ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދީވާލީ ފާހަގަކުރުމަށް އިލްތިމާސްކޮށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޔާ މިރްޒާ ތައްޔާރުކުރި ހޭލުންތެރިކަމުގެ ވީޑިއޯ ސޯޝަލް މީޑިއާއިން ނެގި މައްސަލައިގައި ބޮމްބޭ ހައިކޯޓުން ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ވީޑިއޯ ވަގުތުން އަލުން އަޕްލޯޑުކުރުމަށް އަމުރުކޮށްފިއެވެ.
އިންޑިއާގައި އެންމެ ގިނަ ބަޔަކު ފޯރީގައި ފާހަގަކުރާ މި ފެސްޓިވަލްގެ ތެރޭގައި ވައި ނުސާފުވުމާއި އަޑުގަދަވުން ކުޑަކުރުމަށް ބާރުއަޅައި ދިޔާ މިރްޒާ ދޫކޮށްލި މި މެސެޖު ސޯޝަލް މީޑިއާއިން އުނިކުރީ، އެއީ ހިންދޫންގެ ދީނީ އާދަކާދަތަކަށް ފުރައްސާރަކުރުން ކަމަށް ބުނެ މުމްބާއީގެ ބީޖޭޕީ ޗީފް އަމީތު ސަތަމް ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ.
އޭނާގެ މި ހިތްހަމަނުޖެހުމަށް ބާރުލިބޭގޮތަށް ވާހަކަ ދައްކަމުން، މުމްބާއީގެ މޭޔަރު ރީތޫ ތާވްޅޭ ވެސް ވަނީ ދިޔާ މިރްޒާއަކީ އަބަދުވެސް ހިންދޫ ދީނާ ދެކޮޅު ފަރާތެއް ކަމަށް ތުހުމަތުކުރައްވައި، މޭޔަރުގެ އޮފީހުގެ ހުއްދަނެތި މިފަދަ ކެމްޕޭނުތަކުގައި ބައިވެރިނުކުރެވޭނެ ކަމަށް ބުނެ ކައުންސިލްގެ ނިންމުން ދިފާއުކޮށްފައެވެ. ނަމަވެސް، ހަމަ މި ކެމްޕޭނުގެ ދަށުން މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓް އާއި ކްރިކެޓް ތަރި އަޖިންކިޔާ ރަހާނޭ ފަދަ އެހެން ފަރާތްތަކުން ތައްޔާރުކުރި ވީޑިއޯތައް އެއްވެސް ހުރަހެއްނެތި ބީއެމްސީގެ އެކައުންޓްތަކުގައި އަދިވެސް އެބަހުއްޓެވެ.
ދިޔާ ޔުނިސެފްގެ އިވެންޓެއްގައި-- ފޮޓޯ/ ފޭސްބުކްމި މައްސަލަ ބެއްލެވި ބޮމްބޭ ހައިކޯޓުގެ ވަކީލުންގެ ބެންޗުން ވަނީ ސިޔާސީ ބޭފުޅުން ދައްކަވާ ޒިންމާދާރުކަން ކުޑަ ވާހަކަތަކާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި، އިންޑިއާއަކީ ސެކިއުލާ ދައުލަތެއްކަން އެ ބޭފުޅުންނަށް ހަނދާންކޮށްދެއްވާފައެވެ. އެގޮތުން ދިޔާ މިރްޒާ އަމަލުކުރީ ކޯޓުގެ ކުރީގެ އަމުރާ އެއްގޮތަށް ކަމަށްވާއިރު، ތިމާވެށީގެ ސާފު މައްސަލައަކަށް ސިޔާސީ އަދި ދީނީ ކުލަވަރު ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބެންޗުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެއްވެސް މީހަކު ބާކީނުކޮށް އެކުވެރިކަމާއެކު އެ ޤައުމުގައި ފާހަގަކުރާ ޚާއްޞަ ފެސްޓިވަލްތަކާއި ޢީދުތައް ފާހަގަކުރުމުގެ މާހައުލެއް އޮންނަންޖެހޭއިރު، އެއްވެސް އަސާސެއްނެތް ކުއްލި ނިންމުމެއްގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ބުރޫއަރައިގެން ނުވާނެ ކަމަށް ކޯޓުން ވަނީ ހަރުކަށި އިބާރާތުން އަންގަވާފައެވެ.
ކޯޓުގެ އަމުރަކީ ވަކި ދީނީ އީދަކަށް އަމާޒުކުރެވިފައިވާ އަމުރެއް ނޫންކަން ސާފުކޮށްދެއްވަމުން ފަނޑިޔާރުން ވިދާޅުވީ، ކައިވެނިތަކާއި ކުޅިވަރު މުބާރާތްތަކާއި ސިޔާސީ އެއްވުންތަކުގައި ވެސް ބަޑިބޭސް ބޭނުންކުރަމުން ދާއިރު، ކޯޓުގެ އަމުރު ހިނގާނީ އަހަރުގެ 365 ދުވަހަށް ކަމަށެވެ. އަދި ތިމާވެށީގެ ޙައްޤުގައި ވަކާލާތުކޮށް ހޭލުންތެރިކަން އުފެއްދުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނަންވާނެ ކަމަށާއި، ވަކި ޝަޚުސިއްޔަތަކު ހޮވުމާމެދު ސުވާލު އުފައްދައި، ހެޔޮ ކަމަކަށް އިސްނެގި ފަރާތްތައް ފަހަތަށް ޖައްސައި ފުރައްސާރަކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ވިދާޅުވެ ކޯޓުން ވަނީ މި މައްސަލަ ނިންމަވާލައްވާފައެވެ.
ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ވިދާލި ކާމިޔާބު ބަތަލާ ދިޔާ މިރްޒާ، ފަހަކަށް އައިސް ފިލްމުތަކުން މައިގަނޑު ގޮތެއްގައި ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ. ނަމަވެސް، ފިލްމީ ދާއިރާއަށްވުރެ ބޮޑަށް އޭނާގެ މިހާރުގެ އަސްލު އަމާޒު ހުރީ ދުނިޔެ ސަލާމަތްކުރުމުގެ މުހިންމު މަސައްކަތަށެވެ.
އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔޫއެންއީޕީ)އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ގުޑްވިލް އެމްބެސެޑަރުގެ އިތުރުން، އޭނާއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އެޑްވޮކޭޓެއް ވެސް މެއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޕްލާސްޓިކްގެ ތަޣައްޔަރުވުން ހުއްޓުވުމުގެ އިތުރުން ޖަންގަލިތަކާއި ޖަނަވާރުން ޙިމާޔަތްކުރުމަށް އޭނާ ދަނީ ވަރުބަލިކަމެއްނެތި އަޑުއުފުލަމުންނެވެ. އެހެންކަމުން، ދިޔާ މިރްޒާއަކީ މިއަދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މުޅި އޭޝިއާ ސަރަޙައްދުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް އެކްޓިވިސްޓެވެ.