ބަލި މީހުންނަށް އެހީ ހޯދަންކަމަށް ބުނެ ފޭސްބުކްގައި ސްކޭމް ހިންގާ މިންވަރު އަނެއްކާ ވެސް އިތުރުވެއްޖެ

ބަލި މީހަކަށް އެހީވުމުގެ ނަމުގައި ހިންގާ ސްކޭމެއް ----

ފޭސްބުކް މެދުވެރިކޮށް ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ. ސްކޭމަރުން އިންޓަނެޓުން ފޮޓޯތައް ނަގައި، ބަލި މީހުންގެ ނަމުގައި ހަމްދަރުދީ ހޯދައިގެން ރައްޔިތުން އަތުން ފައިސާ އަތުލަމުންދެއެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ފައިސާ ފޮނުވުމުގެ ކުރިން އެހީއަށް އެދޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޔަގީންނުވާ ޕޯސްޓުތައް ޝެއާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

  • ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން ފޭސްބުކްގައި ސްކޭމް ހިންގުން އިތުރުވެފައިވޭ
  • ސްކޭމަރުން އިންޓަނެޓުން ފޮޓޯ ވަގަށް ނަގައިގެން މީހުންގެ ހަމްދަރުދީ ހޯދާ
  • ފައިސާ ފޮނުވުމުގެ ކުރިން އެހީއަށް އެދޭ ފަރާތަކީ ކާކުކަން ފޯނުން ގުޅައިގެން ޔަގީންކުރަންޖެހޭ
  • ސައްހަކަން ކަށަވަރުނުވާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް އިލްތިމާސްކުރޭ

ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ފޭސްބުކްގައި ސްކޭމްތައް ހިންގާ މިންވަރު އަނެއްކާ ވެސް އިތުރުވެފައިވާކަމަށް ބުނެ، އެ ކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، މި ދުވަސްވަރު ފޭސްބުކްގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ނަމަވެސް، އޭގެތެރޭގައި ގިނައީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޖަހާފައިވާ ޕޯސްޓުތައް ކަމަށް އެ ސެންޓަރުން ބުނެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސްކޭމަރުން އެކި އުކުޅުތައް ބޭނުންކުރެއެވެ. މިގޮތުން، ޒަމާނަށް އަންނަ ބަދަލުތަކުން އެ އުކުޅުތަކަށް ވެސް ދަނީ ބަދަލުތައް އަންނަމުންވެ.

ފުލުހުން ވަނީ، ސްކޭމަރުން ގެންގުޅޭ ބައެއް އުކުޅުތައް ކިޔައިދީފައެވެ. މިގޮތުން، އިންޓަނެޓާއި އެކި ވެބްސައިޓުތަކުން ފޮޓޯތައް ވަގަށް ނަގައިގެން، ބޮޑެތި ބަލިތަކުގެ ވާހަކަދައްކައިގެން މީހުންގެ ހަމްދަރުދީ ސްކޭމަރުން ހޯދައެވެ. އޭގެއިތުރަށް، ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނަސް، މެސެޖަށް ޖަވާބު ދިނުން ހިމެނެއެވެ.

ފުލުހުން ވަނީ، އެ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަން ވެސް ކިޔައިދީފައެވެ. އެ ފަދައިން ޖަހާފައިވާ ޕޯސްޓުތަކަށް އެހީވާން ފައިސާ ފޮނުވުމުގެ ކުރިން ނަމްބަރަށް ގުޅައިގެން ވާހަކަދައްކަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/217172

ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ޔަގީންކުރުމަށާއި ސައްހަކަން ކަށަވަރުނުވާ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވަނީ އެދިފައެވެ.

މީގެކުރިން ވެސް ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކުރިއެވެ.

comment ކޮމެންޓް