މެދުއިރުމަތިން ރާއްޖެއަށް އިޤްތިޞާދީ ބަނަ ވިލާގަނޑެއްގެ ނުރައްކާ: ކިހާ ދުވަހަކަށް؟

އެމެރިކާއިން އީރާނަށް ހަމަލަ ދޭ ހިސާބަށް މަސްރަހު ފުރޮޅިގެންދިޔައީ ހަމަ ކުއްލިއަކަށް ނޫނެވެ. އެއީ ބޮޑު ސިހުމަކަށް ވާކަށް ނުޖެހެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެންމެ ފުރަތަމަ މިސައިލު ހަމަލާ އީރާނަށް ފޮނުވައިލުމާ ހަމައަށް ވެސް ލައްކަ ސިގްނަލު ލިބުނެވެ.

އީރާނުގެ އިގްތިޞާދަށް އައި ހީނަރުކަމާ އެކު އެ ގައުމުގެ އެތެރޭގައި ފެށި ބޮޑެތި މުޒާހަރާތަކެވެ. އެ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އީރާނުގެ ސަރުކާރުން ދިން ހަމަލަތަކާއި އެޅި ހަރުކަށި ފިޔަވަޅުތަކެވެ. އޭގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވެދެވަޑައިގެން އެ ކަން ހުއްޓަން ދެއްވި އިންޒާރުތަކެވެ. އަދި މިދިޔަ މަހުގެ ތެރޭ އީރާނުގެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ ބޮޑެތި މަނަވަރުތަކާއި، ބޮން އަޅާ މަތިންދާ ބޯޓާއި، މިސައިލު ބޯޓުތައް ފޮނުވުމެވެ. އަދި ސުލްހަ ގާއިމްކުރެވޭތޯ އޮމާން މެދުވެރިވެ ޖެނީވާގައި އީރާނުގެ ނިއުކްލިއާ މައްސަލައިގައި ކުރިއަށްގެންދިޔަ މަޝްވަރާ މާ ބޮޑު ކުރިއެރުމެއް ނުލިބި ނިންމާލުމެވެ. މިސައިލު ހަމަލަ ދިނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އީރާނަށް ހަމަލަދޭން ނިންމެވިކަން ޓްރަމްޕު އިއުލާނުކުރެއްވި ބައްދަލުވުމުގެ ތެރެއިން ---
މިއީ މިދިޔަ 60 އެއްހައި ދުވަހުގެ ތެރޭ ކަންކަން ފުރޮޅުނު ގޮތެވެ. ލައްކަ ވަގުތެވެ. އޭރު ބައިނަލްއަގްވާމީ އެކިއެކި ތިންކް ޓޭންކުތަކުން ދިޔައީ މި ދެ ގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން ހަމަލައަކަށް ބަދަލުވެދާނެ ކަމުގެ އެތައް ސިނާރިއޯއެއް ވިސްނަމުންނެވެ. އެ ފަދަ ހާލަތެއް އުފެދިއްޖެ ނަމަ ދެން ކަން ވެދާނެ އެކިއެކި ގޮތްތައް އައީ ދިރާސާކޮށް ދެނެގަންނަމުންނެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންގެ މައްޗަށް ބިނާވެފައި އޮތް މި ރާއްޖޭގެ އިގްތިޞާދަށް ވެސް މި ބަނަ ވިލާގަނޑުގެ ހިޔަނި އޮތީ ނޭޅިއޭ ބުނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ގައުމުގައި ބޮޑު ޚާރިޖީ ވުޒާރާއެއް އެބައޮތެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއެއް އެބައޮތެވެ. އެހެންވީމާ ދުނިޔޭގައި ކަން ހިނގާ ނުހިނގާ ގޮތް ވެސް ބަލަންވާނެތާއެވެ. ކޮންމެއަކަސް ބަނަވިލާގަނޑުން ބޯކޮށް ވާރޭ އޮއްސައިލައިފިއެވެ. ސުވާލަކީ މިއީ ރާއްޖެއަށް ކިހާ ބޮޑު ޝޮކަކަށް ވާނެތޯއެވެ. ތައްޔާރުތޯއެވެ.

"ތިން ދާއިރާއަކަށް ނުރައްކާ ބޮޑު، އެންމެ ބޮޑު ބިރު ޓޫރިޒަމަށް"

ހަގީގަތަކީ މިދިޔަ 50 އަހަރު ތެރޭގައާއި، މިއަދު ވެސް ދިވެހިންނަށް ކައިބޮއެ، ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިވި އެންމެ ބޮޑު ސަބަބަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަތީ ހަރުފަތުގައި ހޯދައި މިލްކުކޮށްފައި އޮތް ޖާގަ ކަމެވެ. މެދުއިރުމަތިންނާއި، ޔޫރަޕާއި، އެމެރިކާ ބައްރާއި، އޭޝިއާގެ އެތަންމިތަނުން ބިލިއަނަރުންނާއި، މިލިއަނަރުންނާއި، އެކި ފަންތީގެ ފަތުރުވެރިން މި ގައުމަށް އައިސް ހޭދަކުރާ ކުރުމަކީ ދިވެހި އިގްތިޞާދުގެ ހަކަތައެވެ. ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރުނަސް، ހަނގުރާމައެއް ފެށިއަސް، އެންމެ ފުރަތަމަ އޭގެ އަސަރުކުރާނެ އެއް ދާއިރާއަކީ ބައިނަލްއަގްވާމީ ދަތުރުފަތުރެވެ. ދަތުރުކުރާނެ މަގުތަން ބަންދުވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފަތުރުވެރިން ނާންނަ ނަމަ ދެން ހުރި އެހެން ކަންކަމެއް ނުހިނގާނެއެވެ.

މެދުއިރުމަތީ ހަމަނުޖެހުމުގެ ފުރަތަމަ ދުވަސް: އެމިރޭޓްސް، ގަތަރު ފަދަ އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވުމުން ހާހަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖޭގެ މައި އެއާޕޯޓުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ނުފުރި މަޑުކުރަންޖެހިފައި -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި، އެއާލައިންތަކުގެ ކަންކަމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު، މުޙައްމަދު ފިރާގު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ކުރީއްސުރެ ރާއްޖޭގެ ފަތުރުވެރިކަމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ "މާކެޓް ބެލެންސް" ނެތުމެވެ. މާނައަކީ ވަކި ސަރަހައްދަކަށް މާ ބޮޑަށް ބަރޯސާވުމެވެ. ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އައުމުގެ ބަދަލުގައި އެއް ދިމާލަކުން އައުމެވެ.

ފިރާގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ބޮޑު ބައެއް އޮތީ ޔޫރަޕުގައެވެ. ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 55 ޕަސެންޓަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ މެދުއިރުމަތީގެ ކޮންމެވެސް އެއާޕޯޓެއްގައި ޓްރާންސިޓުވުމަށްފަހުގައެވެ.

"އެހެންވީމާ އޭގައި ދިމާވާނެ ހުރިހާ މައްސަލައެއް ދިމާވާނެ،" ފިރާގު ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ގަތަރުގެ ވައިގެ ސަރަހައްދު ބަންދެވެ. ޔޫއޭއީގެ ދުބައީގެ މައި އެއާޕޯޓުތަކުން ވަގުތީ ގޮތުން އޮތީ ޚިދުމަތްތައް މަޑުޖައްސައިލައިފައެވެ. ގަތަރު އެއާވޭޒް، އާއި އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ޑިލޭވެ ކެންސަލްވެއްޖެއެވެ. ނަތީޖާއަކީ، އެންމެ ދުވަހަކަށް ބަލައި ނަމަވެސް، ރާއްޖެއަށް އަންނަން ތިބި އެތައް ހާސް ފަތުރުވެރިއަކަށް ނާދެވުމެވެ. ބުކިންތައް ކެންސަލްވުމެވެ. އެހެންކަމުން ދިގު މުއްދަތަކަށް ދެމިގެން ގޮސްފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

"ވަރަށް ޗެލެންޖިން ދުވަސްކޮޅަކަށް ވާނެ ދިގު ދެމިއްޖެޔާ،" ފިރާގު ވިދާޅުވިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އިގްތީޞާދީ ދާއިރާގެ ތަޖުރިބާކާރު އަހްމަދު މުހައްމަދު (އަންޑޭ) ދެކެވަޑައިގަންނަވާ ގޮތުގައި މެދުއިރުމަތީގެ މި ހަމަނުޖެހުންތައް ދިގުލައިގެން ގޮސްފިނަމަ އޭގެ ނޭދެވޭ އަސަރު މައިގަނޑު ތިން ދާއިރާއަކުން ފޯރުމުގެ ބިރު އެބައޮތެވެ. އެއީ ފަތުރުވެރިކަމާއި، ތެޔޮ ގަތުމާއި، ބޭރު ފައިސާއަށް ކުރިމަތިވެދާނެ ތާށި ކަމެވެ.

އަޙްމަދު ވެސް ތަކުރާރުކުރެއްވީ ފިރާގު ވިދާޅުވި ވާހަކައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަށް މި ހިސާބަށް އާދެވެނީ މެދުއިރުމަތީގެ ޓްރާންސިޓް ހަބްތައް މެދުވެރިކޮށް ކަމެވެ. އަދި ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިނަމަ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމެވެ.

މީގެ އިތުރުން ތެލާއި އަސާސީ މުދާ އިމްޕޯޓުކުރާ ގައުމަކަށް ރާއްޖެވާއިރު، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލިއްޖެނަމަ ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން އިތުރުވުމުގެ ނުރައްކާ އެބައޮތްކަމަށް ވެސް އަހްމަދު ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިޞާދީ މާހިރުން ބުނަނީ ކީކޭ؟

ދުނިޔޭގެ އިގްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި މިހާރުގެ ހަމަލާތަކާ ގުޅިގެން ކުރިމަތިވާނެ އިގްތިޞާދީ ނޭދެވޭ އަސަރުތައް ބިނާވާނީ މި ހަމަނުޖެހުން ދެމިގެންދާ މުއްދަތެއްގެ މައްޗަށެވެ.

ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް އިމާޖިން މާކެޓްސް އިކޮނޮމިސްޓް ވިލިއަމް ޖެކްސަން ވިދާޅުވި ގޮތުގައި، މިކަމުގެ އަސަރު ބިނާވާނީ އީރާނުން ދޭ ބަދަލު ހިފުމުގެ ހަމަލާތަކުގެ ނިސްބަތަށާއި، ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.

"ހަމަލާތައް ވަކި މިންވަރެއްގައި ހިފެހެއްޓިއްޖެނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް އުފުލިދާނެ ކަމަށް ބެލެވޭ. ނަމަވެސް، މި ހަމަނުޖެހުން ދިގުލައިގެންގޮސް، ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ، ތެލުގެ އަގު މިއަށްވުރެ މާ ބޮޑަށް އުފުލި، މުޅި ދުނިޔޭގެ އިންފްލޭޝަނަށް މީގެ ބޮޑު އަސަރެއް ކުރާނެ،" އެންމެ ގިނައިން ތެޔޮ އުފުލާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި ޖެކްސަން ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހަމަލަތައް ހުއްޓުމުގެ ނިޝާނެއް އަދި ނުފެނެއެވެ.

"އީރާނުން ދޭ ބަދަލު ހިފުމުގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އިގްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވޭ. ނިމިދިޔަ އަހަރުގެ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު ހިނގި 12 ދުވަހުގެ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން، ދެވަނަ ކުއާޓަރުގައި އިޒްރޭލުގެ ޖީޑީޕީ ވަނީ 1.1 ޕަސަންޓު ދަށަށް ގޮސްފައި. މީގެ އިތުރުން، މެދުއިރުމަތީގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް (މިސާލަކަށް ބަހްރޭން އަދި ގަތަރުގެ މަރުކަޒުތަކަށް) އީރާނުން ހަމަލާދީފާނެ ކަމުގެ ބިރާއި، ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން އިގްތިޞާދީ ހަރަކާތްތަކަށް ހުރަސް އެޅޭނެ،" އޭނާ ވިދާޅުވިއެވެ.

އަހަރަކު 20.3 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ އުފުލާ ހޮރްމޫޒް ކަނޑުއޮޅި --

މުޅި ދުނިޔޭގެ އިގްތިސާދަށް ބަލާއިރު، މިކަމުގެ އަސަރު އެންމެ ބޮޑަށް ބިނާވެފައި އޮންނާނީ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަންދާޒާތަކުން ދައްކާގޮތުގައި، ސަރަހައްދީ މަސްލަހަތު ގޯސްވެ، އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރުމާ ގުޅިގެން، ތެލުގެ އަގަށް މިހާރުވެސް ވަނީ ބޮޑު ރިސްކް ޕްރީމިއަމެއް އިތުރުވެފައި. އެހެންނަމަވެސް، ހަމަލާތައް މަދުވި ނަމަވެސް، ހުކުރު ދުވަހު 73 ޑޮލަރުގައި ހުރި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް (މިދިޔަ އަހަރުގެ 12 ދުވަހުގެ ހަނގުރާމައިގައި ހުރި އެންމެ މަތީ އަގަށް) އުފުލިދާނެ ކަމަށް ބެލެވޭ. ނަމަވެސް، މި ހަނގުރާމަ ދިގުލައިގޮސް، އީރާނުގެ ސަޕްލައިއަށް ބުރޫއެރުން ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަޅަންވީ ކޮން ފިޔަވަޅެއް؟

ނުރައްކާތައް ވަރަށް ސާފެވެ. އަދި އަޅަންވީ ފިޔަވަޅުތައް ވެސް ސާފެވެ. މިހާތަނަށް ސަރުކާރުން މިވަނީ މުހިންމު ކަންކަން ދެނެގަނެ، އެއްވެސް މައްސަލައެއް ކުރިމަތިނުވާނެހެން ރޭވުންތައް ރާވަމުން އަންނަކަމަށް ހާމަކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ:

  • ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ގައުމަކީ އޮމާން ކަމަށްވުމާއެކު ތެޔޮ އެތެރެކުރާ ސަރުކާރު ކުންފުނި އެސްޓީއޯއާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ ސަޕްލައި މެދުނުކެނޑޭނެކަން ޔަގީންކުރުން
  • ފަތުރުވެރިން އަންނަ މިންވަރާއި ބައިނަލްއަގްވާމީ ދަތުރުފަތުރަށް ކޮށްފާނެ އަސަރުތައް ބެލުން
  • އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

ފިނޭންސް މިނިސްޓްރީން ދޭ ޔަގީންކަމަކީ، ރާއްޖޭގެ ރިޒާވް މި ވަގުތު ހުރި ވަރުން، އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށާއި މުދާ އިމްޕޯޓްކުރުމުގެ ހަކަތަ ހުރި ކަމެވެ. އެ ފައިސާ އެބަހުރި ކަމެވެ.

"ކަންކަމަށް ތައްޔާރުވެ ތިބުމަކީ ނާޒުކު ހާލަތްތަކުން އެއްކޮށް ސަލާމަތްވުން ނޫން ކަމުގައި ވިޔަސް، އެއީ އެފަދަ ހާލަތްތަކުން އަރައިގަތުމުގެ ގާބިލުކަން ނުވަތަ 'ރެސިލިއަންސް' ވަރުގަދަކޮށްދޭ ކަމެއް. ހުޅުވާލެވިފައިވާ ކުދި އިގްތިސާދުތަކަށް ބޭރުގެ ފަރާތްތަކުން ކުރިމަތިވާ ލޮޅުންތަކުގެ އަސަރު ކުޑަކުރެވޭ މިންވަރު ބިނާވެފައި އޮންނަނީ، މުއައްސަސާތަކުގެ ނިޒާމީ ހަރުދަނާކަމާއި އިގްތިސާދީ އަޚްލާގީ މިންގަނޑުތަކުގެ މައްޗަށް." ކުރީގެ މިނިސްޓަރު އަހްމަދު ވިދާޅުވިއެވެ.

ބަހްރެއިންގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް އީރާނުން ރައްދުކުރި ހަމަލާ --

ކޮންމެއަކަސް ބޯވިލާގަނޑުން ވާރޭ އޮއްސައިލައިފިއެވެ. ސުވާލަކީ ގަދަވަޔާއި، ކޮޅިގަނޑުން ސަލާމަތްވެވޭ ފަދަ ވަރުގަދަ ހިޔާވަހިކަމެއް މިހާރު ހޯދިފައި އެބައޮތްތޯއެވެ. އެ ހިޔާވަހިކަމަކީ ކިހާ އިރަކު، ވިއްސާރައިން ސަލާމަތްކޮށްދޭނެ ހިޔާވަހިކަމެއްތޯއެވެ.

ޔަގީނުން ވެސް، ދުނިޔޭގެ ވެސް އަދި ރާއްޖޭގެ ތަޖުރިބާކާރުން ވެސް އިއްތިފާގުވާ ކަމަކީ މެދުއިރުމަތީގެ މި ހަމަނުޖެހުން ދިގުލައިގެން ގޮސްފިނަމަ ދުނިޔޭގެ އިގްތިޞާދު ވެސް ހީނަރުވާނެ ކަމެވެ. އަދި ދުނިޔޭގެ އިގްތިޞާދަށް އަންނަ ލޮޅުންތަކާ އެކުގައި ވެސް ރާއްޖޭގެ އިގްތިޞާދު މިހާރު އޮތް ފައްތަރުން މާ ނާޒުކު ހާލަތަކަށް ވެއްޓުނަ ނުދީ ހިންގަން ހުންގާނު އޮތީ ސަރުކާރުގެ އަތުގައި ކަމެވެ.

އެއާއެކު އުފެދޭ ބޮޑު ދެ ސުވާލަކީ، މެދުއިރުމަތީގެ ހަމަނުޖެހުން ކިހާ ދުވަހަކަށް ދެމިގެން ދާނެތޯއެވެ. އަދި ރާއްޖެއަށް ހަގީގަތުގައި އަސަރުކުރާނެ ވަރާއި، ހިފަހައްޓައިލެވޭނީ ކިހާ ދުވަހަކަށްތޯއެވެ. ކުރިއަށް އޮތްތަނުގައި މި ދެ ސުވާލުގެ ޖަވާބު ވެސް ތިލަވާނެއެވެ.

comment ކޮމެންޓް