ޤާނޫނީ ވަކީލު ކަމުގެ ފޭކް ޑިގްރީ ސެޓްފިކެޓެއް ބޭނުންކޮށްގެން ޕާކިސްތާނުގެ ފަނޑިޔާރަކު ފަސް އަހަރު ވަންދެން އެ ގައުމުގެ ހައިކޯޓެއްގައި މަސައްކަތް ކުރިކަން ބޭޒާރުވެއްޖެއެވެ.
ޕާކިސްތާނުގައި ނެރޭ މަޝްހޫރު 'ޑޯން' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު 116 ސަފުހާގެ ތަފުސީލީ ޙުކުމަކާ އެކު، އެ ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ ޖަސްޓިސް ތާރިޤް މަޙްމޫދު ޖަހަންގީރީ ވަނީ މަގާމުން ވަކިކޮށްފައެވެ.
ޕާކިސްތާނުގެ މި ފަނޑިޔާރު އިސްލާމްއާބާދު ހައި ކޯޓުގައި ފަސް އަހަރު ދުވަހު މަސައްކަތް ކުރެއްވިއިރު، އޭނާގެ ޤާނޫނީ ސަނަދަކީ ސައްހަ އެއްޗެއް ނޫންކަން އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.
ނަމަވެސް، ހައި ކޯޓުގެ ބެންޗުން ނިންމާފައި ވަނީ އޭނާގެ ޑިގްރީ އަކީ ފެށުނީއްސުރެ ބާތިލް އެއްޗެއް ކަމަށެވެ. އެހެންކަމުން، އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމަކީ ޤާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފަނޑިޔާރު ޖަހަންގީރީ ހައި ކޯޓަށް އައްޔަންކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތު އަދާކުރުމުން އެކަހެރިކޮށްފައެވެ. ކޯޓުގެ މި ނިންމުން ބިނާކޮށްފައި ވަނީ ކަރާޗީ ޔުނިވަސިޓީގެ ރެޖިސްޓްރާ ހުށަހެޅުއްވި އަސްލު ރެކޯޑުތަކުގެ މައްޗަށެވެ.
ޖަހަންގީރީގެ ތައުލީމީ ލިޔެކިޔުންތަކަކީ އޮޅުވާލައިގެން ހޯދާފައިވާ ފޭކު ލިޔުންތަކެއްކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.
ޙުކުމުގައިވާ ގޮތުން، 1988 ވަނަ އަހަރު ޖަހަންގީރީ އިމްތިހާނުގައި ބައިވެރިވީ ސައްހަ ނޫން އެންރޯލްމަންޓް ނަންބަރެއް ބޭނުންކޮށްގެންނެވެ.
އެ ފަހަރު އިމްތިހާނުގައި ކޮޕީ ކުރަނިކޮށް އަތުލައިގަނެވި، 1989 ވަނަ އަހަރު ޔުނިވާސިޓީން އޭނާ ތިން އަހަރަށް ސަސްޕެންޑް ކުރިއެވެ. ނަމަވެސް، އެ އަދަބު ގަބޫލުކުރުމުގެ ބަދަލުގައި އޭނާ ވަނީ އިތުރު އޮޅުވާލުންތަކެއް ގެންގުޅެފައެވެ.
އެގޮތުން، ޖެހިގެން އައި އަހަރު "އިމްތިޔާޒް އަޙްމަދު" ކިޔާ އެހެން ދަރިވަރެއްގެ އެންރޯލްމަންޓް ނަންބަރު ބޭނުންކޮށްގެން އޭނާ އަލުން އިމްތިޙާނުގައި ބައިވެރިވިއެވެ. މީގެ އިތުރުން، ގަވަމަންޓް އިސްލާމިއާ ލޯ ކޮލެޖުގެ ޕްރިންސިޕަލް ކޯޓުގައި ވިދާޅުވެފައި ވަނީ ޖަހަންގީރީއަކީ އެއްވެސް އިރެއްގައި އެ ކޮލެޖަށް ކިޔަވަން ވަދެފައިވާ ދަރިވަރެއް ނޫން ކަމަށެވެ.
ޖަހަންގީރީއަށް އޭނާގެ އަސްލު ލިޔެކިޔުންތައް ހުށަހެޅުމަށް ކޯޓުން އެތައް ފުރުސަތެއް ދިން ނަމަވެސް، އޭނާއަށް އެކަން ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށާއި މައްސަލަ ފަސްކުރުމަށް އެކި ބަހަނާތައް ދައްކައި އޭނާ އެދެމުން ދިޔައެވެ.
ކޯޓުގެ ބެންޗުން ބުނި ގޮތުގައި މިއީ މައްސަލަ ދިގު ދަންމައި ވަގުތު ބޭކާރު ކުރުމަށް އޭނާ ކުރި ކަންތައްތަކެކެވެ. މައްސަލަ ހުށަހެޅި ފަރާތުން ހެކި ހުށަހަޅާފައިވާތީ، އޭނާގެ ސަނަދަކީ ސައްހަ އެއްޗެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮތީ އޭނާގެ އަތްމަތީގައެވެ. ނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާތީ ކޯޓުން ނިންމީ އޭނާގެ ސަނަދަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.