އުމުރުން ދުވަސްވުމާ ގުޅިގެން އަމިއްލަ ސިފައަށާއި ރީތިކަމަށް އަންނަ ބަދަލުތަކަށް މީހުން ފާޑުކިޔަސް އެކަމަށް ސަމާލުކަމެއް ނުދޭ ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
އެއްޒަމާނެއްގައި "ސައިޒް ޒީރޯ"ގެ ނަމުގައި މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު ބަތަލާގެ ހަށިގަނޑާއި ސިފައާ ބެހޭގޮތުން މީހުން ދައްކާ ވާހަކަތަކަކީ މިހާރު އޭނާ ޝައުގުވެރިވާ މައުޟޫއެއް ނޫން ކަމަށް ކަރީނާ ބުނެފައި ވަނީ ދާދިފަހުން ހޮލީވުޑް ރިޕޯޓަ އިންޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.
ފިލްމީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ކަރީނާ ބުނާގޮތުގައި، އޭނާ ވަނީ މި ދާއިރާގެ ހުރިހާ ފަންތިއެއް ތަޖުރިބާކޮށްފައެވެ. ކެރިއަރުގެ ކުރީކޮޅު ބޮޑެތި ކާމިޔާބު ފިލްމުތަކުން ފެނުނު ނަމަވެސް، މިހާރު އޭނާ އިސްކަންދެނީ މުޅިންވެސް ޗެލެންޖިންގް ރޯލްތައް ކުޅުމަށެވެ.
އެގޮތުން "ދަ ބަކިންހަމް މާޑާސް" ފިލްމުގައި އެއްވެސް މޭކަޕަކާ ނުލައި، ވަރަށް އާދައިގެ ގޮތަކަށް މަސައްކަތްކުރުމަކީ އޭނާ ވަރަށް ޝައުގުވެރިވި ކަމެެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
އެ ފިލްމުގައި ކަރީނީ ކުޅުނު ރޯލްއިން ދައްކުވައިދިނީ މާބޮޑު މޭކަޕަކާ ނުލައި ލިބިފައިވާ ޤުދުރަތީ ރީތިކަމާ އެކު ވެސް ފިލްމީ ކެރިއަރުގައި ކުރިއަށް ދެވިދާނެކަން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކަރީނާ އަދި ސައިފް ދެ ކުދިން ކަމަށްވާ ތައިމޫރު އާއި ޖޭއާ އެކު--ފޮޓޯ/އެންޑީޓީވީ
އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ސިފައާ ބެހޭގޮތުން މުޖުތަމައުގައި ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، ކަރީނާ ހުރީ އެކަންކަމާ ދުރަށް ޖެހިފައެވެ.
"އަހަރެންގެ 40ގެ އަހަރުތައް މި ހޭދަކުރަނީ ވަރަށް އުފަލާއެކު،" ބަތަލާ ބުނެފައިވެއެވެ.
އުމުރުން ދުވަސްވުމަކީ ބިރުގަންނަންޖެހޭ ނުވަތަ އަމިއްލަ ނަފްސު އަލުން ބަދަލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ނުދެކެއެވެ. އެއީ ތަބީއީ ގޮތުން އަންނަ ބަދަލެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
މި އަހަރު ކަރީނާގެ އުމުރުން 46 އަހަރު ފުރޭނެ ކަމަށާއި މިހާރު ދެ ކުދިންގެ މަންމައަކަށްވީ ނަމަވެސް ކަރީނާއަކީ އަބަދުވެސް އަމިއްލަ ނަފުސުދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އުމުރު މަތިވަމުންދާ ވަރަކަށް އަމިއްލަ ނަފުސަށް އަންނަ ބަދަލުތައް ފޮރުވަން މަސައްކަތްކުރާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެކަމުން ސަލާމަތްވާން ދުވާނީ ކިހާ ދުވަހެއް ވަންދެންތޯ ކަރީނާ ވަނީ ސުވާލު އުފައްދާފައެވެ.
އެހެންވެ ކަރީނާ އަބަދުވެސް ލޯބިކުރަނީ އުމުރަށް އަންނަ ބަދަލުތަކާ އެކު އަމިއްލަ ހަށިގަނޑަށާއި ސިފައަށް އަންނަ ބަދަލުތަކަށް މަރުހަބާކިޔާ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ގުދުރަތީ ރީތިކަމަށް ކަމުގައި ބަތަލާ ވަނީ ބުނެފައެވެ.