މާލެ ސިޓީ ކައުންސިލްގެ ޖަލްސާތަކަށް ގަވައިދުން ހާޒިރު ނުވާތީ، މާލޭގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝަށް ލިޔުމުން ނަސޭހަތް ދީފިއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ސޮއިކުރައްވައި އަރީޝަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މަގުބޫލު އުޒުރެއް ނެތި އެ ކައުންސިލްގެ އަށް ޖަލްސާއަކަށް އަރީޝް ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކަން ތަކުރާރުނުކުރުމަށް އެދި ވަނީ ނަސޭހަތްތެރިވެފައެވެ.
ހަމައެއާއެކު އެކަން ތަކުރާރުކޮށްފިނަމަ އިތުރު އިންޒާރަކާ ނުލައި، ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އާޒިމް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުނުވާތީ އަރީޝަށް ނަސޭހަތް ދިން އިރު، މާލެ ސިޓީ ކައުންސިލްގެ ގިނަ ޖަލްސާތަކުގެ ކޯރަމް ހަމަނުވެ، ޖަލްސާތައް މިފަހުން ނުބޭއްވި ވެސް ހިނގައްޖެއެވެ. އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް އޮތްއިރު، ޕީއެންސީގެ ގިނަ ކައުންސިލަރުން ޖަލްސާތަކަށް ނާންނަ މައްސަލަ މިފަހަކުން ވަނީ ފެންމަތިވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ބައެއް ކައުންސިލަރުން ބަރާބަރަށް ހާޒިރުވެވަޑައިނުގަންނެވުމުގެ ސަބަބުން އެތައް ޖަލްސާއެއް ކެންސަލްކުރަން ޖެހޭތީ ޢާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެ ގޮތުން، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައިހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާ އެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ.
މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ފާއިޒެވެ.
އޭގެ ކުރިން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ބޭއްވިފައެއް ނުވެއެވެ.