ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަކޮށް، ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފިއެވެ.
އެ ގައުމުން މިއަދު އާންމުކޮށްފައިވާ ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކުގައިވާ ގޮތުން ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ އިލާކާއެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން އެ ގައުމުގެ ކެބިނެޓުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން، ދިވެހިރާއްޖެއާއެކު އޮތް ހުރިހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއާ ބެހޭ ބިލު" މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. މި ބިލަށް އަމަލުކުރަން ފަށާނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން ކަމަށް ކެބިނެޓުގެ ނިންމުންތަކުގެ ތެރޭގައިވެއެވެ.

ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވެވުން -- ފޮޓޯ/ ރައީސް އޮފީސް
މޮރިޝަސްއިން އެގޮތަށް ނިންމިއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފޯޅަވަހީގެ ރަށްތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީން ދަންނަ, ރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރީގެ ރަސްމީ ލިޔެކިއުންތަކުގައި ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނައިފައިވާކަން ތާރީޚުން ކަށަވަރުވާ ކަމަށެވެ. އެ ކަންކަމާ އެކީގައި ޗާގޯސްގެ ރަށްތައް ކައިރިއަށް އޭރުވެސް މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނިކުންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޗާގޯސްގެ ރަށްތަކާއި ދިވެހީންގެ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އެކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ އިނގިރޭސި ސަރުކާރަށް އަށެއް ނޮވެންބަރު 2024ގަ، އަދި 18 ޖެނުއަރީ 2026ގަ ލިޔުމުން ހުށަހަޅައިފައި،" ރައީސް އެ ދުވަހު ވިދާޅުވިއެވެ.
އަދި މިދިޔަ ޑިސެންބަރު މަހުގެ 15ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާއަށް ފޯނުން ގުޅުއްވައި އެކަން ސަމާލުކަމަށް ގެނެސް އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު، ރާއްޖޭން ފޯޅަވަހި ހޯދުމަށް ވަކާލާތު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ވަނީ ސިފަކޮށްފައެވެ.
ކަން މިހެން އޮއްވާ އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ހައުސް އޮފް ކޮމަންސްގެ މެންބަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވީ، ފޯޅަވަހީގެ ރަށްތަކާ ގުޅުން އޮތް ތާރީޚެއް އޮތީ ރާއްޖެއާ ކަމަށާއި، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށް ދައުވާނުކުރެވޭނެ ކަމަށެވެ. ފަރާޖް ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ ރާއްޖެ ކަމަށް ބުނެ ރާއްޖެއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ. އެހެންވެ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް އެ ރަށްތައް ދިނުމަށް ކުރާ މަސައްކަތްތައް މިހާރުން މިހާރަށް މަޑުޖައްސާލުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.
ފޯޅަވައްސަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދަތުރެއްގައި ދިއުމަށްކަމަށް ވިދާޅުވެ މިދިޔަ ހަފުތާ ބަންދުގައި ފަރާޖް ރާއްޖެ ވަޑައިގަތެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އޭނާ އެ ތަނަށް ދިއުމަށް އިނގިރޭސިވިލާތުން ވަނީ ހުރަސްއަޅާފައެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ، ގާޑިއަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރާޖު ރާއްޖޭގައި ހުންނެވިކަން އެ ސަރުކާރަށް އެނގުނީ އޭނާގެ ވީޑިއޯ އާންމުކުރުމުންނެވެ. އަދި ފޯޅަވަހި ފަދަ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކަށް ދިއުމަށް އޭނާ އެއްވެސް ހުއްދައަކަށް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް އެ ގައުމުން ބުނެއެވެ.