އީރާން ހަނގުރާމައާއެކު ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.
މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތެލުގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ކެމްބޯޑިއާގައެވެ. އެ ގައުމުގައި ތެލުގެ އަގު ވަނީ 68 އިންސައްތަ އުފުލިފައެވެ.
ދެވަނައަށް އެންމެ ބޮޑަށް އަގު އުފުލުނު ވިއެޓްނާމްގައި 50 އިންސައްތަ އިތުރުވެފައިވާއިރު، ނައިޖީރިއާގައި 35 އިންސައްތަ، ލާއޯސްގައި 33 އިންސައްތަ އަދި ކެނެޑާގައި 28 އިންސައްތަ ވަނީ އަގު އުފުލިފައެވެ. ގިނަ ގައުމުތަކުން ތެލުގެ އަގަށް ބަދަލު ގެންނަނީ މި މަސް ނިމުމުން ކަމަށްވާތީ، ކުރިއަށް އޮތް އޭޕްރީލް މަހު އިތުރު ގައުމުތަކެއްގައި އަގު ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ތެލުގެ އަގު އުފުލުނު މިންވަރު ދައްކުވައިދޭ ޗާޓެއް -- ފޮޓޯ: ގްލޯބަލް ޕެޓްރޯލް ޕްރައިސަސް/ އަލް ޖަޒީރާ
މި ހަނގުރާމައިގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ވަނީ ބޮޑު ދައްޗެއް ކުރިމަތިވެފައެވެ. އެއީ އޭޝިއާގެ ގައުމުތަކަށް ތެލާއި ގޭސް އެތެރެކުރުމުގައި ބޮޑަށް ބަރޯސާވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ހަނގުރާމައިގެ ސަބަބުން ބަންދުވެފައި އޮތުމުންނެވެ.
މި ސަރަހައްދުގެ ތެރެއިން ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް މިކަމުގެ އަސަރު މާ ބޮޑަށް ކުރެއެވެ.
ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ވަނީ ހުރިހާ ޔުނިވާސިޓީތަކެއް ވަގުތުން ބަންދުކުރުމަށް އަންގައިފައެވެ. އަދި ޕާކިސްތާނުގައި ސަރުކާރު އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކޮށް، ސްކޫލްތައް ބަންދުކޮށް، މުވައްޒަފުންގެ ތެރެއިން 50 އިންސައްތަ ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވިލާތުގެ ގައުމުތަކުން ވެސް ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޖީ-7 ގެ މާލީ ވަޒީރުން މިކަމާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވަނީ ތެލުގެ އަގު ކުޑަކުރުމަށްޓަކައި އެ ގައުމުގެ ސްޓްރެޓީޖިކް ރިޒާވުން 20 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ މިންވަރެއް ބާޒާރަށް ނެރުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވާފައެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެއެވެ.