ރާއްޖެއަށް ކުރި ދަތުރުގައި ލިބުނު މެހެމާންދާރީއަށް އިންޑިއާގެ ސުޕަސްޓާރު މޯހަންލާލްގެ ތައުރީފް

އިންޑިއާގެ މަޤުބޫލު އެކްޓަރު މޯހަންލާލް-- ފޮޓޯ/ ފޭސްބުކް

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ކުޑަ ވިލިނގިލި ރިސޯޓުގައި ހޭދަކުރި ޗުއްޓީއަށްފަހު، އެ ރިސޯޓުގެ ހިތްގައިމު މާޙައުލަށާއި ފުރިހަމަ މެހެމާންދާރީއަށް އިންޑިއާގެ މަލަޔާލަމް ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޯހަންލާލް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ.

ރާއްޖޭގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިއްސާކުރަމުން މޯހަންލާލް ބުނީ، ކުޑަ ވިލިނގިލީގައި އޭނާ ހޭދަކުރި ތިން ދުވަހަކީ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ފަދަ އާދަޔާ ޚިލާފު އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ. އެ ރިސޯޓަކީ ހުރިހާ ގޮތަކުން ވެސް އާޝޯހުކުރުވާ ފަދަ ފުރިހަމަ މަންޒިލެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ވަނީ، މި ދަތުރުގައި ލިބުނު ފުރިހަމަ ޚިދުމަތްތަކަށާއި ބެހެއްޓި ގާތްކަމަށްޓަކައި ރިސޯޓުގެ މުޅި ޓީމަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ. އަދި މި ޗުއްޓީގެ ސަބަބުން ދިގު މުއްދަތަކަށް ރައްކާކުރެވޭނެ އެތައް ރީތި ހަނދާންތަކެއް އުފެދިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މޯހަންލާލް ރާއްޖެއަށްކުރި ދަތުރުގައި އާއިލާގެ މެމްބަރުންނާ އެކު-- ފޮޓޯ/ ފޭސްބުކް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މޯހަންލާލަކީ އިންޑިއާގެ ސިނަމާގައި 40 އަށްވުރެ ގިނަ އަހަރުތަކަކަށް މަސައްކަތްކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ އެންމެ ނުފޫޒުގަދަ އެއް ތަރިއެވެ.

މޯހަންލާލް ފިލްމީ ދާއިރާއަށް ތަޢާރަފްވީ 1978 ވަނަ އަހަރުއެވެ. އޭގެފަހުން މޯހަންލާލް ވަނީ މަލަޔާލަމް ސިނަމާގެ އިތުރުން ތަމަޅަ، ތެލުގޫ އަދި ހިންދީ ފިލްމުތައް ހިމެނޭހެން 350 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތް ދައްކުވައިދީފައެވެ. ސީރިއަސް، އިމޯޝަނަލް އަދި މަޖާ ރޯލުތައް އެއްވެސް ތަކުލީފަކާ ނުލައި ފުރިހަމަކަމާއެކު ކުޅެދިނުމުގެ ތަފާތު ހުނަރެއް ލިބިފައިވާ މި ކުޅަދާނަ އެކްޓަރު ވަނީ އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ނޭޝަނަލް ފިލްމު އެވޯޑު ފަސް ފަހަރަށް ހާސިލުކޮށްފައެވެ. މީގެއިތުރުން އޭނާގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ އެޤައުމުގެ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ޕަދުމަ ޝްރީ އަދި ޕަދުމަ ބޫޝަން އެވޯޑުގެ ޝަރަފު ވެސް އޭނާއަށް އަރުވާފައެވެ.

comment ކޮމެންޓް