ޔޫޓިއުބް ޝޯޓްސް ޓީވީން ބެލޭގޮތް ހަދައިފި

ޔޫޓިއުބުން ޓިކްޓޮކްއާ އެއް ވައްތަރަކަށް އުފައްދާފައިވާ 'ޝޯޓްސް' އެޕް ޓީވީއިން ބެލޭ ގޮތް ހަދައިފިއެވެ.

ޝޯޓްސް އެޕް މިހާރު ޓީވީއިން ބެލޭ ގޮތް ހަދާފައި ވަނީ އެ އެޕަށް ގެނައި އަޕްޑޭޓެއްގައެވެ.

ހޯމަ ދުވަހުގެ ރޭ ޔޫޓިއުބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދުވަހުން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އަދި ހުރިހާ ޔޫޒަރުންނަށް އެމީހުންގެ ޔޫޓިއުބު ހޯމްސްކްރީން ޓީވީއިން ޝޯޓްސް އެޕް މެދުވެރިކޮށް ވީޑިއޯ ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޔޫޓިއުބް ޝޯޓްސްގައި ވީޑިއޯތައް ހެދެނީ ގިނަ ވެގެން 60 ސިކުންތަށެވެ.

މި ޚިދުމަތް ޔޫޓިއުބުން ސްމާޓް ޓީވީތަކަށް ދޫކުރަމުންދާއިރު، ޓީވީން ޝޯޓްސް ފެންނާނީ ފޯނުން ފެންނަ ގޮތާ ކޮންމެވެސް ވަރަކަށް ތަފާތުކޮށެވެ. އެގޮތުން ޓީވީން މި ޝޯޓްސް ނުވަތަ ކުރުވީޑިއޯތައް "އޮޓޯޕްލޭ" ނުވާނެއެވެ. އެހެންކަމުން އެއް ވީޑިއޯއަށް ފަހު ޖެހިގެން އަންނަ ވީޑިއޯ އޮޓޮމެޓިކްކޮށް ޕްލޭ ނުވާނެއެވެ. ވީޑިއޯ ބަލާ މީހަކު ޖެހޭނީ ރިމޯޓް ބޭނުންކޮށްގެން ކުރީގެ ވީޑިއޯއަށް ނުވަތަ ކުރިއަށް އޮތް ވީޑިއޯއަށް ދާށެެވެ. އަދި ވީޑިއޯއެއް ޕްލޭ ވަމުންދާއިރު ހުއްޓާލުމަށް ބޭނުންނަމަ ޕްލޭ ނުވަތަ ޕޯޒް ބަޓަން ބޭނުން ކުރެވޭނެއެވެ.

"އަޅުގަނޑުމެންގެ މިޚިދުމަތް މިހާރުވެސް ވަރަށް ފަސޭހަވާނެ އަދިވެސް ކުރިއަށް އޮތް ރިލީޒްތަކުގައި އިތުރު ފަންކްޝަންތައް ގެނައުމަށް ވިސްނާނަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ތަޖުރިބާއިން ޝޯޓްސްގެ މަޖާކަން އިހުސާސް ކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.

ޓީވީއަށް ޔޫޓިއުބް ޝޯޓްސް ޕްލޭޔާ ލޯންޗް ކުރުމަށްޓަކައި ޔޫޓިއުބް އެޕް ހުޅުވުމަށް ފަހު ޝޯޓްސް ބަލަން ފެށިދާނެއެވެ. ނުވަތަ ޔޫޓިއުބްގެ ވަކި ކްރިއޭޓާސްގެ ޗެނަލަކަށް ޒިޔާރަތްކޮށްލުމަށްފަހު "ޝޯޓްސް" ޓެބަށް ގޮސް، ވީޑިއޯއެއް ހުޅުވިދާނެއެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ތަޖުރިބާ، 2019އަށް ވުރެ ފަހުގެ ޓީވީތަކަށާއި ފަހުގެ ގޭމް ކޮންސޯލްތަކަށް ވެސް ތައާރަފު ކުރާނެއެވެ.

މިކަމުގެ އިތުރުން ޔޫޓިއުބުން ވަނީ ޝޯޓްސްގެ އެކި ޑިޒައިންތައް ވެސް ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި "ޖޫކްބޮކްސް" ޑިޒައިން ހިމެނެއެވެ. އެއި ޓީވީ ސްކްރީންގެ އިތުރު ޖާގައިގެ ފުރިހަމަ ފައިދާ ނަގައިގެން، އެއް ފަހަރާ އެތައް ޝޯޓްސްއެއް ސްކްރީނުން ފެންނާނެ ގޮތް ހަދަން އެ ކުންފުނިން ޓެސްޓު ކުރިއެވެ.

ނަމަވެސް ޝޯޓްސް ދައްކަން ޖެހެނީ ފަހަރަކު އެއް ވީޑިއޯގެ ގޮތުގައި ކަމަށް ދެކި، އެ ޑިޒައިން ތައާރަފު ނުކުރަން ޔޫޓިއުބުން ނިންމިއެވެ.

ޔޫޓިއުބް ޝޯޓްސްއަށް ދުވާލަކު 30 ބިލިއަން ވިއުސް މިހާރު ލިބޭިއިރު، މި ޚިދުމަތް ބޭނުން ކުރާ މީހުންގެ އަދިވެސް ދަނީ އިތުރުވަމުންނެވެ.

ޔޫޓިއުބްގެ އިތުރުން ޓިކްޓޮކުން ވެސް ދަނީ ސްމާޓް ޓީވީއަށް އެ އެޕް ތައާރަފް ކުރުމުގެ މަސައްކަތްތައް ތަޖުރިބާ ކުރަމުންނެވެ.

comment ކޮމެންޓް