އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޗާގޯސް ޖަޒީރާ ގަތުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށް މޮރިޝަސްގެ ސަރުކާރުން ބުނެފިއެވެ.
މޮރިޝަސްއިން މިކަން ހާމަކޮށްފައި ވަނީ، އެމެރިކާގެ ވައިޓް ހައުސްއިން އެ ރަށްތައް ގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިނގިރޭސިވިލާތުގެ 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މޮރިޝަސްގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ޓެލެގްރާފްގެ ރިޕޯޓުގައިވާ މައުލޫމާތު އެ ގައުމުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ނަމަވެސް ޑިއޭގޯ ގާސިއާ ނުވަތަ ޗާގޯސް ޖަޒީރާއާ ގުޅޭ ގޮތުން ވަކި އެއްބަސްވުމެއް ހެދުމަށް އެމެރިކާގެ ސަރުކާރުން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރަކީ އެއްވެސް ހާލަތެއްގައި ގޮތްދޫކުރާނެ ކަމެއް ނޫންކަމަށް އެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
މޮރިޝަސްއިން ދެކޭ ގޮތުގައި 1968 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުމުގެ ކުރިން އިނގިރޭސިވިލާތުން ޗާގޯސް ވަކިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ބައިނަލްއަގުވާމީ ކޯޓުތަކުން ވެސް ވަނީ ޗާގޯސްގެ މައްޗަށް އޮތީ މޮރިޝަސްގެ ބާރުކަމަށް ކަނޑައަޅާފައެވެ.
ޓެލެގްރާފް ނޫހުން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާ ގަތުމުގެ ވިސްނުމަކީ ވައިޓް ހައުސްއިން މިހާރު އެކުލަވާލަމުންދާ ގިނަ އިޚުތިޔާރުތަކެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ކަރުދާސް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ، އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ނިންމަވާފައިވާ ނިންމެވުމަށް ބަދަލުތަކެއް ގެނައުމެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ވިސްނުމަކީ އިނގިރޭސިވިލާތާ ނުލައި ސީދާ މޮރިޝަސްއާއެކު މުއާމަލާތްކޮށް، ޑިއޭގޯ ގާސިއާގެ ކޮންޓްރޯލް ހޯދުމެވެ. ޑިއޭގޯ ގާސިއާއަކީ އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ހިންގާ ވަރަށް މުހިންމު އަސްކަރީ މަރުކަޒެއް އޮންނަ ރަށެކެވެ.

މޮރިޝަސްއާ އެކު ވެވުނު އެއްބަސްވުމާ ގުޅިގެން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ފޮޓޯ/ ބީބީސީ
އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ބުނި ގޮތުގައި، ޑިއޭގޯ ގާސިއާއަކީ އިންޑިއާ ކަނޑުގައި އެމެރިކާގެ ގައުމީ ސަލާމަތަށް ނުހަނު މުހިންމު އަދި ކޮންމެހެން ބޭނުންތެރި އަސްކަރީ މަރުކަޒެކެވެ. އެހެންކަމުން، އެ ރަށުގެ ކޮންޓްރޯލް ޗައިނާއާ ގާތް ގުޅުމެއް ބާއްވާ ގައުމެއްގެ އަތްމައްޗަށް ދިއުމަކީ އެމެރިކާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މި ސަބަބަށްޓަކައި، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ފަދަ އިސް ބޭފުޅުން ވަނީ މި މައްސަލަ ރައީސް ޓްރަމްޕްގެ ސަމާލުކަމަށް ގެންނަވާފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައި ވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުން މި އަހަރުގެ އޭޕްރީލް މަހު މަޑުޖައްސާލުމާ ގުޅިގެންނެވެ. އިނގިރޭސިވިލާތުން އެ ނިންމުން ނިންމާފައި ވަނީ، އެ އެއްބަސްވުމަކީ "ވަރަށް ބޮޑު ގޯހެއް" އަދި "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުން ވަނީ، އަހަރަކު 101 މިލިއަން ޕައުންޑް (135 މިލިއަން އެމެރިކާ ޑޮލަރު) ދައްކައިގެން 99 އަހަރަށް ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށްފަހު، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ.
ތާރީޚަށް ބަލާއިރު، 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒު ގާއިމުކުރުމަށްޓަކައި، އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުގެ އަސްލު ވަޒަންވެރިން ކަމަށްވާ 2،000 އެއްހާ ޗާގޯސް މީހުން ގަދަކަމުން މޮރިޝަސްއަށާއި ސީޝެލްސްއަށް ބަދަލުކޮށްފައެވެ. އެ މީހުން އަދިވެސް ދަނީ އެނބުރި އަމިއްލަ ވަޒަނަށް ދިއުމުގެ ހައްގު ހޯދުމަށް މަސައްކަތްކުރަމުންނެވެ. މި މައްސަލައިގައި އެމެރިކާއިން އަދި ރަސްމީކޮށް ވަކި ގޮތެއް ނިންމާފައި ނުވާއިރު، އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމުގެ މުސްތަގުބަލު ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޗާގޯސްއަކީ ރާއްޖޭން މިލްކުވެރިކަމަށް ވަކާލާތުކުރާ ތަނެކެވެ. ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ރާއްޖޭން ބަލައިނުގަންނަ ކަމަށާއި، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ.
އޭގެފަހުން މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.