މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ޖަޒީރާގެ ކޮންޓްރޯލް އެ ގައުމާ ހަވާލުނުކޮށްފިނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ގޮތުން ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސް ސަރުކާރުން ހާމަކޮށްފިއެވެ.
ބައިނަލްއަގްވާމީ ނޫސްތަކުގައިވާ ގޮތުން، މިކަން ހާމަކުރެއްވީ މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމްއެވެ.
މޮރިޝަސްގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ރާމްގޫލަމް ވިދާޅުވީ، އިނގިރޭސި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ލަސްވަމުންދާތީ، އެ ގައުމާ ދެކޮޅަށް ދައުވާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި ލަންޑަނުގައި ތިއްބެވި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމަކާ ބައްދަލުކުރައްވައި، މޮރިޝަސްއަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ ހުރިހާ ފުރުސަތުތަކެއް ދިރާސާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާމްގޫލަމް އިތުރަށް ވިދާޅުވީ، މޮރިޝަސްއިން އަދިވެސް އިސްކަންދެނީ އެއްވެސް ކޯޓަކަށް ނުގޮސް، ސުލްހަވެރިކަމާއެކު ޑިސެމްބަރު 2026 ގެ ކުރިން މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް، މައްސަލަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ބޭނުންޖެހިއްޖެ ހިނދެއްގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު --މިދިޔަ މަހު 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ލޭބަރ ޕާޓީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން މަޑުޖެހިފައިވަނީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރާ ގުޅިގެންނެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ ޗާގޯސްގެ ޑިއެގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ އަދި އިނގިރޭސި އަސްކަރީ މަރުކަޒަށް މި އެއްބަސްވުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިނގިރޭސި ސަރުކާރުގެ އިސްވެރިންނާ އެންޓީގުއާގައި ބޭއްވުނު ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ބައްދަލުކުރެއްވުމަށްފަހު، މި އަހަރު ނިމުމުގެ ކުރިން މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވީ ނަމަވެސް، އިނގިރޭސި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެއްބަސްވުން އަލުން ބައްޓަންކުރުމަށެވެ.
މި މައްސަލައިގައި އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ޝެޑޯ ފޮރިން ސެކްރެޓަރީ ޓޮމް ޓުގެންދާތު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޒާރުތަކަށް އިނގިރޭސިވިލާތް ބޯލަނބައިގެން ނުވާނެ ކަމަށާއި، މި އެއްބަސްވުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށެވެ. އަދި ޗާގޯސް ރަށްތައް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބޭއްވުމަކީ އިނގިރޭސި އަދި އެމެރިކާގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާހެދި މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުން ވެސް ވަނީ ކަނޑައިލައިފައެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު، އެ ސްޓޭންޑް ބަދަލުކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 22 އޮގަސްޓު 2022 ގައެވެ. އެ ސިޓީފުޅު މި ސަރުކާރުން ވަނީ 19 ޑިސެމްބަރު 2023 ގައި އާންމުކޮށްފައެވެ. ދެ ގައުމުގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ 95,563 އަކަކިލޯމީޓަރުގެ ސަރަހައްދު ބެހުމުގައި އިޓްލޮސްއިން ނިންމި ނިންމުމާ އެކު ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ ޒަމާނުއްސުރެ ދިވެހިން މަސްވެރިކަމަށް ގޮސް އުޅުނު، ދިވެހިރާއްޖެއާ ތާރީޚީ ގޮތުން ގުޅިފައިވާ ސަރަހައްދެކެވެ.
އިޓްލޮސްގެ ނިންމުމާ ގުޅިގެން ވެރިކަންކުރާ ޕީއެންސީން އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ އެ މުޅި ސަރަހައްދަކީ ރާއްޖެއަށް ހައްގުވާ ބައެއް ކަމަށާއި، ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.