ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ދިރިއުޅޭ މުމްބާއީގެ ޖުހޫ ސަރަޙައްދުގެ އެޕާޓްމަންޓް ބޭރަށް ދާދިފަހުން ބަޑީގެ ޙަމަލާތަކެއް އަމާޒުވެ، ސިނަމާ އިންޑަސްޓްރީގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، އެކްޓަރު ތުޝާރު ކަޕޫރަށް ފަސް ކްރޯޑް ރުޕީސް ދެއްކުމަށް އަންގައި ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
މި އިންޒާރު ދީފައި ވަނީ ނުފޫޒުގަދަ ގޭންގްސްޓާރެއް ކަމަށްވާ ހަރީ ބޮކްސާގެ ނަމުގައި ކަމަށް ވީނަމަވެސް، ބެލެވޭ ގޮތުގައި މިއީ މި ދަނޑިވަޅުގައި އުފެދިފައިވާ ބިރުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މީހަކު ފައިސާ ފޭރެން ހިންގި ހީލަތްތެރި އަމަލެއް ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ފުލުހުންގެ އިސް އޮފިސަރަކު ހާމަކުރެއްވި ގޮތުގައި، ތުޝާރަށް ލިބުނު ވޮއިސް ނޯޓުގައި ފައިސާ ނުދީފިނަމަ ފުރާނައަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވުމާ ގުޅިގެން، އޭނާ ވަނީ ލަސްނުކޮށް މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި ތަޙުޤީޤު ވަގުތުން ކްރައިމް ބްރާންޗުގެ އެންޓި-އެކްސްޓޯޝަން ސެލްއާ ހަވާލުކުރިއިރު، އެ ވޮއިސް ނޯޓުގެ އަޑާއި ހަރީ ބޮކްސާގެ އަސްލު އަޑު އަޅާކިޔައިގެން ހެދި ފޮރެންސިކް ތަހުލީލުތަކުން އެނގުނީ އެއީ އޭނާ ނޫންކަމެވެ. އެހެންކަމުން، މިއީ ހަރީ ބޮކްސާގެ ނަން ބޭނުންކޮށްގެން އެހެން ފަރާތަކުން ހިންގަން އުޅުނު ޖަރީމާއެއް ކަމަށް ފުލުހުންގެ ތަޙުޤީޤަށް މިހާރު ވަނީ ޔަޤީންކުރެވިފައެވެ.
ތުޝާރު ކަޕޫރު، އޭނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޖީތެންދްރައާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާއިންޑިއާގައި ކުށްވެރިންގެ ބޮޑު ނެޓްވޯކެއް އޮންނަ ލޯރެންސް ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ހަރީ ބޮކްސާ އަކީ، މީގެ ކުރިން ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު ރަންވީރު ސިންގަށް ވެސް އިންޒާރުދިން މައްސަލަތަކުގައި ފުލުހުން ހޯދަމުން އަންނަ ފަރާތެކެވެ. އަސްލު ނަމަކަށް ހަރީ ޗަންދު ޖާތު ކިޔާ މި މީހާއަކީ ކުރިން ބޮކްސިންގް ކޯޗެއް ނަމަވެސް، ފަހުން ކުށުގެ ވެށީގެ ތެރެއަށް ވަދެ، ވިޔަފާރިވެރިންގެ އަތުން ފައިސާ ފޭރުމާއި، ފޭރުމުގެ އަމަލުތަކާއި އަދި މީހުން މަރަން އުޅުމުގެ ގިނަ މައްސަލަތަކެއްގައި ރާޖަސްތާނާއި، ޕަންޖާބު އަދި ދިއްލީގެ ފުލުހުން ވެސް ދައުވާ އުފުލާފައިވާ ކުށްވެރިއެކެވެ.
ރާޖަސްތާނުގެ ދަނޑުވެރި އާއިލާއަކަށް އުފަންވި ނަމަވެސް، ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަތުމާ ގުޅިގެން އާއިލާއިން ގުޅުން ކަނޑާލާފައިވާ މި މީހާ މިހާރު ފިލައިގެން އުޅެނީ އެމެރިކާގައި ކަމަށް ޝައްކުކުރެވެއެވެ. އަދި އޭނާއަކީ އަނެއް ގޭންގްސްޓާ ރޯހިތު ގޯދާރާއާ ގާތް ގުޅުމެއް އޮތް މީހެއް ކަމުގައި ވިޔަސް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކެލިފޯނިއާގައި ހަރީ ބޮކްސާ އަށާއި އޭނާގެ ގޭންގަށް އަމާޒުކޮށް މީހަކު މަރާލި ނުރައްކާތެރި ހަމަލާއަކީ ވެސް ގޯދާރާގެ އަމުރަށް ދިން ހަމަލާއެއް ކަމަށް ތުހުމަތުކުރެވިފައިވާތީ، މި ގޭންގުތަކުގެ އެތެރޭގައި ވެސް ވަނީ ބޮޑެތި ކޯޅުންތަކެއް އުފެދިފައެވެ.