މަކަރާއި ހީލަތުން 400،000 ރުފިޔާ ނެގި މީހަކު، އެ ފައިސާ އަނބުރާ ދައްކައިފި

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް އެމްއެންޔޫއެސްޔޫން ހިންގި ހަރަކާތެއް: މަކަރާއި ހީލަތުން ހަތަރުލައްކަ ރުފިޔާ ނެގި މީހަކު، އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައިފައިވާ ކަމަށް، ފުލުހުން ބުނޭ -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މަކަރާއި ހީލަތުގެ މައްސަލައެއްގައި 400000 ރުފިޔާ ހޯދި މީހަކު، ފުލުހުންގެ ތަހުގީގަށްފަހު އެ ފައިސާގެ ވެރިފަރާތަށް ފައިސާ އަނބުރާ ދައްކައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުންގެ ބުރަ މަސައްކަތުން ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާއަށްފަހު ފައިސާ ބަހާލައިގެން ދައްކައި ޚަލާސްކޮށްފައިވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އަދި ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 43 ސްކޭމް މައްސަލައެއްގައި 433425 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 87864 ރުފިޔާ ވަނީ ހޯދިފައެވެ. ރާއްޖޭގައި ގިނައިން ހިންގަނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ހިންގާ ސްކޭމްތަކެވެ. އެހެންކަމުން އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަކަރާއި ހީލަތުން 400000 ރުފިޔާ ނެގި މައްސަލައެއް ފެންމަތިވުން
  • ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ތަހުގީގުގައި ކުށަށް އިއުތިރާފުވުން
  • މަޝްވަރާތަކަށްފަހު ފައިސާގެ ވެރިފަރާތަށް އެއްކޮށް ފައިސާ ދައްކައި ޚަލާސްކުރުން
  • ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ ފައިސާގެ މުއާމަލާތްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރުން

މަކަރާއި ހީލަތުން ހަތަރުލައްކަ ރުފިޔާ ނެގި މީހަކު، އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައި ޚަލާސްކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފުލުހުންގެ އިދާރާއަށް، ހަތަރުލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއް ލިބުނު ކަމަށެވެ.

އެ ޝަކުވާ ލިބުމުން، މައްސަލައިގައި ތުހުމަތުވާ މީހާއާ ފުލުހުން ސުވާލުކުރުމުން، އެ މީހާ ކުށަށް އިއުތިރާފުވި ކަމަށް، ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވި ކަމަށާއި، ފައިސާ ނެގި މީހާ، ފައިސާގެ ވެރި ފަރާތަށް ފައިސާ އަނބުރާ ދައްކައި، ޚަލާސްކޮށްފައިވާކަމަށް ވެސް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މަކަރާއި ހީލަތުން ފައިސާ ނަގާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިދިޔަ އާދީއްތަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އަދި 433،425 ރުފިޔާ ގެއްލިފައިވާ ކަމާއި، އޭގެން ހޯދުނީ 87،864 ރުފިޔާ ކަމަށްވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

ރާއްޖޭގައި އާންމު ސްކޭމްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެން ހިންގާ ސްކޭމްތަކެވެ.

comment ކޮމެންޓް