އެމެޒޯން ޕްރައިމްގެ އެންމެ ކާމިޔާބު ވެބް ސީރީސްތަކުގެތެރޭ ހިމެނޭ "ދަ ފެމިލީ މޭން"ގެ މުހިއްމު ރޯލެއް ކުޅެމުން އަންނަ ޝާރިބް ހާޝިމީގެ ފިލްމީ ކެރިއަރު ބިނާކުރުމަށްޓަކައި އޭނާކުރި ހިތްދަތި ތަޖުރިބާގެ ވާހަކަ ބެލުންތެރިންނާ ހިއްސާކޮށްފިއެވެ.
އެކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެމްޓީވީގައި އަދާކުރަމުންދިޔަ ވަޒީފާ ޝާރިބް ދޫކޮށްލީ އޭނާގެ ކައިވެންޏަށް އެންމެ ފަސް އަހަރު ފުރުނުތަނާ އެވެ.
އޭގެ ފަހުން ވޭތުވި 15 އަހަރު ދުވަހުގެ ދަތި އުނދަގޫ ދުވަސްތަކުގައި، އަމިއްލަ ގެޔާއި ގަހަނާތައް ވިއްކާލަން ޖެހުނު ކަމުގައި ވިޔަސް، އޭނާގެ އަނބިމީހާ ނަސްރީން ހުރީ ސާބިތުކަމާއެކު ފިރިމީހާގެ ފަހަތުގައި ކަމަށް ޝާރިބު ވަނީ ބުނެފައެވެ.
ދެހާސްވިހި ވަނަ އަހަރު އެމެޒޯން ޕްރައިމްއިން ދެއްކި "ދަ ފެމިލީ މޭން" ސީރީޒްގައި ޖޭކޭ ތަލްޕަޅޭގެ ރޯލުން ޝާރިބް ބޮޑު މަގުބޫލުކަމެއް ހޯދި ނަމަވެސް، އެ ހިސާބަށް ދިއުމަށް އޭނާ ކުރި 15 އަހަރުގެ ދިގު މަސައްކަތް ގިނަ ބަޔަކަށް ނޭނގެއެވެ.
ދެހާހުގެ ކުރީކޮޅު މަހަކު 25،000 ރޫޕީސްގެ މުސާރައެއް ލިބޭ ވަޒީފާ ދޫކޮށްލުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ޝާރިބް ބުނެފައިވެއެވެ.

ޝާރިބު އަންހެނުން ނަސްރީންއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
ޝާރިބް ކިޔައިދިން ގޮތުގައި އޭނާގެ އަނބިމީހާ ނަސްރީންގެ އެއްބާރުލުން ނުލިބުނު ނަމަ މި ދަތުރު ފެށުމަކީ މުސްތަހީލު ކަމެކެވެ.
"އޭނާ ނޫނެކޭ ބުނިނަމަ، އަހަރެން ހަމައެކަނި ވަޒީފާގެ ތެރޭގައި މުޅި އުމުރު ހޭދަކުރީމުސް،" ޝާރިބް ބުންޏެވެ. އޭރު އެމީހުން ތިބީ މުމްބާއީއިން ލޯނަކަށް ގެއެއްވެސް ގަނެފައެވެ.
ނަސްރީން ބުނިގޮތުގައި އޭނާ ޝާރިބަށް އެހީތެރިވީ ފިރިމީހާގެ ހުނަރަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަމަވެސް، ދިހަ ވަރަކަށް އަހަރު ވަންދެން ކުރި މި މަސައްކަތުގައި އެމީހުންގެ ހުރިހާ ފައިސާއެއް ހުސްވެ، އަތުގައި އޮތް ގަހަނާތަކާއި، ދިރިއުޅުނު ގެޔާއި، އަދި ނަސްރީނަށް ތަރިކައިން ލިބުނު ގެވެސް ވިއްކާލަން ޖެހުނެވެ.
ދެހާސްއަށް ވަނަ އަހަރުގެ އޮސްކާ ކާމިޔާބުކުރި ފިލްމު "ސްލަމްޑޮގް މިލިއަނޭއާ"އިން ކުޑަ ރޯލެއް ލިބުނު ނަމަވެސް، އޭގެ ފަހުން ތިން އަހަރު ވަންދެން ޝާރިބަށް އެކަށީގެންވާ ފުރުސަތެއް ނުލިބެއެވެ.

"ދަ ފެމިލީ މޭން"ގެ ލީޑް ތަރިންނާ އެކު ޝާރިބު--ފޮޓޯ/އިންޑިއާޓުޑޭ
އެއް ދުވަހަކު އަތުގައި އެންމެ ލާރިއެއްވެސް ނެތިގެން މަގުމަތީގައި އިންނަން ޖެހުނު ހަނދާން އޭނާ އާކުރިއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް އެންމެ އުންމީދު ކަނޑާލާ ވަގުތު ކޮންމެވެސް އެހީތެރިކަމެއް ނުވަތަ މަސައްކަތެއް ލިބޭ ކަމަށް ޝާރިބު ވަނީ ބުނެފައެވެ.
ޝާރިބްގެ މި ދަތުރުގައި ރަހުމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަމުން އޭނާ ބުނީ، ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ހުރި އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔަކު، އެމީހުން އަތުގައި ފައިސާ ނެތް އިރުވެސް ދަރަންޏަށް ތަކެތި ދީ ހެދިއެވެ. އެގޮތުން އެއްލައްކަ ރޫޕީސްގެ ދަރަނި ބޯމަތިވީއިރުވެސް، އެ ރަހުމަތްތެރިޔާ ބުނީ ފައިސާއާ މެދު ކަންބޮޑުނުވެ ބޭނުންވާ ތަކެތި ގެންދިއުމަށް ކަމަށް ޝާރިބު ބުނެފައިވެއެވެ.
ދިރިއުޅުމުގެ އެންމެ ދަތި ވަގުތު، މާޔޫސްވެގެން ޝާރިބަށް އޭނާގެ އަނބިމީހާ ކުށްވެރި ކުރެވުނު ކަމަށްވެސް އޭނާ އިއުތިރާފުވިއެވެ. ނަމަވެސް ނަސްރީން ބުނީ އެއީ މުޅި އާއިލާ ގުޅިގެން ނިންމި ނިންމުމެއް ކަމަށާއި، ދެން އެކަމާ ހިތާމަނުކުރުމަށެވެ.
ކުދިންގެ ސްކޫލް ފީ ނުދެއްކިގެން ދިޔަ ދުވަސްވަރު، ނަސްރީން ޝާރިބް ގާތު އިތުރަށް ކިހާ ދުވަހެއް ބޭނުންތޯ އެހުމުން، ޝާރިބް އެދުނީ އިތުރު ދެ އަހަރަށެވެ. ނަސީބަކުން އެ ދެ އަހަރުގެ ތެރޭގައި "ދަ ފެމިލީ މޭން"އިން ފުރުސަތު ލިބި، އޭނާގެ ހަޔާތް ބަދަލުވެގެން ދިޔައެވެ.
މިއަދު ޝާރިބަކީ ބޮލީވުޑްގެ މަގުބޫލު އެކްޓަރެކެވެ. އޭނާ ވަނީ އަނބިމީހާ ވިއްކާލި ހުރިހާ ގަހަނާއެއް އަނބުރާ ހޯދައިދީ، ވެފައިވާ ވައުދު ފުއްދާފައެވެ. ނަމަވެސް، ކާމިޔާބީގެ އުފާ ލިބުނުތަނާހެން އޭނާގެ އަނބިމީހާއަށް ވަނީ ކެންސަރު ބަލި ޖެހިފައެވެ. މިހާރު ފަރުވާ ހޯދަމުންދާއިރުވެސް، ނަސްރީން ހުރީ ޝާރިބްގެ އެންމެ ބޮޑު ހިތްވަރުގެ ގޮތުގައެވެ.
ޝާރިބު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުތެރޭ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމު "ހައިވާން"ގެ ރޯލަކުންނެވެ.