ކުރު ވީޑިއޯ ބެލުމުން ސަމާލުކަން ކުޑަވާކަމަށް ދިރާސާއަކުން ދައްކައިފި

ކުރު ވީޑިއޯތަކަށް ދެވިހިފުމުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު (ސެލްފް ކޮންޓްރޯލް) ވެސް ދަށްވޭ --

މޯބައިލް ފޯނު ބޭނުންކޮށްގެން ކުރު ވީޑިއޯތައް (ޝޯޓް ވީޑިއޯ) ބެލުމަކީ އިންސާނުންގެ ސަމާލުކަން ދިނުމުގެ ގާބިލިއްޔަތަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން އައު ދިރާސާއަކުން ހާމަވެއްޖެއެވެ.

"ފްރޮންޓިއާސް އިން ހިއުމަން ނިއުރޯސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާ ގޮތުން، ކުރު ވީޑިއޯތަކަށް ދެވިހިފުމާއި ސަމާލުކަން ދިނުމުގެ ބާރު ކުޑަވުމާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ.

މި ދިރާސާގައި ޖުމްލަ 48 މީހުން ބައިވެރިކޮށް، އެމީހުންގެ ސަމާލުކަން ހުންނަ މިންވަރު ދެނެގަތުމަށް "އެޓެންޝަން ނެޓްވޯކް ޓެސްޓް" (އޭއެންޓީ) ވަނީ ބޭނުންކޮށްފައެވެ. އަދި ވީޑިއޯތަކަށް ދެވިހިފާފައިވާ މިންވަރު ވަޒަންކުރުމަށް ޚާއްސަ ސުވާލު ކަރުދާހެއް ބޭނުންކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ކުރު ވީޑިއޯތަކަށް ދެވިހިފާފައިވާ މީހުންގެ ސަމާލުކަން ދިނުމުގެ ގާބިލުކަން، އެހެން މީހުންނަށްވުރެ ދަށްވެފައިވެއެވެ. ޚާއްސަކޮށް، ސިކުނޑީގެ ނާރުތަކުގެ މަސައްކަތް ބެލުމަށް ހެދި "އިލެކްޓްރޯއެންސެފަލޮގްރާމް" (އީއީޖީ) ޓެސްޓުތަކުން ހާމަވި ގޮތުގައި، މިފަދަ މީހުންނަށް ކަންކަމުގައި ސަމާލުކަން ހިފެހެއްޓުމަށާއި ކަންކަން ކޮންޓްރޯލް ކުރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވެއެވެ.

https://sun.mv/170140

މީގެ އިތުރުން، ކުރު ވީޑިއޯތަކަށް ދެވިހިފުމުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު (ސެލްފް ކޮންޓްރޯލް) ވެސް ދަށްވާކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންކަމުން، ކުރު ވީޑިއޯ ބެލުމަށް ހޭދަކުރާ ވަގުތު މަދުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމްތަކެއް ތައާރަފުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ފަހަކަށް އައިސް ޓިކްޓޮކް، އިންސްޓަގްރާމް ރީލްސް އަދި ޔޫޓިއުބް ޝޯޓްސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކުރު ވީޑިއޯ ބެލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. މިފަދަ ވީޑިއޯތައް ފަރުމާކޮށްފައި ހުންނަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ސިކުނޑިއަށް "ޑޯޕަމިން" ނުވަތަ އުފާވެރިކަން ގެނެސްދޭ މައުލޫމާތުތަކެއް ފޯރުކޮށްދީ، މީހާ އެކަމަށް ދެވިހިފާ ގޮތަށެވެ.

ގިނަ ވަގުތު އެއް ކަމަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އަވަސްއަވަހަށް ވީޑިއޯތައް ބަދަލުކުރުމުގެ ސަބަބުން އިންސާނާގެ ސިކުނޑީގެ ސަމާލުކަން ހުންނަ މިންވަރު ނުވަތަ "އެޓެންޝަން ސްޕޭން" ކުރުވަމުންދާ ކަމުގެ ކަންބޮޑުވުން މީގެ ކުރިންވެސް ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ.

މި އައު ދިރާސާއަކީ އެ ކަންބޮޑުވުންތަކަށް ސައިންޓިފިކް ހެކިތަކެއް ލިބިގެންދިޔަ ހޯދުމެކެވެ.

comment ކޮމެންޓް