރުވުމާ އެކު އޭނާ އެހާ އަވަހަށް މަސައްކަތަށް ނުކުމެއްޖެއޭ. އެއީ ވަރަށް ދެރަ ކަމެއް. އެކަމަކު އަހަރެން އެކަން ކުރި ސަބަބެއް އެމީހުންނަކަށް ނޭނގޭނެ،" ނީތޫ ބުންޏެވެ.

ހިންދީ ސިނަމާގެ ކުރީގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ނީތޫ ހާމަކުރި ގޮތުގައި، ރިޝީ މަރުވުމަށްފަހު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އޭނާއަށް ނިދުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއެވެ.

ނީތޫ އަދި ރިޝީ ދެ ކުދިން ކަމަށްވާ ރަންބީރު، ރިދިމާ އަދި ކާފަ ދަރިފުޅު ސަމައިރާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަދި އެ ދުވަސްވަރު ވަރަށް ނޭދެވޭ އާދަތަކެއްގެ މަޅީގައި ޖެހުނު ކަމަށާއި ނަމަވެސް، އޭނާ އަކީ އަބަދުވެސް ސިއްހަތަށް ބަލައިގެން އުޅޭ މީހަކަށްވާތީ، އެގޮތަށް އުޅެން ބޭނުންނުވެގެން ޑޮކްޓަރެއްގެ އެހީތެރިކަން ހޯދިކަމަށް ނީތޫ ވަނީ ބުނެފައެވެ.

އެގޮތުން 10 ދުވަސް ވަންދެން ކޮންމެ ރެއަކު އިންޖެކްޝަން ޖަހައިގެން ނިދަން ޖެހުނު ކަމަށާއި، އޭގެ ފަހުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްވި ކަމަށް ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ މަންމަ ބުނެފައިވެއެވެ.

މި ހިތްދަތި ދަނޑިވަޅުގައި ކަރަން ޖޯހަރްގެ އެދުމުގެ މަތިން އަލުން މަސައްކަތަށް ނުކުތުމުން، އެކަމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އިތުރަށް ވަރުގަދަވި ކަމަށް ނީތޫ ފާހަގަކުރިއެވެ. މިހާރު އޭނާ ދިރިއުޅުމުގައި ގެންގުޅޭ އުސޫލަކީ މީހުން ކިޔާ އެއްޗެއްސަށް ފަރުވާނުބަހައްޓައި ކުރިއަށް ދިއުން ކަމަށްވެސް ނީތޫ ވަނީ ބުނެފައެވެ.

ރިޝީ އާއި ނީތޫ ކައިވެނި ކުރީ 1980 ވަނަ އަހަރުއެވެ. މި ދެމަފިރިންނަކީ 70 އަދި 80ގެ އަހަރުތަކުގައި ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖޯޑެކެވެ. ރިޝީ ކަޕޫރު މަރުވެފައި ވަނީ ދެ އަހަރު ދުވަސް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު، 30 އެޕްރީލް 2020 ގައެވެ. އޭނާގެ އެންމެ ފަހު ފިލްމަކީ އޭނާ ނިޔާވި ފަހުން ރިލީޒްކުރި "ޝަރުމާޖީ ނަމްކީން" އެވެ.

ނީތޫ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ދާދީ ކީ ޝާދީ"އިންނެވެ. މި ފިލްމުގައި ނީތޫއާ އެކު ދަރިފުޅު ރިދިމާ ކަޕޫރު މުހިއްމު ރޯލަކުން ވަނީ ފެނިފައެވެ. މިއީ ނީތޫ އާއި ރިޝީގެ ދަރިފުޅު ރިދިމާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.

comment ކޮމެންޓް