ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
އަމީން އެފަދައިން ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ އެކި ގޮތް ގޮތަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު އަމީން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ރާވާފައިވާ ޕްލޭނަކީ، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާއާއި އެއާޕޯޓު ހިންގުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އަމީން ވިދާޅުވިއެވެ.
މީޑިއާތަކަށް ދެއްވި މައުލޫމާތުގައި އިތުރަށް އަމީން ވިދާޅުވީ މިހާރު ދެކެވެމުންދާ ވާހަކަތަކާ ހިލާފަށް، ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރުމަށް ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މިވަގުތު ރޭވިފައި ނެތްކަމަށެވެ.
އެހެންކަމުން، ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނުވަތަ އެފަދަ ކަމަކަށް ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
މިނިސްޓަރު އިތުރަށް ވިދާޅުވީ އާންމުންގެ މެދުގައި އޮޅުން ބޮޅުން އުފެދިދާނެ ފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ބަދަލުގައި، ސަރުކާރުގެ ރަސްމީ އިދާރާތަކުން މައުލޫމާތު ސާފުކުރުމަށް މީޑިއާތަކަށާއި އާންމުންނަށް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ދެފުށް ފެންނަ ގޮތެއްގައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ އެކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ނެރޭ ރަސްމީ ބަޔާންތަކަށް ބަރޯސާވުމަށް އެދިވަޑައިގެންފައެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓެވެ. ނަމަވެސް އެ އެއާޕޯޓަށް 12 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މާބޮޑު ތަރައްގީއެއް ނައިސް އޮތުމަކީ އެ ރަށު ރައްޔިތުންނާއި ކައިރި ރަށްތަކުގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.