ހަބޭސްގެ ކާލާ މަންނަ، މިއީ ކޮން ކަމެއް؟

ހަބޭސް ބޮޑުބެރަކީ އަބަދުވެސް ވަރަށް ތަފާތު ކަންކަން ގެނެސްދިނުމުގައި މަޝްހޫރު ބޭންޑެކެވެ. އެއީ މިހާތަނަށް ބޭންޑަކުން އެންމެ ގިނަ އުފެއްދުން އާއްމުންނަށް ދޫކޮށްލާފައިވާ އެއް ބޭންޑުވެސްމެއެވެ. އެއީ ރާއްޖޭގެ މުޅި ތާރީޚަށް ބަލައިލި ކަމުގައިވީ ނަމަވެސް މެއެވެ. މަދަހައާއި، ލަވައާއި، މިއުޒިކް ވީޑިއޯތައް އެހާމެ ގިނައިން އުފައްދައެވެ.

ދިވެހިންގެ ތެރޭގައި ހަބޭސް މަގުބޫލުވެފައި ވަނީ ވެސް އަމިއްލަ އުފެއްދުންތަކާއި ހުނަރުގެ މޮޅުކަމުގައި ތަފާތު ދައްކާ ބޭންޑަކަށް ވާތީއެވެ. ވަކި އުމުރެއް ކިޔާނެކަމެއް ނެތެވެ. މީގެ 14 އަހަރު ކުރިން އުފެދުނު މި ބޭންޑަކީ މިއަދު އެންމެންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ބޭންޑެވެ.

މި ފަހަކުން ހަބޭސް ބޮޑުބެރު ގުރޫޕުން ވަނީ ކާލާމަންނައެއް އެ ބޭންޑްގެ މީސްމީޑިއާ މަންސަތަކަށް ދޫކޮށްލާފައެވެ. އެކަމުގެ އަސްލު މާނަ ނުވަތަ ހަގީގަތެއް ގައިމުވެސް އޮންނާނެއެވެ. އެކަމުގެ އިތުރު ތަފްސީލެއް ހޯދައިލުމަށް ހަބޭސްގެ މެނޭޖަރު އަލީ ޝިފާޢު (އައްޔަ)އާއި ގުޅާލުމުން އެކަން ވަރަށް ރަނގަޅަށް ސާފުވާނެހެން ކިޔައިދީފިއެވެ.

އައްޔަ ބުނި ގޮތުން އެއީ ހަބޭސްގެ އައު މީސްމީޑިއާ ކެމްޕެއިނެއްގެ ރަމްޒީ ދައްކާލުމެކެވެ. އެއިން ދޭހަކޮށްދެނީ އެންމެ އުހުގައި ހަބޭސްއިން އޮންނަން ކުރާ މަސައްކަތެވެ. އަދި މި ހިނދުން ފެށިގެން ހަބޭސްގެ ޕްރޯ ޕްރޮޑަކްޝަން ލެވެލް ނުވަތަ އުފެއްދުންތައް އުފައްދާ މިންވަރު އިހަށްވުރެ އިތުރު ފަސް ގުނަ ކުރިއަށް ޖައްސައިލާނެ ކަމަށް އައްޔަ ބުންޏެވެ.

ހަބޭސްގެ ކާލާ މަންނައާއެކު އެތައް ބައެއް ސުވާލު ދެން އުފެދެނީ އެ ކެމްޕެއިންގައި ބޭނުންކުރާ ފިލި ނުޖަހާ ހަ އަކުރާ މެދުއެވެ. އެއީ "ނހފއޓނ" އެވެ.

އިތުރަށް އޮޅުން ފިލުވާލުމަށް ހަބޭސްގެ މާކެޓިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހަބޭސް މަމްދޫހުއާއި ސުވާލު ކޮށްލުމުން ބުނީ، އެއީ ހަބޭސްގެ ކުރިއަށް އޮތް 15 ވަނަ އަހަރީ ދުވަހާއި ބައްދަލުވާއިރު ހަބޭސްއިން ހާސިލުކުރަން އޭރު ނިންމާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރި ކަމެކެވެ. އަދި އިތުރަށް އޭނާ ފާހަގަކުރި ގޮތުގައި ދެން އަންނަ ކަންކަމުގެ ތެރޭގައި ހަބޭސްއިން މީގެކުރިން ކޮށްފައި ނުވާ އެތައް ކަމެއްވެސް ހިމެނޭނެއެވެ.

އޭގެ ތެރޭގައި އައު ފަންނާނުން މިދާއިރާއަށް ނެރުމާއި، ސަގާފީ އިތުރު ހަރަކާތްތަކާއި، އެނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ އެތައް ކަމެއް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

ހަބޭސް އަކީ މި ދާއިރާގައި މެދުކެނޑުމެއްނެތި 14 އަހަރު އެއް ދުވެއްޔެއްގައި ހިފާއްޓާލައި އެތައް ގިނަގުނަ މިއުޒިކީ އަދި ސަގާފީ އުފެއްދުންތަކެއް މިދާއިރާއަށް ދޫކޮށްފައިވާ ކުޅަދާނަ ބޭންޑެކެވެ.

comment ކޮމެންޓް