ތެޔޮ ސަލާމަތްކުރުމަށް ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް ބަންދުކޮށްފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އަޅާ ކުއްލި ފިޔަވަޅެއްގެ ގޮތުން، ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް މިއަދުން ފެށިގެން ބަންދުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއާއެކު، ޔުނިވާސިޓީތަކުގެ ފިޠުރު ޢީދު ބަންދު ވަނީ އަވަސްކޮށްފައެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ސަރުކާރާއި އަމިއްލަ ހުރިހާ ޔުނިވާސިޓީތަކަކުން މި ނިންމުން ތަންފީޒުކުރާނެއެވެ. މި ފިޔަވަޅުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުވުމުގެ އިތުރުން، މަގުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަވެ، ތެޔޮ އިސްރާފުވުން ހުއްޓުވޭނެ ކަމަށް އޮފިޝަލުން ފާހަގަކުރިއެވެ. ޔުނިވާސިޓީތަކުގެ ކްލާސްރޫމްތަކާއި، ލެބޯޓަރީތަކާއި، ދަރިވަރުން ތިބޭ ހޯލުތަކުގައި އޭސީ ކުރުމަށް ގިނަ އަދަދެއްގެ ކަރަންޓު ބޭނުންކުރެއެވެ.

https://www.sun.mv/218911

ރަމަޟާން މަހާ ގުޅިގެން ބަންގްލަދޭޝްގެ ސްކޫލްތައް މިހާރުވެސް ހުރީ ބަންދުކޮށްފައެވެ. މީގެ އިތުރުން، ބޭރުގެ މަންހަޖަށް ކިޔަވައިދޭ ސްކޫލްތަކާއި ޓިއުޝަން ސެންޓަރުތައް ވެސް މި ދުވަސްވަރު ބަންދުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ބަންގްލަދޭޝްއަށް ބޭނުންވާ ހަކަތައިގެ 95 އިންސައްތަ އަކީ އިމްޕޯޓުކުރާ ތަކެއްޗެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާއެކު، އެ ޤައުމަށް ވަނީ ތެލާއި ގޭސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މީހުން ހާސްވެގެން ގިނަ އަދަދަކަށް ތެޔޮ ގަނެ ރައްކާކުރަން ފެށުމުން، ހުކުރު ދުވަހުން ފެށިގެން ތެޔޮ ވިއްކާ މިންވަރު ވަނީ ލިމިޓުކޮށްފައެވެ.

ގޭސް ލިބުމުގެ ދަތިކަމާ ހުރެ، ސަރުކާރުން ހިންގާ ގަސްކާނާ އުފައްދާ ފަސް ކާރުޚާނާގެ ތެރެއިން ހަތަރު ކާރުޚާނާއެއްގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެތަންތަނަށް ބޭނުންކުރާ ގޭސް، ކަރަންޓު އުފައްދާ ކާރުޚާނާތަކަށް ވަނީ ބަދަލުކޮށްފައެވެ.

ބަންގްލަދޭޝްގެ ހަކަތައާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ކަރަންޓާއި ތެލުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް